ރޮނާލްޑޯ އަހަރެން ރެކޯޑް މުގުރާލާނެކަން ޔަގީން: އަލީ ދާއީ

ރޮނާލްޑޯ އަހަރެން ރެކޯޑް މުގުރާލާނެކަން ޔަގީން: އަލީ ދާއީ

ޢަލީ ޝަހީމް

ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާނެ ކަމަށާއި، އެކަން އެގޮތަށް ވިޔަސް ދެރަނުވާނެކަމަށް މިވަގުތު އެ ރެކޯޑް އޮތް އިރާންގެ ކުރީގެ ފޯވާޑް އަލީ ދާއި ބުނެފި އެވެ.

އަލީ ދާއީ ވަނީ އިރާންގެ ގައުމީ ޓީމަށް ކުޅުނު 149 މެޗުގައި 109 ގޯލު ޖަހައިފަ އެވެ. މިހާރު އުމުރުން 51 އަހަރުގެ ކުރީގެ ފޯވާޑް ރެކޯޑް ހެދިފަހުން މިހާރު ވަނީ ގިނަ އަހަރުތަކެއްވެފަ އެވެ. އޭނާގެ ރެކޯޑް ފަހަތަށް ޖައްސާލުމުގެ އެންމެ ރަނގަޅު ފުރުސަތެއް ތަނަވަސްވެފައި އޮތީ ޕޯޗުގަލް 35 އަހަރުގެ ފޯވާޑް ރޮނާލްޑޯ އަށެވެ. ޕޯޗުގަލަށް ކުޅެދިން 169 މެޗުގައި ރޮނާލްޑޯ މިހާތަނަށް ވަނީ 102 ގޯލު ޖަހައިފަ އެވެ. އަލީ ދާއީގެ ރެކޯޑާ ހަމަކުރަން ރޮނާލްޑޯ ބަކީ ހަތް ގޯލު ޖަހަން ޖެހޭނެ އެވެ.

ރޮނާލްޑޯ ވަނީ މިދިޔަ ހަފްތާ އެންޑޯރާ އަތުން ޕޯޗުގަލް 7-0 އިން މޮޅުވި މެޗުގައި ލަނޑު ޖަހައިފަ އެވެ. އޭގެފަހުން ޔޫއެފާ ނޭޝަންސް ލީގުގައި ފްރާންސް އަތުން ޕޯޗުގަލް ވަނީ 1-0 އިން ބަލިވެފަ އެވެ. އަލީ ދާއީގެ ރެކޯޑާ ގާތްކުރުމުގެ އުއްމީދުގައި ރޮނާލްޑޯއާ އެކު ޕޯޗުގަލް މިރޭ ރަށުން ބޭރުގައި ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނާނެ އެވެ. މިރޭގެ މެޗަށް ފަހު ޕޯޗުގަލުން ރަހްމަތްތެރިކަމުގެ މެޗެއް ދެން ކުޅޭނީ އަންނަ އަހަރުގެ މާޗް މަހު އެވެ.

“އަހަރެންގެ ރެކޯޑާ ރޮނާލްޑޯ އަރާ ހަމަކުރުމަކީ ހަގީގައިވެސް ބޭނުންވާކަމެއް. އެކަމާ އަހަރެން އެއްވެސް ވަރަކަށް ދެރައެއް ނުވާނެ. އެފެންވަރުގެ ކުޅުންތެރިއަކު އަހަރެންގެ ރެކޯޑާ ހަމަކުރުމަކީ ލިބޭނެ އުފަލެއް” އަލީ ދާއީ ބުންޏެވެ.

ފަސް ފަހަރު ބެލޮންޑިއާ ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ އަކީ ތާރީހު ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. ކެރިއަރުގެ ފަހު އަހަރުތައް ގުނަމުންދާއިރު ރޮނާލްޑޯ ވަނީ ޕޯޗުގަލްއާ އެކު 2016 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް ޔޫއެފާ ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތް ޕޯޗުގަލާ އެކު ކާމިޔާބުކޮށްފަ އެވެ.

“ރޮނާލްޑޯ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ. އެއީ ހަމަ އާދަޔާހިލާފު މޮޅު ކުޅުންތެރިއެއް. ރެކޯޑް މުގުރާލައިފި ނަމަ އަހަރެން ސީދާ ރޮނާލްޑޯ އަށް މަރުހަބާ ކިޔާނަން. އެކަމަކު އެހިސާބަށް ރޮނާލްޑޯ ޖެހޭނީ އެންމެ ފުރަތަމަ ދާން” އަލީ ދާއި ބުންޏެވެ.

“ރޮނާލްޑޯ މިހާރު ވެސް 102 ގޯލު ޕޯޗުގަލަށް ޖަހައިފި. އޭނަ އަހަރެންގެ ރެކޯޑް މުގުރާލާނެކަން ޔަގީން. އެކަމަކު ރެކޯޑާ ހަމަކުރަން އަދި ބާކީ ހަތް ގޯލު އެބައޮތް” ކުރިން ބަޔާން މިއުނިކަށް ކުޅެފައިވާ ހުނަރުވެރި ފޯވާޑް ބުންޏެވެ.

އަލީ ދާއީ ބުނީ ޔޫއެފާ ނޭޝަންސް ލީގުގައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ޕޯޗުގަލް ނުކުންނައިރު ރޮނާލްޑޯ ލައްވައި ލަނޑު ޖަހުވަން އެޓީމުގެ ކުޅުންތެރިން މަސައްކަތް ނުކުރާނެކަމަށާއި، ރޮނާލްޑޯ ވެސް ކުޅޭނީ އެފަދަ ވިސްނުމެއްގައި ނޫން ކަމަށެވެ.

“ކުޅުންތެރިން ކުޅޭނީ ހަމައެކަނި ރޮނާލްޑޯ އަށް ވިސްނައިގެންނެއް ނޫން. ލަނޑު ނުޖަހާ ރޮނާލްޑޯ އަށް އެ ފުރުސަތުދޭން އެއްވެސް ކުޅުންތެރިއަކު މަސައްކަތެއް ނުކުރާނެ. އަނެއްކާ ރޮނާލްޑޯ ވެސް އެގޮތް ބޭނުމެއް ނުވާނެ. ރޮނާލްޑޯ ލަނޑު ޖަހާނީ އޭނަ އަށް ގޯލު ޖެހޭނެކަން ޔަގީންވާ ހާލަތުގައި” ކުރިން އިރާންގެ ގައުމީ ޓީމަށް އިރުޝާދުދީފައިވާ އަލީ ދާއީ ބުންޏެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.