އަހަރެން ބޭނުންވަނީ މެސީ ބާސެލޯނާގައި ހުންނަން: ގާޑިއޯލާ

އަހަރެން ބޭނުންވަނީ މެސީ ބާސެލޯނާގައި ހުންނަން: ގާޑިއޯލާ

ޢަބްދުﷲ އަޝްރަފް

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަފަހަރު ހޯދައިފައިވާ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ ކެރިއަރ ނިންމާލާތަން ފެންނަން ބޭނުންވަނީ ބާސެލޯނާގައި ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. 2008 އިން 2012 އަށް ބާސެލޯނާގެ ކޯޗެއްގެ ގޮތުގައި ހުރިއިރު މެސީ އަށް އިރުޝާދުދިން އުމުރުން 48 އަހަރުގެ ގާޑިއޯލާ މިހެން ބުނެފައި މިވަނީ ސިޓީއާއި އެކު ހަދާފައިވާ ކޮންޓްރެކްޓް ދެ އަހަރު ދުވަހަށް އިތުރުކުރުމާއެކު މެސީ ބާސެލޯނާއިން ސިޓީއަށް ބަދަލުވުމުގެ ފުރުސަތު ބޮޑުކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު ގަދަވެފައިވާ ވަގުތެއްގައެވެ.

މިދިޔަ ސީޒަން ނިމުމާއެކު ބާސެލޯނާއިން އެހެން ކުލަބަކަށް ބަދަލުވާން ބޭނުންވާކަން މެސީ ރަސްމީކޮށް ބާސެލޯނާއަށް އަންގައިފައިވާއިރު މި ސީޒަން ނިމުމާއެކު އޭނާ އެހެން ކުލަބަކަށް ބަދަލުވާނެ ކަމަށް ވަނީ ވަރަށް ބޮޑަށް ބެލެވިފަ އެވެ. މެސީ ބާސެލޯނާ އާއެކު މިހާރު ހަދައިފައިވާ ކޮންޓްރެކްޓްގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ފަހުން އެހެން ކުލަބަކަށް ބަދަލުވުމުގެ އެއްބަސްވުމާއިގެން މެސީ އަށް ކުރިއަށްދިއުމުގެ ފުރުސަތު ލިބޭނެ އެވެ. އެގޮތުން މެސީ ބަދަލުވެދާނެ ކަމަށް ބެލެވޭ އެއް ޓީމަކީ މެންޗެސްޓަރ ސިޓީ އެވެ.

“މެސީ އަކީ ބާސެލޯނާގެ ކުޅުންތެރިއެއް. އަހަރެން އެވާހަކަ އޮންނާނީ އެތައް ހާސް ފަހަރަކު ބުނެފަ. ބާސެލޯނާގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން އަހަރެން ބޭނުންވަނީ މެސީގެ ކެރިއަރ އެކުލަބުގައި ނިންމަން. މެސީގެ ކޮންޓްރެކްޓް ހަމަވާނީ މިސީޒަން ނިމުމުން. އަހަރެންނަކަށް ނޭގެ އޭނަ ނިންމައިގެން ހުރި ގޮތެއް.” ނޫސްވެރިންނާ ވާހަކަދައްކަމުން އިއްޔެ ގާޑިއޯލާ ބުނެފައިވެ އެވެ.

“އަހަރެން އަބަދުވެސް ޝުކުރުވެރިވަން އަހަރެންނަށް ބާސެލޯނާއިން ކޮށްދިން ކަންތައްތަކަށް. ބާސެލޯނާގެ އެކަޑަމީގައި އުޅުނު އިރު އާއި ކުޅުންތެރިޔަކަށް އުޅުނު އިރު އަދި ކޯޗަކަށް ހުރި އިރުވެސް އެމީހުން އަހަރެން ބޭނުންވި ހުރިހާ ކަމެއް ފުރިހަމަކޮށްދިން. މިވަގުތު މެސީ އެހުރީ ބާސެލޯނާގައި. ޓްރާންސްފަރ މާކެޓް އޮތީ ޖޫން ޖުލައި ގައި. މިވަގުތު އަހަރެމެން ހާސިލްކުރަން ޖެހޭ ވަރަށް ގިނަ މުހިއްމު އެހެން ކަންކަން އެބަހުރި. އަހަރެމެންގެ ސިކުނޑީގައި މިވަގުތު ހަމައެކަނި އެބުރެނީ އެކަންކަން. ދެން ހުރި ކަންކަމާ މެދު އެއްޗެއް ބުނާކަށް އަދި ނޭނގޭ.” ގާޑިއޯލާ ބުންޏެވެ.

ބާސެލޯނާގެ ކެޕްޓަންކަން ކުރަމުން އަންނަ އުމުރުން 33 އަހަރުގެ މެސީ ގެންދަން ސިޓީގެ އިތުރުން ފްރާންސްގެ ޕީއެސްޖީން ވެސް މަސައްކަތްކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.