ރެކޯޑް މުގުރާލި މެޗުގައި ރާމޯސް އަށް މިވީ ކިހިނެއް؟

Advertisement

ރެކޯޑް މުގުރާލި މެޗުގައި ރާމޯސް އަށް މިވީ ކިހިނެއް؟

ޢަބްދުﷲ އަޝްރަފް

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ސްޕެއިން އިން ސްވިޒަލޭންޑާ ވާދަކުރި މެޗުގައި ކުޅެގެން އެންމެ ގިނަ މެޗު ގައުމީ ޓީމަށް ކުޅުނު ޔޫރަޕްގެ ކުޅުންތެރިޔާގެ ރެކޯޑް ސްޕެއިންގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ހެދިއިރު މެޗުގައި އޭނާ ޖެހި ދެ ޕެނަލްޓީ ނާކާމިޔާބުވެއްޖެ އެވެ. މިއީ ސްޕެއިންގެ ގައުމީ ޓީމަށް މީގެ 15 އަހަރު ކުރިން ފެށިގެން ކުޅެމުން އައި އުމުރުން 34 އަހަރުގެ ރާމޯސް އަތުން ގައުމީ ޖޯޒީގައި ޕެނަލްޓީއެއް ކާމިޔާބު ނުކުރެވިދިޔަ ހަމައެކަނި ފަހަރެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރު ރޭ ކުޅުނު މެޗާއެކު އޭނާ ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު 177 އަށް އެރީ އެވެ. ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ޔޫރަޕްގެ ކުޅުންތެރިޔާގެ ގޮތުގައި މީގެ ކުރިން ހުރީ އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޖިއަން ލުއިޖީ ބުފޮން އެވެ. ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ދުނިޔޭގެ ރެކޯޑް މިވަގުތު އޮތީ މިސްރުގެ ކުރީގެ މިޑްފީލްޑަރު އަހުމަދު ހަސަންގެ އަތުގަ އެވެ. އަހަމަދު ހަސަން ހަދާފައިވާ ރެކޯޑާ ހަމަކުރަން ރާމޯސް އަށް ދެން ބޭނުންވަނީ އެންމެ ހަތް މެޗެވެ.

ކޮންމެއަކަސް ސްޕެއިން އިން ރޭ 1-1 އިން ސްވިޒަލޭންޑާ އެއްވަރުކުރި މެޗު ރާމޯސް އަށް ތާރީހީ މެޗަކަށްވިއިރު މެޗުގައި ކަންތައް މިވީ ރާމޯސް އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. މެޗުގެ ފަހު ހާފުގައި ސްޕެއިން އަށް ލިބުނު ދެ ޕެނަލްޓީވެސް ރާމޯސް ޖަހައިފައިވާއިރު އެ ދެ ޕެނަލްޓީވެސް ވަނީ ސްވިޒަލެންޑްގެ ގޯލްކީޕަރު ޔާން ސޯމާ ދިފާއުކޮށްފަ އެވެ. ފުރަތަމަ ޕެނަލްޓީއަކީ ރާމޯސް ވަރަށް ބާރަށް ގޯލުގެ ކަނަށް ވައްދާލަން ފޮނުވާލި ބޯޅައެކެވެ. އެކަމަކު ފަހު ޕެނަލްޓީ ރާމޯސް އަށް ފޮނުވާލެވުނީ ވަރަށް މަޑުންނެވެ. ރާމޯސް ވަނީ ގައުމީ ޓީމާއި، ރެއާލް މެޑްރިޑްގެ ޖޯޒީގައި މީގެ ކުރިން ޖެހި 25 ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ.

“ސާޖިއޯގެ ޕެނަލްޓީ ރެކޯޑަކީ މިދުނިޔެ މަތީގެ ކަމެއް ނޫން. ސްޕެއިން އަށް މެޗުގައި ތިންވަނަ ޕެނަލްޓީއަށް ލިބުނު ނަމަވެސް އެ ޕެނަލްޓީވެސް ޖަހާނީ ރާމޯސް.” މެޗަށްަ ފަހު ރާމޯސްގެ ދިފާއުގައި ވާހަކަދައްކަމުން ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފައިވެ އެވެ.

ރާމޯސްގެ ދެ ޕެނަލްޓީ ވެސް ދިފާއުކުރި ސްވިޒަލޭންޑްގެ ގޯލްކީޕަރު މެޗަށްފަހު ސްވިޒަލޭންޑްގެ މީޑިއާ އަކަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވަރަށް ފަހުން ރާމޯސް އާ ދެކޮޅަށް ކުޅެފައިވާތީ އާއެކު އޭނާގެ ޕެނަލްޓީ ތަކަށް ތައްޔާރުވެވިފައިހުރި ކަމަށެވެ.

ސްޕެއިން އަށް ރޭގެ މެޗުގައި ދެ ޕެނަލްޓީ ލިބުނު އިރުވެސް އެ ޓީމު އޮތީ 0-1 އިން ފަހަތުގަ އެވެ. ސްވިޒަލޭންޑްގެ ބަސެލްގައި ކުޅުނު ރޭގެ މެޗުގައި ސްވިޒަލޭންޑަށް ލީޑު ނަގައިދިނީ މެޗުގެ 26 ވަނަ މިނެޓްގައ ރެމޯ ފްރީލާރ އެވެ. ސްޕެއިން އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިން ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޖެރާޑް މޮރޭނޯ އެވެ.

ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރަށް ސްޕެއިން އަށް މިހާރު ދެވެން އޮތް ހަމައެކަނި ގޮތަކީ ގްރޫޕްގެ އެއްވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތް ޖަރުމަނާ ދެކޮޅަށް އަންނަ އަންގާރަ ދުވަހުގެ ރޭ ކުޅޭ މެޗުން މޮޅުވުމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *