ސަލާހަށް ދުރޫސުލް އަޚްލާގުން ފިލާވަޅެއް ކްލޮޕް ނަގައިދީފި

ސަލާހަށް ދުރޫސުލް އަޚްލާގުން ފިލާވަޅެއް ކްލޮޕް ނަގައިދީފި

ޢަބްދުﷲ އަޝްރަފް

އިނގިރޭސި ވިލާތުގެ ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ގައުމީ ޓީމާއެކު މެޗުތަކެއް ކުޅެން ގޮސްފައިވަނިކޮށް ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެކަމާ ގުޅުވައިގެން ދެކެވުނު ވާހަކަތަކާއެކު ސަލާހުގު އުޅުމާއި، ސުލޫކް ބަހައްޓަން ޖެހޭ ގޮތްތަކާ ގުޅޭ ގޮތުން އޭނާއާ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވާހަކަދައްކައިފި އެވެ.

އުމުރުން 28 އަހަރުގެ ފޯވާޑް ކޯވިޑަށް ޕޮޒިޓިވް ވުމުގެ ކުރިން މިސްރުގައި އޮތް އޭނާގެ ބޭބެގެ ކައިވެނި ޕާޓީއެއްގައި ބައިވެރިވެ ގިނަ ބަޔަކާއެކު ނެށިކަން ވަނީ ހާމަވެފަ އެވެ. ސަލާހް ކޯވިޑަށް ޕޮޒިޓިވް ވުމާއެކު އައިސޮލޭޝަންގައި ހުންނަން ޖެހުމުގެ ސަބަބުން އޭނާ އަށް މާދަމާ ރޭ ލިވަޕޫލުން ޓޭބަލްގެ އެއްވަނައިގައި އޮތް ލެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ. އަދި މި ހަފްތާގެ މެދުތެރޭގައި އިޓަލީގެ އެޓަލާންޓާ އާ ދެކޮޅަށް ލިވަޕޫލުން ކުޅެންޖެހޭ ޗެމްޕިއަންސް ލީގު މެޗުގައިވެސް އޭނާ އަށް ކުޅެވޭނެ ކަމާ މެދު ޝައްކެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ކްލޮޕް އިއްޔެ ބުނެފައިވަނީ ހުކުރު ދުވަހު ސަލާހް އެނބުރި އިނގިރޭސި ވިލާތަށް އަތުވެއްޖެ ކަމަށާއި، އޭނާ އާއި ސަލާހް އާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ސަލާހްގެ ހާލަތު ރަގަޅު ކަމަށާއި، އޭނާ ހުރީ ރަގަޅު ތަނެއްގައި ކަމަށެވެ.

“އަހަރެންގެ ކުޅުންތެރިންނާއެކު ދައްކާ ހުރިހާ ވާހަކައަކީ އަހަރެން ޕަބްލިކަށް ބުނެދޭންޖެހޭ ވާހަކަތަކެއް ނޫން. އެކަމަކު އަހަރެން ބުނެފާނަން ވާހަކައެއް. އަހަރެން މިދިޔަ ހޫނު މޫސުމުގަ ޖަރުމަނުގަ ހުރިއިރު އަހަރެންގެ ރަހުމަތްތެރިއަކު ބޭއްވި ޕާޓީއެއް. އެ ޕާޓީގަ 50 މީހުން ބައިވެރިވާތީ އެންމެ ފަހު ވަގުތު އަހަރެން ނިންމީ އެ ޕާޓީ އަށް ނުދާން. އޭރު ޖަރުމަނުގެ އެކަން ހުއްދަވެސް މެ. ބޭރުގަ ޕާޓީ ބޭއްވީ ވެސް. އެކަމަކު އަހަރެން ނުދަން.” ކްލޮޕް ބުންޏެވެ.

“އެހެން ބައެއް ގައުމުތަކުގަ އެފަދަ ކަންކަމުގަ އިޖްތިމާއީ ގޮތުން ބައެއް ފިއްތުންތައް ހުރެދާނެ. އެހެން ވިޔަސް ބޭބެ އެއްގެ ކައިވެނީގެ ހަފްލާއަކީ ވަރަށް މުހިއްމު ވަގުތެއް. އަހަރެންނަށް ބުނަން އެނގޭ އެއްޗަކީ އަހަރެންގެ ކުޅުންތެރިން ވަރަށް ޑިސިޕްލިން ވާނެކަން. އެކަމަކު ބައެއް ފަހަރު ބައެއް ކަންކަން އެހެން ގޮތަކަށްވެސް ހިނގައިފާނެ. އެގޮތަށް ބައެއް ކަންކަން ހިނގާފަވެސް އެބަހުރި. އަދި އޭގެ ސަބަބުން އަހަރެމެން ކުރިމަތިލާން ބޭނުންނުވާ ހާލަތާ ކުރިމަތިލާންވެސް ޖެހިފަ އެބަހުރި. މޯ އާއި އަހަރެންނާ ދެމެދު ދެކެވުނީ އެކަންކަމަށް ރިއާޔަތްކޮށް ދެކެވުނު ވާހަކަތަކެއް. އެކަމަކު އެއީ އަހަރެމެންގެ ދެމީހުންގެ ދެމެދުގައި ބާއްވަން ބޭނުންވާ ކަމެއް.” ކްލޮޕް ބުންޏެވެ.

ސަލާހް ވަނީ މި ސީޒަންގައި މިހާތަނަށް ލިވަޕޫލްގެ ޖޯޒީގައި ކުޅުނު 13 މެޗުގައި 10 ގޯލު ޖަހައިފަ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.