ޝަރަފްވެރި އެވޯޑުން ލިބުނު ހިތްވަރާއެކު ހާލަންޑް ލަނޑު ގޯންޏެއް އޮއްސާލައިފި

ޝަރަފްވެރި އެވޯޑުން ލިބުނު ހިތްވަރާއެކު ހާލަންޑް ލަނޑު ގޯންޏެއް އޮއްސާލައިފި

ޢަބްދުﷲ އަޝްރަފް

ޔޫރަޕްގައި ކުޅޭ އުމުރުން 21 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާ އަށް އިޓަލީގެ ނޫހަކުންދޭ ގޯލްޑަން ބޯއީ އެވޯޑް ހޯދުމަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް ހަތަރު ގޯލު ޖަހައިފި އެވެ. އުމުރުން 20 އަހަރުގެ ހާލަންޑް މި ލަނޑުތައް ޖަހައިފައިމިވަނީ ޖަރުމަނުގެ ބުންޑަސް ލީގާ ގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑުން ހާތާ ބާލިންއާ ދެކޮޅަށް ކުޅެ 2-5 އިން މޮޅުވި މެޗުގަ އެވެ.

ރޭގެ މެޗުގައި ހާލަންޑް ޖެހި ހަތަރު ގޯލުވެސް ޖަހައިފައިވަނީ މެޗުގެ ފަހު ހާފުގަ އެވެ. އަދި ފުރަތަމަ ތިން ގޯލު އޭނާ ޖަހައިފައިވަނީ އެންމެ 15 މިނެޓްގެ ތެރޭގަ އެވެ. ރޭގެ މެޗުގައި ބޮރޫޝިއާ ޑޯޓްމަންޑުން ފަސް ގޯލު ޖެހީ މެޗުގެ ފުރަތަމަ ހާފުގައި ހާތަ ބާލިން އިން ލަނޑެއް ޖަހައި ކުރި ހޯދައިފައިވަނިކޮށް ފަހު ހާފުގަ އެވެ.

ހާތަ ބާލިންގެ މައްޗަށް ރޭ ހޯދި މޮޅާއެކު ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ޓޭބަލްގެ ދެވަނައަށް ޖެހިލައިފަ އެވެ. އަށް މެޗު ކުޅެގެން ލިބުނު 18 ޕޮއިންޓާއެކު ޓޭބަލްގެ ދެވަނައިގައި ބޮރޫޝިއާ ޑޯޓްމަންޑް އޮތްއިރު އެ ޓީމާ ޓޭބަލްގެ އެއްވަނައިގައި އޮތް ޗެމްޕިއަން ބަޔާން މިޔުނިކާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ. ރޭ އަމިއްލަ ދަނޑުގައި ބަޔާން މިޔުނިކުން ވާޑަ ބްރޭމަން އާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ރޭ ހާލަންޑް ހަތަރު ގޯލު ޖެހި މެޗުގައި ތާރީހީ މުހިއްމު ކަމެއްވެސް ހިނގި އެވެ. އެއީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އެންމެ 16 އަހަރު ވީ ޔޫސޮފާ މުކޯކޯ ކުޅެން ނެރުމެވެ. އެއާއެކު މިދިޔަ ހުކުރު ދުވަހު އުފަން ދުވަސް ފާހަގަކުރި މުކޯކޯ ވެފައިވަނީ ޖަރުމަނުގެ ފުޓްބޯޅައިގެ ތާރީހުގައިވެސް ޕްރޮފެޝަނަލް މެޗެއްގައި ކުޅުނު އެންމެ ހަގު ޖަރުމަނުގެ ކުޅުންތެރިޔާ އަށެވެ.

ހާލަންޑް ރޭ ހަތަރު ގޯލު ޖެހިއިރު އޭނާ ވަނީ މިހާތަނަށް ޑޯޓްމަންޑްގެ ޖޯޒީގައި ކުޅުނު 29 މެޗުގައި 27 ގޯލު ކާމިޔާބުކޮށްފަ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.

  • mukoko ah v 18 ahareh noon 16 aharaa 1 dhuvas eh match kulhun iru liyeveythoa balaathi adhives