މޮނާކޯ އިން ފަހަތުން އަރައި ގަދަކޮށް އޮތް ޕީއެސްޖީ ބަލިކޮށްފި

މޮނާކޯ އިން ފަހަތުން އަރައި ގަދަކޮށް އޮތް ޕީއެސްޖީ ބަލިކޮށްފި

ޢަބްދުﷲ އަޝްރަފް

ފްރެންޗް ލީގުގައި ރޭ ޗެމްޕިއަން ޕީއެސްޖީން ދެ ލަނޑު ޖަހައިފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މޮނާކޯ މެޗު ކާމިޔާބުކޮށްފި އެވެ. ޕީއެސްޖީގެ ދެ ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބުކުރި އިރު މޮނާކޯ އިން ޖެހި ތިން ލަނޑުވެސް ޖެހީ މެޗުގެ ފަހު ހާފުގަ އެވެ.

ރޭގެ މެޗުން ޕީއެސްޖީ ބަލިވި ނަމަވެސް އެ ޓީމު އަދިވެސް އޮތީ ޓޭބަލްގެ އެއްވަނައިގަ އެވެ. ޕީއެސްޖީ އިން މިހާތަނަށް ލީގުގައި 11 މެޗު ކުޅެފައިވާއިރު އެ ޓީމު އެއްވަނައިގައި އޮތީ 24 ޕޮއިންޓާއެކު އެވެ. ރޭ ޕީއެސްޖީގެ މައްޗަށް ކުރި ހޯދި މޮނާކޯ މިވަގުތު އޮތީ 20 ޕޮއިންޓާއެކު ޓޭބަލްގެ ދެވަނައިގަ އެވެ.

ފްރެންޗް ލީގުގައި ރޭ މޮނާކޯގެ ދަނޑުގައި ކުޅުނު މެޗަށް ޕީއެސްޖީން ނުކުތީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ފްރާންސްގެ ފޯވާޑް ކިލިއެން އެމްބާޕޭ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އަދި މީގެ އިތުރުން އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ބްރެޒިލްގެ ނޭމާ ވެސް ރޭގެ މެޗުގެ ފަހު ހާފުގައި ވަނީ ކުޅެން ނުކުމެފަ އެވެ. އަނެއްކޮޅުން ރޭގެ މެޗަށް ޕީއެސްޖީ ނުކުތްއިރު އެ ޓީމުން ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗު ވެސް އޮތީ ކާމިޔާބުކޮށްފަ އެވެ. އަދި، އެ އަށް މެޗުގައި އެ ޓީމު ކޮޅަށް ވަދެފައިވަނީ ވެސް އެންމެ ގޯލެކެވެ.

ޕީއެސްޖީ އިން ރޭގެ މެޗުގައި ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިން އިރު ދެވަނަ ލަނޑު މެޗުގެ 37 ވަނަ މިނެޓްގައި ކާމިޔާބުކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. މޮނާކޯ އިން ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްދިނީ ޖަރުމަނުގެ އުމުރުން 28 އަހަރުގެ ފޯވާޑް ކެވިން ވޯލާންޑެވެ. މެޗުގެ ނަތީޖާ މޮނާކޯ ކޮޅަށް އަނބުރާލި ލަނޑު މެޗު ނިމެން ގާތްގަނޑަކަށް ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ ލިބުނު ޕެނަލްޓީ އަކުން އާސެނަލް އަދި ބާސެލޯނާގެ އިތުރުން ޗެލްސީއަށް ވެސް ކުރިން ކުޅެފައިވާ ސްޕެއިންގެ ސެސް ފެބްރިގާސް އެވެ. ރޭގެ މެޗުގެ ފަހު ހާފުގައި ކުޅެން ނުކުމެ ފެބްރިގާސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ވަކިން ހާއްސަކޮށް ފެބްރިގާސްގެ މޮޅު ޕާސްތަކުގެ ސަބަބުން ފަހު ހާފުގައި ޕީއެސްޖީއަށް އެޓީމުގެ އަސްލު ކުޅުން ދެއްކޭގޮތެއް ނުވި އެވެ.

ރޭގެ މެޗުގައި 0-2 އިން ޕީއެސްޖީއަށް ލީޑް ލިބިފައި ވަނިކޮށް އިތުރު ދެ ބޯޅަ އެޓީމުން މޮނާކޯގެ ގޯލް ދާގަނޑުގައި ތަތްކޮށްލި އެވެ. އެކަމަކު އެމްބާޕޭ އާއި އިޓަލީގެ ފޯވާޑް މޮއިސޭ ކީން ބޯޅަ ގޯލަށް ވައްދާލި ދެފަހަރުވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.

ރޭގެ މެޗުގައި ކޯވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން މޮނާކޯ ގެ ކެޕްޓަން ވިސާމް ބެން ކުޅެފައި ނުވާއިރު ރޭ މޮނާކޯ އިން ނެރެފައިވަނީ ޒުވާން ޓީމެކެވެ. 2016 ވަނަ އަހަރުގެ ސީޒަންގެ ފްރެންޗް ލީގު ކާމިޔާބުކުރި މޮނާކޯއިން ރޭ ނެރުނު ފުރަތަމަ އެގާރައިގައި 23 އަހަރުން ދަށުގެ އަށް ކުޅުންތެރިން ހިމެނުނެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.