ރޮނާލްޑޯ ދެ ގޯލު ޖަހައި ޔުވެންޓަސް ކުރިއަށް ޖައްސައިފި

ރޮނާލްޑޯ ދެ ގޯލު ޖަހައި ޔުވެންޓަސް ކުރިއަށް ޖައްސައިފި

ޢަބްދުﷲ އަޝްރަފް

އިޓާލިއަން ލީގުގައި ރޭ ކަލިއާރީ އާ ދެކޮޅަށް ކުޅުނު މެޗުގައި ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ދެ ގޯލާއެކު ޓޭބަލްގެ އެއްވަނައިގައި މިވަގުތު އޮތް އޭސީ މިލާނާ ޔުވެންޓަސް އިން ގާތްކޮށްފި އެވެ. އަމިއްލަ ދަނޑުގައި ރޭ ޔުވެންޓަސް އިން ކަލިއާރީގެ މައްޗަށް ކުރި ހޯދީ 0-2 އިންނެވެ.

ރޭގެ ނަތީޖާއާ އެކު ޔުވެންޓަސް މިހާރު އޮތީ ޓޭބަލްގެ ދެވަނައިގަ އެވެ. ޔުވެންޓަސް އަށް އަށް މެޗު ކުޅެގެން 16 ޕޮއިންޓް ލިބިފައިވާއިރު އެއް މެޗު މަދުން ކުޅެގެން އެއްވަނައިގައި އޮތް އޭސީ މިލާނަށް ޔުވެންޓަސް އާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ. ހޯމަ ދުވަހުގެ ރޭ ޓޭބަލްގެ ހަތަރުވަނައިގައި އޮތް ނަޕޯލީ އާ ދެކޮޅަށް ކުޅޭ މެޗު އޭސީ މިލާނުން ކާމިޔާބުކޮށްފި ނަމަ އެ ޓީމަށް 20 ޕޮއިންޓް ކަށަވަރު ކުރެވޭނެ އެވެ.

ރޭގެ މެޗުގައި ޔުވެންޓަސް އިން ޖެހި ދެ ގޯލުވެސް ޖަހައިފައިވަނީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 38 ވަނަ މިނެޓްގައި ރޮނާލްޑޯ ކާމިޔާބުކޮށްދިންއިރު ދެވަނަ ލަނޑު އޭނާ ކާމިޔާބުކުރީ އޭގެ ހަތަރު މިނެޓް ފަހުންނެވެ. ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ދެ ގޯލާއެކު އޭނާ ވަނީ މިހާތަނަށް މިފަހަރުގެ ލީގުގައި އެންމެ ގިނަ  ގޯލު ޖަހައިފައިވާ އޭސީ މިލާނުގެ ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗް ޖަހައިފައިވާ ގޯލުގެ އަދަދާ އެއްވަރުކޮށްފައެވެ. ރޮނާލްޑޯ އާއި އިބްރަހިމޮވިޗް މި ސީޒަނުގައި މިހާތަނަށް ލީގުގައި ޖެހި ގޯލުގެ އަދަދކީ އަށެކެވެ.

މިހާތަނަށް ލީގުގައި ޔުވެންޓަސް އިން އަށް މެޗު ކުޅެފައިވާއިރު އެ ޓީމު އަދި ބަލިވެފައެއް ނުވެ އެވެ. ލީގުގައި މިހާތަނަށް ހަތަރު މެޗް އެ ޓީމު ކާމިޔާބުކޮށްފައިވާއިރު އަނެއް ހަތަރު މެޗު ވީ އެއްވަރެވެ. ލީގުގައި ބަލި ނުވެ އަދި މިވަގުތު އޮތީ ޔުވެންޓަސްގެ ވއިތުރުން އޭސީ މިލާނާއި، ތިންވަނައިގައި އޮތް ސަސޯލޯ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.