މިއީ މެސީ ބާސެލޯނާގައި ކުޅޭނެ އެންމެ ފަހު ސީޒަން: ރިވާލްޑޯ

މިހާރު ކުރިއަށްދާ ސިޒަނަކީ ބާސެލޯނާގެ ކެޕްޓަން އާޖެންޓީނާގެ ލިއޮނަލް މެސީ ކުލަބްގައި މަޑުކުރާނެ އެންމެ ފަހު ސީޒަން ކަމަށް ގަބޫލުކުރެވޭ ކަމަށް ބާސެލޯނާއަށް ކުރިން ކުޅެފައިވާ ބްރެޒިލްގެ ތަރި ރިވާލްޑޯ ބުނެފި އެވެ.
މެސީ ވަނީ މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެ ޓީމު ދޫކޮށްލުމަށް ފަހު އެހެން ކުލަބަކަށް ދާން ބޭނުންވާކަމަށް ބުނެ ރަސްމީކޮށް ހުށަހަޅައިފަ އެވެ. އެކަމަކު ފަހުން އެ މައްސަލައިގައި ކޯޓަށް ދާންޖެހިދާނެ ކަމަށް ބަލައި އެ ހުށަހެޅުން އަނބުރާ ގެނެސް މެސީ ކުލަބުގައި މަޑުކުރީ އެވެ. މީގެ އިތުރުން ފަހަކަށް އައިސް މެސީ އަށް އަމާޒުވާ ފާޑުކިޔުންތައްވެސް ވަނީ އިތުރުވެފަ އެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ބާސެލޯނާގައި ކުޅޭ މަޝްހޫރު ބައެއް ކުޅުންތެރިންމނަށް މެސީގެ ނުފޫޒުގެ ސަބަބުން އެންމެ އެދެވޭ ކުޅުން ދައްކާލުމަށް ހުރަސް އެޅެއެވެ. މި ތުހުމަތުތަކާ ގުޅިގެން މެސީ ވަނީ އެތައް ފަހަރަކު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
“ޔަގީނުންވެސް މެސީއަށް ބާސެލޯނާއިން ދޭ މުސާރައަށްވުރެ ރަގަޅު މުސާރައެއް ދޭން ހުށަހަޅާނެ ކުލަބްތައް އުޅޭނެ. އަނެއްކޮޅުން މެސީ ވަނީ ބާސެލޯނާ ދޫކޮށްދާން މިދިޔަ ސީޒަން ނިމުމުން މަސައްކަތްކޮށްފަ. އަހަރެންނަކަށް ނުވިސްނޭ މެސީގެ އެ ނިންމުން ބަދަލުކުރުވަން ކުލަބްގެ ބޯޑަށް ކުރެވޭނެ ކަމެއް. އަހަރެންނަށް ގަބޫލުކުރެވޭ ގޮތުގައި މެސީގެ ނިންމުން ބަދަލުކުރަން ކިރިޔާވެސް ވިސްނާނެ އޮތީ މަދު ގޮތަކެއް. އެއީ މި ސީނުގެ ޗެމްޕިއަންސް ލީގު ނުވަތަ ސްޕެނިޝް ލީގު ބާސެލޯނާއިން ކާމިޔާބުކުރުން. އަދި، ހަމައެއާއެކު ރީތި ފުޓްބޯޅައެއް ބާސެލޯނާ ކުޅޭ ތަން ދެއްކުން. އެކަމަކު އަހަރެން ބުނާނީ މިއީ ބާސެލޯނާގައި މެސީ މަޑުކުރާނެ އެންމެ ފަހު ސީޒަނޭ.” ރިވާލޮޑޯ ބުނެފައިވެއެވެ.
ބާސެލޯނާ ދޫކޮށްލުމަށްފަހު މެސީ ދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކުލަބަކީ އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ސިޓީ އެވެ. ކުރިން ބާސެލޯނާގައި މެސީ އަށް އިރުޝާދު ދިން ކޯޗް ޕެޕް ގާޑިއޯލާ ސިޓީ އާ އެކު ހަދާފައިވާ ކޮންޓްރެކްޓް ދެ އަހަރަށް އިތުރުކުރުމާއެކު މެސީ ސިޓީ އަށް ބަދަލުވުމުގެ ފުރުސަތު މިހާރު ވަނީ ކުރިއަށްވުރެ ވެސް ބޮޑުވެފަ އެވެ.
Advertisement


Leave a Reply