ފުޓްބޯޅައިގެ މަޝްހޫރު ގައުމުތަކުން ތަޖުރިބާކުރި އެންމެ ލަދުވެތި ނަތީޖާތައް

Advertisement

ފުޓްބޯޅައިގެ މަޝްހޫރު ގައުމުތަކުން ތަޖުރިބާކުރި އެންމެ ލަދުވެތި ނަތީޖާތައް

އައްބާސް
އަމިއްލަ ގައުމުގައި ޖަރުމަނު އަތުން ބޮޑު ތަފާތަކުން ބަލިވެ ބްރެޒިލް ކެޓި މެޗުގައި އެޓީމުގެ ކުޅުންތެރިން މާޔޫސްވެފައި

ނިމިގެންދިޔަ ހަފްތާގެ ފުޓްބޯޅައިގެ އެންމެ ބޮޑު އެއް ހަބަރަކަށް ވެގެން ދިޔައީ ސްޕެއިން އަތުން 6-0 ގެ ބޮޑުތަފާތަކުން މަޝްހުރު ޖަރުމަނު ބަލިވުމެވެ. ޔޫއެފާ ނޭޝަންސް ލީގުގެ ދެ ވަނަ ސީޒަނެއް ނާކާމިޔާބާއެކު ޖަރުމަނުން ނިންމާލިއިރު މި ނަތީޖާ ވެގެންދިޔައީ ޖަރުމަނަށް ލިބުނު އިތުރު ލަދުވެތިކަމަކަށެވެ. ގައުމީ ޓީމަކަށް އެންމެ ގިނަ ދުވަހު ކޯޗްކޮށްދިނުމުގެ ރެކޯޑް އޮތް ޔަކިމް ލޯގެ ޓީމު މިއީ ވޭތުވެދިޔަ 83 އަހަރުތެރޭގައި ތަޖުރިބާކުރިއެންމެ ބޮޑު ބައްޔެވެ. އަދި މިއީ އެޓީމުގެ މަޝްހޫރު ގޯލްކީޕަރު މެނުއަލް ނޯޔާ ބަލަހައްޓަމުންދިޔަ ގޯލަކަށް އެއް މެޗެއްގައި 6 ލަނޑު ވަން ފުރަތަމަ ފަހަރެވެ. ފުޓްބޯޅައިގެ ތާރީހްގައި ޖަރުމަނަށް މިފަހަރު މިދިމާވި ފަދަ ލަދުވެތި ދުވަސްތައް އެހެން ބޮޑެތި ޓީމުތަކަށްވެސް ދިމާވެފައި އެބަހުއްޓެވެ. އޭގެތެރޭގައި ބޮޑު ތަފާތަކުން ބަލިވުމާއެކު ވަރަށް އާދައިގެ ޓީމުތައް އަތުން ބަލިވުން ހިމެނެ އެވެ. މިފަހަރު މިބަލާލަނީ އެފަދަ ބައެއް ނަތީޖާ ތަކަށެވެ.

އާޖެންޓީނާ 0 – 1 ކެމަރޫން (1990 ވޯލްޑް ކަޕް)

Advertisement

ކެމަރޫނުން އާޖެންޓީނާ ބަލިކުރި މެޗުގައި ލަނޑު ޖެހުމަށް ފަހު. މިއީ ފުޓްބޯޅައަށް ސިހުން ގެނުވި ނަތީޖާއެއް

