ޕީއެސްޖީ އާއި ޔުވެންޓަސްއަށް ނޫނެކޭ ބުނުމަށްފަހު ގާޑިއޯލާ ސިޓީގައި މަޑުކޮށްފި

ޕީއެސްޖީ އާއި ޔުވެންޓަސްއަށް ނޫނެކޭ ބުނުމަށްފަހު ގާޑިއޯލާ ސިޓީގައި މަޑުކޮށްފި

ޢަބްދުﷲ އަޝްރަފް

މެންޗެސްޓަރ ސިޓީގެ ކޯޗުކަމުގެ މަގާމުގައި އިތުރު ދެ އަހަރު ދުވަހު ހުންނަން އެ ޓީމުގެ ކޯޗުކަމުގެ މަގާމާއި 2016 ވަނަ އަހަރު ހަވާލުވި ޕެޕް ގާޑިއޯލާ ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ. ބީބީސީން ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ ނިޔަލަށް ސިޓީގައި މަޑުކުރަން ގާޑިއޯލާ އިއްޔެ އެއްބަސްވެ ސޮއިކުރި އިރު އޭނާއަށް ޔުވެންޓަސް އިންނާއި، ޕީއެސްޖީން ހުށަހެޅުންތައް ލިބިފައި އޮތެވެ.

މެންޗެސްޓަރ ސިޓީ އާ މީގެ ހަތަރު އަހަރު ކުރިން ގާޑިއޯލާ ހަވާލުވި ފަހުން އޭނާ ވަނީ ސިޓީއަށް ދެ ފަހަރު ޕްރިމިއަރ ލީގު ކާމިޔާބުކޮށްދީފަ އެވެ. އޭގެ އިތުރުން އެފް އޭ ކަޕްގެ އެއް މުބާރާތާއި ލީގު ކަޕްގެ ތިން މުބާރާތް ސިޓީން ވަނީ މި މުއްދަތުގެ ތެރޭގައި ކާމިޔާބުކޮށްފަ އެވެ. ގާޑިއޯލާ ކޯޗު ކަމާ ހަވާލުވި ފަހުން ސިޓީން ކުޅުނު 245 މެޗުގެ ތެރެއިން 181 މެޗު ވަނީ ކާމިޔާބުކޮށްފަ އެވެ. ގާޑިއޯލާ އަށް ސިޓީގައި ކުރަން ބޭނުންވެ އަދި ނުވެ އޮތް ހަމައެކަނި ކަމަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ.

“އަހަރެމެން އެންމެން ގުޅިގެން މިވަނީ ގިނަ ކަންތައްތަކެއް ހާސިލްކޮށްފަ. އެތައް މެޗެއް ކާމިޔާބުކޮށްފިން. ގިނަ ގޯލްތަކެއް ޖަހައިފިން. ތަށިތަކެއް ހޯދައިފިން. އަހަރެމެން އެންމެންވެސް އެ ހުރިހާ ކާމިޔާބީއަކާ މެދު ފަހުރުވެރިވަން. މުޅި ޓީމުގެ ހުރިހާ މެންބަރުންގެ ފަރާތުން އެހީތެރިކަން ލިބުމަކީ ކޯޗަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން.” ކުރިން ބާސެލޯނާ އަށާއި ބަޔާން މިޔުނިކަށް ކޯޗްކޮށްދިން ގާޑިއޯލާ ސިޓީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއު އެއްގައި ބުނެފައިވެ އެވެ.

2008 ވަނަ އަހަރު ކޯޗިން ކެރިއަރ ފެށި ގާޑިއޯލާ ސިޓީ އާއެކު ހަދައިފައިވާ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓަކީ މިހާތަނަށް އޭނަ  ޓީމަކާ އެކު ހެދި އެންމެ ދިގު ކޮންޓްރެކްޓެވެ. 2023 އާ ހަމައަށް ގާޑިއޯލާ ސިޓީގައި މަޑުކޮށްފި ނަމަ ސިޓީގައި ދެވަނައަށް އެންމެ ދިގު މުއްދަތެއް ވަންދެން ކޯޗުކަން ކޮށްދިން މީހަކަށް އޭނާ ވާނެ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.