ގޯލްޑެން ބޯއީ އެވޯޑް ހާލަންޑް ހޯދައިފި

ގޯލްޑެން ބޯއީ އެވޯޑް ހާލަންޑް ހޯދައިފި

ޢަލީ ޝަހީމް

ޔޫރަޕްގައި ކުޅޭ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އަހަރުގެ 21 އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ “ގޯލްޑެން ބޯއީ” އެވޯޑް ބޮރޫޝިއާ ޑޯޓްމަންޑާއި ނޯވޭގެ ހުނަރުވެރި ފޯވާޑް އާލިން ބްރައުޓް ހާލަންޑް ހޯދައިފި އެވެ.

ގޯލްޑެން ބޯއީ އެވޯޑަކީ އިޓަލީގެ ޓުޓޯސްޕޯޓް ނޫހުން 2003 ވަނަ އަހަރު ތައާރަފްކުރި އެވޯޑެކެވެ. މި އެވޯޑަށް ވާދަކުރާ ކުޅުންތެރިންނަށް ވޯޓު ދެނީ ޔޫރަޕްގެ މަޝްހޫރު ބައެއް ގައުމުތަކުގެ ނޫސްވެރިންނެވެ. މިގޮތުން މި އެވޯޑަށް ވޯޓުދޭ ނޫސްވެރިން ނިސްބަތްވާ ގައުމުތަކުގެ ތެރޭގައި ޖަރުމަނު، ސްވިޒަލެންޑް، ޕޯޗުގަލް، ފްރާންސް، ސްޕެއިން، ގްރީސް، ރަޝިއާ، ނެދަލެންޑްސް އަދި އިނގިރޭސި ވިލާތް ހިމެނެ އެވެ. ކޮންމެ ނޫސްވެރިއަކު ވެސް ފަސް ކުޅުންތެރިއަކު ހޮވާއިރު ވަކި ތަރުތީބަކުން ކުޅުންތެރިންނަށް ވޯޓު ދޭނެ އެވެ.

މި އެވޯޑް ހޯދާނެކަމަށް ކުރިން ވެސް ހީކުރެވުނު ހާލަންޑްގެ ފަހަތުން މިފަހަރުގެ އެވޯޑަށް ޒުވާން ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ވާދަކުރި އެވެ. ހާލަންޑަށް 302 ޕޮއިންޓް ލިބުނުއިރު އެވޯޑުން ދެ ވަނަ ލިބުނު ބާސެލޯނާގެ ހުނަރުވެރި ފޯވާޑް އަންސޫ ފާޓީ ވަނީ 239 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނަ ލިބުނީ 226 ޕޮއިންޓް ލިބުނު ބަޔާން މިއުނިކްގެ އަލްފޮންސޯ ޑޭވީސް އަށެވެ. ހަތަރު ވަނަ އަށް ދިޔައީ 80 ޕޮއިންޓް ލިބުނު ޖޭޑަން ސަންޗޯ އެވެ. ފިލް ފޯޑެން އަށް ހަތް ވަނަ ލިބުނުއިރު އާސެނަލްގެ ބުކަޔޯ ސާކާ އަށް ލިބުނީ ނުވަ ވަނަ އެވެ. މެންޗެސްޓަރ ސިޓީގެ ފެރާން ޓޮރޭސް 11 ވަނައިގައި އުޅޭއިރު މެންޗެސްޓަރ ޔުނައިޓެޑްގެ މޭސަން ގްރީންވުޑަށް ލިބުނީ 12 ވަނަ އެވެ.

އުމުރުން 20 އަހަރުގެ ހާލަންޑް ވަނީ މިދިޔަ ސީޒަނުގައި ކުޅުނު ހުރިހާ މުބާރާތެއްގައި 44 ލަނޑު ޖަހައިފަ އެވެ. އޮސްޓްރިއާގެ ސާލްޒްބާގްގައި ދައްކަމުން އައި މޮޅު ކުޅުމާ އެކު ބޮޑެތި ޓީމުތަކުން ހާލަންޑް ހޯދަން ކުރި މަސައްކަތް މިއަހަރުގެ ޖެނުއަރީ މަހު ކާމިޔާބުކުރީ ބޮރޫޝިއާ ޑޯޓްމަންޑުންނެވެ. އެ ކްލަބަށް ބަދަލުވުމަށް ފަހު މިދިޔަ ސީޒަނުގައި ހާލަންޑް ވަނީ 18 މެޗުގައި 16 ލަނޑު ޖަހައިފަ އެވެ. ޖަރުމަނުގެ ލީގުގެ މެދެތެރެއިން ޑޯޓްމަންޑަށް ބަދަލުވި ނަމަވެސް ގޯލް ޖެހުމުގެ ރޭޓުން ޖަރުމަނު ލީގުގައި ހާލަންޑަށް ވުރެ ކުރި ލިބުނީ ބަޔާން ފޯވާޑް ރޮބާޓް ލެވަންޑޮސްކީ އެކަންޏަށެވެ.

މި ސީޒަނުގައި ހާލަންޑް ވަނީ ލީގުގައި މިހާތަނަށް ހަ ލަނޑު ޖަހައިފަ އެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައި ހަތަރު ލަނޑު ޖަހާފައިވާއިރު ސީޒަނުގައި ޑޯޓްމަންޑަށް ހުރިހާ މުބާރާތެއްގައި ކުޅުނު 11 މެޗުގައި ހާލަންޑް ވަނީ 11 ލަނޑު ޖަހައިފަ އެވެ.

ޑޯޓްމަންޑުގައި ހާލަންޑް ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު އޭނާ ހޯދުމުގެ ރޭހަށް މަޝްހޫރު ކްލަބްތަކުން އަނެއްކާވެސް ވަންނަން ތައްޔާރަށް ތިބިކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެތެރޭގައި ހިމެނޭ ދެ ކްލަބަކީ ރެއާލް މެޑްރިޑް އަދި ކުރިން ހާލަންޑް ގެންނަން ވަރުގަދައަށް މަސައްކަތްކުރި މެންޗެސްޓަރ ޔުނައިޓެޑެވެ.

“މޮޅަށް ކުޅެންޏާ ބޮޑެތި ކްލަބްތަކުން ފާރަލާނެ އަބަދުވެސް. އެކަމަކު އެއީ ހަމަ ދެކެވޭ ވާހަކަތަކެއް. މިވަގުތު އެހެން ކްލަބަކަށް ބަދަލުވުމުގެ ވިސްނުމެއް ހާލަންޑްގެ ނެތް. ހާލަންޑް ޑޯޓްމަންޑަށް ސޮއިކުރީ ދިގު މުއްދަތަކަށް. އިތުރު ގޮތްތަކެއް ބަލާކަށް ބޭނުމެއް ނޫން” ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ހާލަންޑްގެ ބައްޕަ އަލްފިން ހާލަންޑް ސްޕޯޓް1 އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ހާލަންޑްގެ ބައްޕަ އިތުރަށް ބުނީ ޑޯޓްމަންޑްގައި ހާލަންޑް ތަށި ކާމިޔާބުކުރަން ބޭނުންވާ ކަމަށާއި މިވަގުތު އެހެން ގައުމެއްގެ ކްލަބަކަށް ބަދަލުވުމުގެ ވިސްނުން އެއްވެސަ ވަރަކަށް ނުގެންގުޅޭ ކަމަށެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.