1990 ގެ ވޯލްޑް ކަޕް ހުޅުވާ މެޗަށް ކެމަރޫން އާއި ދެކޮޅަށް ޑިއޭގޯ މެރެޑޯނާއާ އެކު އާޖެންޓީނާ ނިކުތީ ތަށި ދިފާއުކުރާށެވެ. އަދި އެމެޗް ފަސޭހަކަމާ އެކު އާޖެންޓީނާ ކާމިޔާބުކުރާނެކަމަށް ބެލެވުނެވެ. އެހެންނަމަވެސް ކެމަރޫން ޓީމުގެ ވަރުގަދަ ކުޅުމުގެ ކުރިމަތީގައި އާޖެންޓީނާ ވީ ބައްޔެވެ. ވަރަށް ފިޒިކަލް ގޭމެއް ފެނުނު މިމެޗް ނިމުނުއިރު ކެމަރޫން ޓީމުން ދަނޑުމަތީގައި ތިބީ 9 ކުޅުންތެރިންނެވެ. އެހެންނަމަވެސް އާޖެންޓީނާއަށް އޭގެ ފައިދާއެއް ވެސް ނުނެގުނެވެ. މިމެޗްގައި ކެމަރޫނުން ގޯލްޖެހީ މެޗްގެ 67 ވަނަ މިނެޓްގަ އެވެ. އެއީ އެޓީމުން އެއް ކުޅުންތެރިއަކު މަދުވިތާ 6 މިނެޓް ފަހުންނެވެ. މިމެޗް ވެގެންދިޔައީ އެފްރިކާގެ ގައުމަކުން އާޖެންޓީނާގެ މައްޗަށް ވޯލްޑް ކަޕްގައި ކުރި ހޯދި ފުރަތަމަ މެޗަށެވެ. މި މުބާރާތުގައި ކެމަރޫން ފުރަތަމަ ބުރުގައި ރުމޭނިއާ ވެސް ބަލިކޮށް ގުރޫޕްގެ އެއް ވަނަ ހޯދި އެވެ. އަދި ދެ ވަނަ ބުރުގައި ކޮލަމްބިއާ ބަލިކޮށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި އެފްރިކާގެ ޓީމަށް ވެގެންދިޔަ އެވެ. ކެމަރޫން ކުއާޓާގައި ބަލިވީ އިނގިރޭސިން އަތުން 3-2 އިންނެވެ. އާޖެންޓީނާ މުބާރާތުގެ ފުރަތަމަ މެޗުން ކެމަރޫން އަތުން ބަލިވިކަމުގައި ވިޔަސް އެ މުބާރާތުގެ ފައިނަލަށް ދަތުރުކުރި އެވެ. ފައިނަލްގައި ބަލިވީ ހުޅަނގު ޖަރުމަނު އަތުންނެވެ.

ބްރެޒިލް 1 – 7 ޖަރުމަނު (2014 ވޯލްޑް ކަޕް)

ޖަރުމަނު އަތުން ލަދުވެތި ގޮތަކަށް ބަލިވުމުން ޑިފެންޑަރު ތިއާގޯ ސިލްވާ ޑޭވިޑް ލުއިޒްއާ އެކު

1950 ގެ ވޯލްޑް ކަޕް ފައިނަލްބުރުގެ އެންމެ ފަހުމެޗް ގައި އަމިއްލަ ރަށުގައި އަވަށްޓެރި އުރުގުއޭ އަތުން ބަލިވުން އެއީ ބްރެޒިލްގެ ފުޓްބޯޅައިގެ ތާރީހްގައި އެންމެ ކަޅު ދުވަހެވެ. އެހެންނަމަވެސް އެއީ 8 ޖުލައި 2014 އާއި ހަމައަށްހެން ހީވެ އެވެ. 16 ޖުލައި 1950 އާއި ހިލާފަށް އެދުވަހު އަމިއްލަ ރަށުގައި ކުޅެވުނު ވޯލްޑް ކަޕް ސެމީ ފައިނަލްގައި ޖަރުމަނު އަތުން 7-1ގެ ބޮޑުތަފާތަކުން ބްރެޒިލް ބަލިވީ މުޅިދުނިޔެ ބަލަން އޮއްވަ އެވެ. އެދުވަހަކީ މުޅި ބްރެޒިލާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބްރެޒިލް ސަޕޯޓަރުން ރޮއެރޮއެ އަވަދިވި ދުވަހެކެވެ. މި މެޗްގައި ޖަރުމަނުގެ މިރޮސްލާވް ކްލޯސާ ޖެހިގޯލާ އެކު އޭނާވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް ބްރެޒިލްގެ ރޮނާލްޑޯ އަތުން އަތުލާފަ އެވެ. ކޮންމެއަކަސް މި މުބާރާތުގައި ޖަރުމަނު ވަނީ ފައިނަލްގައި އާޖެންޓީނާ ބަލިކޮށް އެމެރިކާ ބައްރުގައި ވޯލްޑް ކަޕް ކާމިޔާބުކުރި ފުރަތަމަ ޔޫރަޕް ގައުމުގެ ޝަރަފްވެސް ހޯދާފަ އެވެ.

