މެސީ ދިއުމަކުން މައްސަލައެއް ނެތް: ލަލީގާ ރައީސް

Advertisement

މެސީ ދިއުމަކުން މައްސަލައެއް ނެތް: ލަލީގާ ރައީސް

ޢަލީ ޝަހީމް

ސްޕެނިޝް ލަލީގާ ދޫކޮށް ލިއޮނަލް މެސީ ދިއުމަކުން ކުރިމަތިވާނެ ދެރައެއް ނެތްކަމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ބުނެފި އެވެ.

ބާސެލޯނާ ދޫކޮށްލަން މެސީ ބޭނުންވާކަން މިދިޔަ އޮގަސްޓް މަހު އޭނާ ވަނީ ކްލަބަށް އަންގައިފަ އެވެ. އެއާ އެކު މެސީގެ ޓްރާންސްފާ ކަންތަކުގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވުނެވެ. އެހެންނަމަވެސް ފަހުން މެސީ ނިންމީ އުމުރުން 13 އަހަރުގައި ގުޅުނު ބާސެލޯނާގައި މަޑުކުރާށެވެ. ބާސެލޯނާ ދޫކޮށްލަން މެސީ ބޭނުންވި އެންމެ ބޮޑު އެއް ސަބަބަކީ ޕްރެޝަރު ބޮޑުވެ އޮކްޓޫބަރު ބާސެލޯނާގެ ރައީސްކަމުން އިސްތިއުފާދިން ޖޯސެފް ބާޓޮމެއުއާ މެދު އޮތް ހިތްހަމަނުޖެހުމެވެ.

Advertisement

ލަލީގާގެ މާލީ ހާލަތާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއްގައި ގަޑިއިރަކަށްވުރެ ގިނައިރު ވަންދެން ވާހަކަދެއްކި ޓެބާސް ބުނީ އޭނާ ބޭނުންވަނީ މެސީ ލަލީގާގައި މަޑުކުރަން ކަމަށާއި، އެކަމަކު މެސީ ދިއުމަކުން ލަލީގާ އަށް ނުރަނގަޅު އަސަރުތަކެއް ކުރާނެކަމަށް ނުބެލެވޭ ކަމަށެވެ. ހާއްސަކޮށް ލީގުގެ މަގްބޫލުކަމަށް އަސަރުކުރާނެކަމަކަށް ޓެބާސް އެއްބަހެއްނުވެ އެވެ.

މެސީއާ ގުޅޭގޮތުން ދެއްކި ވާހަކައިގައި ޓެބާސް ވަނީ ބާސެލޯނާ އަށް ކުޅުމަށް ފަހު ނޭމާ ޕީއެސްޖީ އަށް 2017 ވަނަ އަހަރު ބަދަލުވުމާއި 2018 ވަނަ އަހަރު ރެއާލް މެޑްރިޑް ދޫކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވިކަން ފާހަގަކޮށްފަ އެވެ. ޓެބާސް ބުނީ މަޝްހޫރު ދެކުޅުންތެރިން ލަލީގާ ދޫކޮށްލުމުން ވެސް އެކަމުގެ ނޭދެވޭ އަސަރު އެ ލީގަށް ނުކުރާ ކަމަށެވެ.

“އަހަރެމެން ބޭނުންވަނީ މެސީ ލަލީގާގައި މަޑުކުރަން. އެކަމަކު ރޮނާލްޑޯ އާއީ ނޭމާ ބަދަލުވުމުން ވެސް ތަފާތެއް ފާހަގައެއް ނުކުރެވުނު. އަހަރެމެން މިތިބީ މެސީ ލަލީގާ ދޫކޮށްލާނެ ދުވަހަކަށް ތައްޔާރުވެގެން” ޓެބާސް ބުންޏެވެ.

އާޖެންޓިނާގެ 33 އަހަރުގެ ތަރި ބާސެލޯނާގެ އާ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާއިރު މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރުމުގެ ފުރުސަތު މެސީ އަށް ލިބޭނެ އެވެ.

ޓެބާސް ބުނީ މެސީ ބަދަލުވުމުގެ ފުރުސަތު އެންމެ ގާތީ މެންޗެސްޓަރ ސިޓީއާ ކަމަށާއި، އެކަމަކު މެސީ އެ ކްލަބަށް ގެންދިއުމާއި ގުޅޭގޮތުން ސިޓީން ރަސްމީކޮށް ވާހަކަދައްކާފައި ނުވާކަމަށެވެ. ޓެބާސް ވަނީ ކުޅުންތެރިން ގެންދިއުމުގައި ސިޓީން ގެންގުޅޭ އުސޫލަށް ވެސް ފާޑު ކިޔައިފަ އެވެ.

“ބެލެވޭ ގޮތުގައި ޕްރިމިއާ ލީގުން މެސީއާ ވާހަކަދައްކާނީ މެންޗެސްޓަރ ސިޓީ އިން. އެކަމަކު އެއީ ގަވާއިދާ ހިލާފަށް އެފަދަ މުއާމަލާތްތައް ހިންގާފައިވާ ކްލަބެއް. މިހެން ބުނަނީ އަހަރެން އެކަންޏެއް ނޫން” އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޓެބާސް ބުންޏެވެ. ޓެބާސް އިތުރަށް ބުނީ ކޮވިޑާ ގުޅިގެން ސިޓީ އަށް އަސަރުނުކުރަނީ މާލީގޮތުން އެޓީމު ވަރުގަދަވުމުން ކަމަށެވެ.

ސީޒަން ނިމުމުން މެސީ ބާސެލޯނާ ދޫކޮށްލާނެކަމަށް ބެލެވޭއިރު ފަހަކަށް އައިސް މެސީ އަންނަނީ އެ ކްލަބުގެ ނިންމުންތަކާ މެދު ފާޑުކިޔަމުންނެވެ. ބާސެލޯނާ އިން މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ނަތީޖާތައް ރަނގަޅުކުރި ނަމަވެސް ސްޕެނިޝް ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުން ލިބުނު ތިން މޮޅާ އެކު އެޓީމު އޮތީ ތާވަލުގެ އަށް ވަނައިގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *