ނިއުކާސަލް ބަލިކޮށް ޗެލްސީ އެއް ވަނަ އަށް އަރައިފި

ނިއުކާސަލް ބަލިކޮށް ޗެލްސީ އެއް ވަނަ އަށް އަރައިފި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ރަށުން ބޭރުގައި 2-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ޗެލްސީ ލީގު ތާވަލުގެ އެއް ވަނަ އަށް އަރައިފަ އެވެ.

ފަހަކަށް އައިސް ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ޗެލްސީ އެއް ވަނަ އަށް އެރީ ދެ ވަނައިގައި އޮތް ލެސްޓާ ސިޓީއާ އެއްވަރަށް 18 ޕޮއިންޓް ހޯދައި ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ. ނުވަ މެޗުން ޗެލްސީ އިން 18 ޕޮއިންޓް ހޯދިއިރު ލެސްޓާ އިން 18 ޕޮއިންޓް ހަމަކޮށްފައިވަނީ އަށް މެޗުންނެވެ. ލެސްޓާ މާދަމާރޭ ނުކުންނާނީ ލިވަޕޫލްއާ ދެކޮޅަށެވެ. ނުވަ މެޗުން ލިބުނު 11 ޕޮއިންޓާ އެކު ނިއުކާސަލް މިހާރު އޮތީ 13 ވަނައިގަ އެވެ.

މިއީ ހުރިހާ މުބާރާތެއްގައި ޗެލްސީ ޖެހިޖެހިގެން މޮޅުވި ފަސް ވަނަ މެޗެވެ. އަދި އެންމެ ފަހުން ކުޅުނު 12 މެޗުން އެޓީމު ބަލިވެފައެއްނުވެ އެވެ. ފޯމުގައި އޮވެ އަންނަ ހަފްތާގައި ޗެލްސީ ނުކުންނާނީ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ.

މިއަދުގެ މެޗުން މޮޅުވިއިރު ޗެލްސީ އިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ކުރީކޮޅު އެޓީމަށް ލީޑު ލިބުނީ ނިއުކާސަލްގެ ފެޑެރިކޯ ފެނާންޑޭޒް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މިއީ 2014 ސެޕްޓެމްބަރު މަހު ޕްރިމިއާ ލީގުގައި ކުޅެން ފެށި ފެނާންޑޭޒް އަތުން ބައިކޮޅަށް ވަން ފަސް ވަނަ ލަނޑެވެ. ގޯލަށް ފަހު ވެސް ޗެލްސީ އިން ވަނީ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. ފުރަތަމަ ހާފުގައި އެޓީމުގެ ޓިމޯ ވާނާ އަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ވަނީ ބޭކާރުވެފަ އެވެ.

ޗެލްސީގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ވާނާގެ ބުރަ މަސައްކަތުން ޓަމީ އަބްރަހަމް އެވެ. މިއީ މިދިޔަ ސީޒަން ފެށިފަހުން އަބްރަހަމް ހުރިހާ މުބާރާތެއްގައި ޗެލްސީ އަށް ކާމިޔާބުކޮށްދިން 23 ވަނަ ލަނޑެވެ. މި ލަނޑު ޖަހަން ވާނާ އެހީތެރިވެދިނީ އަމިއްލަ ހާފުން ލިބުނު ބޯޅަ ހިފައިގެން ގޮހެވެ. ވާނާ އަތުން ބޯޅަ ހޯދަން އެވަގުތު ނިއުކާސަލްގެ ތިން ކުޅުންތެރިއަކު މަސައްކަތްކުރި އެވެ. ވާނާ ވަނީ އެންމެ ފަހުން ކުޅުނު 10 މެޗުގައި އަށް ލަނޑު ޖަހައި ތިން ލަނޑު ޖަހަން އެހީތެރިވެދީފަ އެވެ.

ލީގުގައި މިރޭ މެންޗެސްޓަރ ސިޓީ އިން ޓޮޓެންހަމާ ދެކޮޅަށް ނުކުންނައިރު މެންޗެސްޓަރ ޔުނައިޓެޑް ނުކުންނާނީ ވެސްޓް ބްރޮމްއާ ދެކޮޅަށެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.