އިނގިރޭސި ވިލާތް 0 – 1 އެމެރިކާ (1950 ވޯލްޑް ކަޕް)

އިނގިރޭސީން ކޮޅަށް ލަނޑު ޖެހި އެމެރިކާގެ ކުޅުންތެރިޔާ އުފުއްލާލައިގެން އުފާފާޅުކުރަނީ

29 ޖޫން 1950 ގައި ބްރެޒިލްގެ ބެލޯ ހޮރިޒޯންޓޭގައި ކުޅެވުނު މިމެޗު ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕްގެ ތާރީހުގައި މިހާތަނަށް އެންމެ ހީނުކުރާ ނަތީޖާ އެއް ފެނުނު އެއް މެޗްކަމުގަ އެވެ. އޭރު އިނގިރޭސި ޓީމަކީ ހުސް ތަރިންގެ ޓީމެކެވެ. އެމެރިކާ ޓީމުގައި ތިބީ އެކަކު އަނެކަކާ އެކު މީގެ ކުރިން އެންމެ ފަހަރަކު ނޫނީ ކުޅެފައި ނެތް އަދި ޕްރޮފެޝަނަލް ނޫން ކުޅުންތެރިން ތަކެކެވެ. އެންމެންވެސް ދުށީ މިއީ ޝެޑިއުލް ކުރެވިފައި އޮތީތީ ކުޅޭ މެޗެއްގެ ގޮތުގަ އެވެ. އެހެންނަމަވެސް އެންމެން ހައިރާންކޮށްލުމަށް ފަހު މިމެޗް ކާމިޔާބު ކުރީ 1-0 އިން އެމެރިކާ ޓީމެވެ. މި މުބާރާތުގައި މި ގުރޫޕުން ފައިނަލް ބުރަށް ދިޔައީ 6 ޕޮއިންޓާ އެކު ސްޕެއިން އެވެ. އެމެރިކާ އާއި އިނގިރޭސިން ވެސް ދެ ޕޮއިންޓާއެކު އެނބުރި ދިޔައީ ރަށަށެވެ.

ފްރާންސް 0 – 1 ސެނެގޯލް (2002 ވޯލްޑް ކަޕް)

ސެނެގޯލުން ފްރާންސް ބަލިކުރި މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ސެނެގޯލް ވަނީ އެފަހަރު މޮޅު ކުޅުމެއް ދައްކާފައި

ފުރަތަމަ ފަހަރަށް 1998 ގައި ވޯލްޑް ކަޕް އުފުލާލުމަށް ފަހު ތަށި ދިފާއުކުރުމަށް 2002 ގައި އޭޝިއާގައި ބޭއްވުނު ފުރަތަމަ ވޯލްޑް ކަޕަށް ފްރާންސް ނިކުތީ ވޯލްޑް ކަޕަށް މުޅިން އާ ޓީމެއް ކަމަށްވާ ސެނެގޯލްއާ ދެކޮޅަށެވެ. އަނިޔާގައި ހުރި 1998 ގެ ހީރޯ ޒިނެދިން ޒިދާން ނުލައި ފްރާންސް ނިކުތްނަމަވެސް އެޓީމުގައި ތިބީ ހުސް ތަރިންނެވެ. އެހެންކަމުން ސެނެގޯލް އަތުން 1-0 އިން ބަލިވުން ވެގެންދިޔައީ ފްރާންސަށް ކުރުމަތިވި ބޮޑު ލަދަކަށެވެ. އަދި އެއަށްވުރެ ވެސް ބޮޑު ލަދަކަށްވީ އެންމެ ގޯލެއް ވެސް ނުޖެހި ގުރޫޕް ސްޓޭޖުގެ އެންމެ ފުލަށްގޮސް އެނބުރި ރަށަށްދާން ޖެހުމެވެ. ސެނެގޯލްވަނީ މި މުބާރާތުގައި ކުއާޓާ ފައިނަލް ކުޅެފަ އެވެ. އެމީހުން ބަލިވީ ކުއާޓާގައި ތުރުކީ އަތުން 1-0 އިންނެވެ.

ޖަރުމަން 0 – 2 ދެކުނު ކޮރެއާ (2018 ވޯލްޑް ކަޕް)

ދެކުނު ކޮރެއާ އަތުން ބަލިވެ މުބާރާތުން ކެޓުމުން ޖަރުމަނު ކުޅުންތެރިން ގޮތްހުސްވެފައި

