ކްލަބް ވޯލްޑް ކަޕް ފެބްރުއަރީ މަހަށް ފަސްކޮށްފި

އާއްމުކޮށް ޑިސެމްބަރު މަހު ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕް ކޮވިޑް-19 އާ ގުޅިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ފަސްކޮށްފި އެވެ.
ކްލަބް ވޯލްޑް ކަޕަކީ ދުނިޔޭގެ ބައްރުތަކުގެ ޗެމްޕިއަނުން ވާދަކުރާ ގާތްގަނޑަކަށް 10 ވަރަކަށް ދުވަހަށް ދިގުދެމިގެންދާ މުބާރާތެކެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން މިދިޔަ އޮގަސްޓް މަހު ހޯދައި ޔޫރަޕުން މުބާރާތަށް ކޮލިފައިވެފައިވަނީ ބަޔާން މިއުނިކެވެ.
ފީފާ އިން ކްލަބް ވޯލްޑް ކަޕް ފަސްކުރުމުގެ މައިގަނޑު ސަބަބަކީ ކޮވިޑްގެ ހާލަތު އަދިވެސް ބައެއް ގައުމުތަކުގައި ގޯސްވަމުން ދިއުމެވެ. ތާރީހަށް އައި ބަދަލާއެކު ވެސް ކްލަބް ވޯލްޑް ކަޕް އޮންނާނީ ގަތަރުގަ އެވެ. ފީފާ އިން މިހާރު ނިންމާފައިވަނީ ގަތަރުގައި އަންނަ ފެބްރުއަރީ މަހުގެ 1 އިން 11 އަށް މުބާރާތް ކުރިއަށް ގެންދިއުމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގަތަރުގައި އޮތް ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރީ ލިވަޕޫލް އެވެ. ގަތަރުގައި ޖެހިޖެހިގެން ދެ އަހަރު ކްލަބް ވޯލްޑް ކަޕް ބާއްވަން ނިންމީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެގައުމު ތައްޔާރުކުރުމުގެ ގޮތުންނެވެ.
ކޮވިޑާ ގުޅިގެން އަންނަ އަހަރަށް ފަސްކޮށްފައިވާ 20 އަހަރުން ދަށުގެ ވިމެންސް ވޯލްޑް ކަޕާއި 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ފީފާއިން މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. ފީފާއިން ބުނީ އެ ދެ މުބާރާތް ނުބާއްވާ ގޮތަށް ނިންމައި ދެން އެމުބާރާތްތައް ކުޅޭނީ 2022 ވަނަ އަހަރު ކަމަށެވެ. އެ އަހަރު 20 އަހަރުން ދަށުގެ ވިމެންސް ވޯލްޑް ކަޕް ކޮސްޓަ ރިކާ ގައި ބާއްވަން ނިންމާފައިވާއިރު 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ބާއްވަން ހަމަޖައްސާފައިވަނީ އިންޑިއާގަ އެވެ.
Advertisement


Leave a Reply