ހުޅުމާލޭ ބިލިއާޑް ހައުސް ނައިބު ރައީސް ހުޅުއްވައިދެއްވައިފި

ހުޅުމާލޭ ބިލިއާޑް ހައުސް ނައިބު ރައީސް ހުޅުއްވައިދެއްވައިފި

ޢަލީ ޝަހީމް
ހުޅުމާލޭ ބިލިއާޑް ހައުސް ހުޅުއްވައިދެއްވުމަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމް ބިލިއާޑް ކުޅުއްވަނީ

ސަރުކާރުން ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ތަރައްގީކުރި ޒަމާނީ ފެންވަރު ބިލިއާޑް ހައުސް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ރަސްމީކޮށް ރޭ ހުޅުއްވައިދެއްވައިފި އެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ އިތުރުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސާންޖޭ ސުދީރު އާއި މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އަދި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ޕޫލް ބިލިއާޑް އެސޯސިއޭޝަނަށް ހުޅުމާލޭގައި ތަރައްގީކުރި ބިލިއާޑް ހައުސްގައި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ކުޅެވޭގޮތް މިދިޔަ މަހު ވަނީ ހަދައިފަ އެވެ. ރަސްމީކޮށް އެތަން ހުޅުވުން ކުރިއަށް ގެންދިޔައީ ޖުމްހޫރީ ދުވަހާއި ގުޅުވައިގެންނެވެ. ރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ މި ސަރުކާރަށް ދެއަހަރު ވެގެންދާއިރު އެންމެ ބޮޑު ސަމާލުކަމެއް ދެއްވަނީ ޒުވާން ގާބިލް ޖީލެއް ބިނާކުރުމަށް ކަމަށެވެ. މީގެ އިތުރުން ޒުވާނުންނަކީ މަސައްކަތްތެރި ބަޔަކަށް ހަދައި ގައުމަށް ފައިދާހުރި ބަޔަކަށް ވުމަށް އަޒުމް ކަނޑައެޅުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި އެވެ. ފައިސަލްގެ ވާހަކަފުޅުގައި ވަނީ ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމުގައި ޔޫތު މިނިސްޓްރީން ކުރާ މަސައްކަތް ފާހަގަކޮށް މިނިސްޓަރު މަހުލޫފަށާއި މިނިސްޓްރީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. ބިލިއާޑް ހައުސް ހުޅުއްވައި ދެއްވުމަށްފަހު ނައިބު ރައީސް ވަނީ ރާއްޖޭގެ އެން ވަނަ އަންހެން ބިލިއާޑް ކުޅުންތެރިޔާ ކަމަށްވާ އާމިނަތު ފާތީއާ އެކު ބިލިއާޑް މެޗެއް ކުޅުއްވާފަ އެވެ.

ހުޅުމާލޭގައި ތަރައްގީކުރި ބިލިއާޑް ހައުސްގައި ޖުމްލަ ހަ މޭޒު ހުރެ އެވެ. މިތަނުގައި ގައުމީ ޓީމުގެ ކުޅުންތެރިން ފަރިތަކުރުންތައް ފަށާފައިވާއިރު ސަރުކާރުން މިހާރު އަންނަނީ ޕޫލް ބިލިއާޑް އެސޯސިއޭޝަނަށް ލިބިފައިވާ ކްލަބް ހައުސް ދުނިޔޭގެ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްގީކުރަމުންނެވެ.

“ވޯލްޑް ޗެމްޕިއަންޝިޕް ބޭއްވޭ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް، ހުޅުމާލޭ ބިލިއާޑް ހައުސް ރޭގައި ވަނީ ހުޅުވިފައި. ގައުމީ ޓީމަށް ބޭރު ކޯޗެއް ހަމަޖެހިފައި” މިނިސްޓަރު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.