މިނިމުނު ހަފުތާގައި ސްޕެއިން އަތުން 6-0 އިން ވީ ބައްޔަށްވުރެ ވެސް ލަތުވެތި ބައްޔެއް ޖަރުމަނު 2018 ގެ ވޯލްޑް ކަޕްގައި ވަނީ ތަޖުރިބާކޮށްފަ އެވެ. އެފަހަރު ރަޝިއާގައި ތަށި ދިފާއުކުރަން ނިކުތް ޖަރުމަނު ޓީމު ފުރަތަމަ ބުރުން ކެޓީ ގުރޫޕުގެ އެންމެ ފުލަށް ގޮސްގެންނެވެ. އަދި ގްރޫޕުގެ އެންމެ ފަހު މެޗްގައި ދެކުނު ކޮރެއާ އަތުން ބަލިވި ބަލިވުން ޖަރުމަނު ޓީމާއި ސަޕޯޓަރުންގެ ހަނދާނުގައި އަބަދުވެސް ހުންނާނެ އެވެ. އެމެޗްގައި ދެކުނު ކޮރެއާ 2- 0 އިން މޮޅުވިއިރު އެ ދެގޯލްވެސް ޖެހީ މެޗްގެ 90 މިނިޓް ހަމަވިފަހުންނެވެ. އަދި ދެ ވަނަ ގޯލް އެންމެ ފަހުވަގުތުގައި ޓޮޓެންހަމް ހޮޓްސްޕާސްގެ ތަރި ސޮން ހުން މިއެން ޖެހީ ޖަރުމަނު ކީޕަރު ނޯޔާ ގޯލް ޖަހަންވެގެން ދެކުނު ކޮރެއާ ހާފުތެރޭގައި އުޅެނިކޮށެވެ.

އިޓަލީ 0-1 އުތުރު ކޮރެއާ (1966ވޯލްޑް ކަޕް)

އުތުރު ކޮރެއާ އިން އިޓަލީ ބަލިކޮށް ދުނިޔެ ސިއްސުވާލި މެޗުގެ ތެރެއިން

އިނގިރޭސި ވިލާތުން ވޯލްޑް ކަޕް އުފުލާލި ހަމައެކަނި މުބާރާތް އިޓަލީއަށް ވެގެން ދިޔައީ ހަނދާން ނައްތާލަން ބޭނުންވި މުބާރާތަކަށެވެ. އިނގިރޭސިން އަމިއްލަ ރަށުގައި ކުޅެ ކާމިޔާބީގެ އުފާ ފާޅުކުރަމުން ދިޔައިރު އިޓަލީ ޓީމު ތިބީ ގެއަށްވަދެ ފިލަ އެވެ. ސަބަބަކީ އުތުރު ކޮރެއާ އަތުން ބަލިވެ ގުރޫޕުގެ ސްޓޭޖުން ފެއިލްވެ އެނބުރި ރަށަށް ދާން ޖެހުމެވެ. އޭޝިއާގައި ވެސް ފުޓްބޯޅައިގެ މާބޮޑު ކާމިޔާބީއެއް ހޯދިފައި ނެތް އުތުރު ކޮރެއާ އަތުން ގުރޫޕުގެ އެންމެ ފަހުމެޗްގައި މަޝްހޫރު ކުޅުންތެރިންނާއެކު ނިކުތް އިޓަލީ ބަލިވީ 1-0 އިންނެވެ. އެބޮޑު ލަދާއެކު ރޭގަނޑު އަނދިރީގައި ސިއްރު ސިއްރުން ގައުމަށް އައިސް ޖެނޯއާ އެއާޕޯޓުން ނިކުތުމާއެކު ވެސް އިޓަލީ ޓީމަށް ކުރިމަތިލާން ޖެހުނީ ސަޕޯޓަރުން އުކި ޓޮމާޓޯތަކާ އެވެ. މިއަދުވެސް އިޓަލީ މީހަކާއި ދިމާލަށް އެފަދަ އިން ޓޮމާޓޯ އުކުން ވެފައި އޮންނަނީ ވަރަށް ރުޅިއަންނާނެ ކަމަށެވެ. ސަބަބަކީ އެދުވަހު އެވީ ބޮޑު ބައްޔެވެ.

ޕޯޗުގަލް 0 – 1 ގްރީސް (2004 ޔޫރޯ)

ގްރީސްގެ އަތްދަށުގެ ޕޯޗުގަލް އަތުން ޔޫރޯ ތަށި ގެއްލުނު މެޗު. މިއީ ރޮނާލްޑޯ ގައުމީ ޓީމާ އެކު ކުޅުނު ފުރަތަމަ މުބާރާތް

ގްރީކް ޓީމް ޕޯޗުގަލް ގައި ބޭއްވުނު 2004 ގެ ޔޫރޯގެ ތަށި އުފުލާލުން ވެފައިވަނީ މި މުބާރާތުގެ މުޅި ތާރީހްގައި ވެސް ފެނިފައިވާ އެންމެ އާދަޔާ ހިލާފު ނަތީޖާ އަށެވެ. އެއީ ޑެންމާކުން 1992 ގެ ޔޫރޯ ކާމިޔާބު ކުރުމަށްވުރެ ވެސް ބޮޑަށް މުޅިފުޓްބޯޅަ ދުނިޔެ ހައިރާންކޮށްލި ކަމެކެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުގައި ގްރީސް ރަށުޓީމު ކަމުގައިވާ ޕޯޗުގަލް 2-1 ން ބަލިކޮށް ނޮކްއައުޓް ސްޓޭޖްގައި ފްރާންސާއި ޗެކް ރިޕަބްލިކް ބަލިކޮށް ފައިނަލަށް ދަތުރުކުރިއިރު ތަށްޓާއި އެމީހުންނާ ދެމެދު ހުރަސް އަޅަން އޮތީ އަނެއްކާވެސް ރަށުޓީމެވެ. ގްރީސް ޓީމުގައި މަޝްހޫރު ކުޅުންތެރިޔަކު ނެތްއިރު އިދިކޮޅުން ނިކުތް ޕޯޗުގަލް ޓީމުގައި ތިބީ ލުއިސް ފީގޯ އާއި ޑެކޯ އާއި ރުއި ކޯސްޓާ ފަދަ މަޝްހޫރު ތަރިންނެވެ. އެކަމަކުވެސް އަމިއްލަ ރަށުގައި ސަޕޯޓަރުންގެ ކުރިމަތީގައި ޕޯޗުގަލް ބަލިވީ 1-0 އިންނެވެ. މެޗް ނިމުމާއެކު ޕޯޗްގަލް ޓީމުން އެންމެ ގަދަޔަށް ރުއި އެކަކީ ދެ ވަނަ ދެމީހެއް ނޫނެވެ. ފުރަތަމަ ފަހަރަށް ޕޯޗުގަލް ޓީމާއެކު ވާދަވެރި މުބާރާތަކަށް ނިކުތް ޒުވާން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ސްޕެއިން 1 – 5 ނެދަލެންޑްސް (2014 ވޯލްޑް ކަޕް)

ސްޕެއިން ކޮޅަށް ފުލުފުލުގައި ނެދަލެންޑްސް އިން ލަނޑު ޖެހި މެޗުގައި ގޯލްކީޕަރު ކަސިޔަސް ދެރަވެފައި

ސްޕެއިނުން 2014 ގެ ވޯލްޑް ކަޕަށް އައީ 2010 ގައި ހޯދި ތަށި ދިފާއުކުރާށެވެ. އަދި 2008 ގައި އެމީހުން ހޯދި ޔޫރޯ ތަށި 2012 ގައި ދިފާއު ވެސް ކޮށްފަ އެވެ. އެހެންކަމުން އޭރު ސްޕެއިނަކީ ދެބަސްވެވެންނެތް ދުނިޔޭގެ އެއް ވަނަ އެވެ. އެމީހުންނާމެދު ފުޓްބޯޅައިގެ ދުނިޔެ ދެކެމުން ދިޔައީ މި މުބާރާތުގެވެސް ފޭވަރިޓުންގެ ގޮތުގަ އެވެ. އެކަމަކު ހުރިހާކަމެއް އެކޮޅުކޮޅުންޖެހި ސްޕެއިން އަވަދިވީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗާއެކުގަ އެވެ. ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗްގެ ފުރަތަމަ ހާފު ގައި ޒާބީ އެލޮންސޯގެ ޕެންލަޓީއާ އެކު ސްޕެއިނުން ލީޑު ނެގިނަމަވެސް ވެން ރޮބިން ވެން ޕާސީ އާއި އާޔެން ރޮބެން ގެ ގޯލުތަކުން 5-1 އިން ކުރި ހޯދީ ނެދަލެންޑްސް އެވެ. ގުރޫޕް ސްޓޭޖް ގައި ސްޕެއިން ދެން ކުޅުނު މެޗްގައި ޗިލީ އަތުންވެސް ވީ ބައްޔެވެ. ނަތީޖާއަކަށް ވީ ނޮކްއައުޓް ސްޓޭޖް ނުފެށެނީސް ފޮށި ތަންމަތި ބަނދެގެން އެނބުރި ގައުމަށް ދާންޖެހުމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *