އުރުގުއޭ ވެސް ބަލިކޮށް ބުރެޒިލުން ސަތޭކަ ޕަސެންޓް ރެކޯޑް ދަމަހައްޓައިފި

ދެކުނު އެމެރިކާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުޅެމުން އަންނަ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އުރުގުއޭ އާ ވާދަކޮށް ކުޅުނު މެޗު ކާމިޔާބުކޮށް ބްރެޒިލުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ. 2022 ވަނަ އަހަރު ގަތަރުގައި އޮންނަ މުބާރާތަށް ކޮޅިފައިވުމަށް މިހާތަނަށް ބްރެޒިލުން ހަތަރު މެޗު ކުޅެފައިވާއިރު އެ ހަތަރު މެޗު ވެސް އެ ޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ.
ރޭގެ މެޗުގައި ބްރެޒިލުން އުރުގުއޭގެ މައްޗަށް ކުރި ހޯދީ 0-2 އިންނެވެ. މެޗުގައި ބްރެޒިލުން ޖެހި ދެ ގޯލުވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 34 ވަނަ މިނެޓްގައި އަރްތޫރް ކާމިޔާބުކޮށްދީފައިވާއިރު ދެވަނަ ލަނޑު ފުރަތަމަ ހާގފުގެ ފަހު މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިޗާލިސަން އެވެ.
ރޭގެ މެޗުގައި ބްރެޒިލުން ލީޑު ނެގުމުގެ ކުރިން އުރުގުއޭ އިން ގޯލެއް ޖެހުމާ ވަރަށް ގާތަށް ދިޔައެވެ. އެކަމަކު މެޗުގެ ފަސް ވަނަ މިނެޓްގައި އުރުގުއޭ ގެ ޑާވިން ނޫނޭޒް ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ހުރަސް ދަނޑީގައި ޖެހިފައި ނުކުތުމުންނެވެ. އަދި ބްރެޒިލް 0-2 އިން ކުރީގައި ވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑިއެގޯ ގޮޑިން ފޮނުވާލި ބޯޅައެއްވެސް ގޯލުގެ ހުރަސް ދަނޑިއާ އަމާޒުވި އެވެ.
ކޮލިފައިންގެ މުހިއްމު މެޗަކަށް ރޭ ބްރެޒިލް އާއި އުރުގުއޭ ނުކުތްއިރު ދެ ޓީމު ވެސް ނުކުތީ އެންމެ މަޝްހޫރު ފޯވާޑް ނުލައެވެ. ބްރެޒިލްގެ ނޭމާއަށް އަނިޔާގެ ސަބަބުން ނުކުޅެވުނު އިރު އުރުގުއޭގެ ލުއިސް ސުއަރޭޒް އަށް މެޗަށް ނޭރުނީ ކޯވިޑަށް ޕޮޒިޓިވް ވުމުންނެވެ. އުރުގުއޭގައި ކުޅުނު ރޭގެ މެޗުގައި ބްރެޒިލްގެ ރިޗާލިސަންއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ އަށް މެޗް ނިމެން 20 މިނެޓަށް ވެފައިވަނިކޮށް ރަތްކާޑް ވެސް ދެއްކި އެވެ.
ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގައި ދެން އެންމެ އަވަހަށް ބްރެޒިލްއަށް މެޗެއް ކުޅެން އޮތީ އަންނަ އަހަރުގެ މާޗް މަހު އެވެ.
Leave a Reply