އާ ސާސްކަފަށް އުފަން އެންމެ އަގުހުރި ކުޅުންތެރިން!

Advertisement

އާ ސާސްކަފަށް އުފަން އެންމެ އަގުހުރި ކުޅުންތެރިން!

އައްބާސް
ޑޭވީސް (ކ) ހާލަންޑް (މ) އަދި

އިންޓަނޭޝަނަލް ސެންޓަރ ފޯ ސްޕޯޓްސް ސްޓަޑީޒް (ސީ އައި އީ އެސް) އިން ދާދި ފަހުން ވަނީ ފުޓްބޯޅައިގެ ދުނިޔޭގައި މިހާރު ހަރަކާތްތެރިވާ އެންމެ ޒުވާންކުޅުންތެރިން އަގުކޮށް ރޭންކް ކޮށްފަ އެވެ. މިޖަމިއްޔާގެ އިނިޝަލްސް، ‘ސީ އައި އީ އެސް’ އައިސްފައި ވަނީ އެޖަމިއްޔާއަށް ކިޔާ ފްރެންޗް ނަމަށް ބިނާކޮށެވެ. ސްވިޒަލެންޑްގައި މައި އޮފީސް ހުންނަ މިޖަމިއްޔާގެ މައިގަނޑު މަސައްކަތަކީ ކުޅިވަރާއި ގުޅޭ ދިރާސާތައް ހެދުމެވެ. ސީއައިއީއެސް އިން މިހާރު ފުޓްބޯޅައިގައި އެންމެ މަޝްހޫރު މޮޅެތި ޒުވާންކުޅުންތެރިން އަގުކޮށް ލިސްޓްކުރިއިރު މިލިސްޓްގައި ހިމަނާފައިވަނީ އާ ސާސްކަފަށް (2000 ވަނަ އަހަރުންފެށިގެން އޭގެ ފަހަށް) އުފަން ވެފައިވާ ކުޅުންތެރިންނެވެ. މިލިސްޓްގެ އެންމެ ކުރީގައި ހިމެނޭ ކުޅުންތެރިންނަކީ މާ ގިނަ ދުވަސްތަކެއް ނުވެ ފުޓްބޯޅައިގެ އެންމެ އުހަށް އަރާ ބޮންތީގައި ހިފާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ތަރިންނެވެ. މިހާ ހިސާބުން މިލިސްޓްގެ އެންމެ ކުރީގައި އުޅޭ 12 ކުޅުންތެރިންނަށް ބަލާލަމާ ހިނގާށެވެ.

12- ވިނީޝިއަސް ޖޫނިއަރ (ބްރެޒިލް – ރެއާލް މެޑްރިޑް) – މާކެޓް އަގު 58.5 މިލިއަން ޔޫރޯ

Advertisement

12 ޖުލައި 2000 ގައި ބްރެޒިލްގެ ސައޯ ގޮންޒާލޯ އަށް އުފަން ވިނީޝިއަސް ޖޫނިއަރ އޭނާގެ ސީނިއަރ ކެރިއަރު ފެށީ ބްރެޒިލްގެ ފްލެމިންގޯއާ އެކުގަ އެވެ. އެހެންނަމަވެސް ސްޕެއިންގެ ރެއާލް މެޑްރިޑުން ވަނީ 2018 ގައި ވިނީޝިއަސް ފްލެމިންގޯއަށް ކުޅެންފެށިތާ މާގިނަދުވަހެއްނުވެ 46 މިލިއަން ޔޫރޯ ހޭދަކުރުމަށްފަހު ގެނެސްފަ އެވެ. އެހާތަނުން ފެށިގެން މިއަދާއި ހަމައަށް ވިނީޝިއަސް ވަނީ ރެއާލަށް 57 ލީގު މެޗްގައި 7 ގޯލް ޖަހައިދީފަ އެވެ. ކޮންމެއަކަސް ބޮޑުއަގު ދީފައި ގެނައި މިކުޅުންތެރިޔާގެ ރޯލް ރެއާލްގައި އަދި އެހާ ބޮޑެއް ނޫނެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި ކްލަބް ފުޓްބޯޅައިގަޔާއި އަދި ބްރެޒިލްގެ ގައުމީޓީމުގައި ވެސް ވިނީޝިއަސް އަކީ އެންމެ ފާހަގަކޮށްލެވޭ އެއް ނަމަށް ވާނެކަމަށް ބުނާމީހުން މަދެއްނޫނެވެ.

11- އެޑުއާޑޯ ކަމަވިންގާ (ފްރާންސް – ރެންސް) – މާކެޓް އަގު 61.5 މިލިއަން ޔޫރޯ

އެންގޯލާގެ ރެފިއުޖީ ކޭމްޕެއްގައި 10 ނޮވެމްބަރު 2002 ގައި އުފަންވި އަދި އުމުރުން 2 އަހަރުގައި ފްރާންސަށް ހިޖުރަކުރި އެޑުއާޑޯ ކަމަވިންގާ އަކީ ކޮވިޑް ބްރޭކަށް ފަހު ފުޓްބޯޅަ އެނބުރި އައުމާއެކު އެންމެ ފާހަގަކޮށްލެވުނު އެއް ކުޅުންތެރިޔާ އެވެ. ފްރެންޗް ލީގުގެ ރެންސްގެ މެދުތެރެއަށް ކުޅޭ އުމުރުން އެންމެ 18 އަހަރުގެ ކަމަވިންގާ އަކީ މިހާރު ޔޫރަޕްގެ އެންމެ ބޮޑެތި ކްލަބުތަކުގެ ލޯ އަމާޒުވެފައިވާ ކުޅުންތެރިއެކެވެ. ވޭތުވެދިޔަ 100 އަހަރުގެ ތެރޭގައި ފްރާންސްގެ ގައުމީޓީމަށް ކުޅެ އަދި ގޯލް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހަދާފައިވާ ކަމިވިންގާއަކީ 2021 ގެ ޓްރާންސްފަރ ބާޒާރުގައި ބޮޑު އަގަކަށް ކްލަބު ބަދަލުކުރާނޭ ކުޅުންތެރިއެއްކަމަށް ލަފާކުރެވެ އެވެ.

10- ރޮޑްރިގޯ (ބުރެޒިލް – ރެއާލް މެޑްރިޑް) – މާކެޓް އަގު 69.9 މިލިއަން ޔޫރޯ

9 ޖެނުއަރީ 2001 ގައި ބްރެޒިލްގެ އޮސަސްކޯ އަށް އުފަންވި ރޮޑްރިގޯ ސިލްވާ ޑި ގޮއެސް އޭނާގެ ސީނިއަރ ފުޓްބޯޅަ ކެރިއަރު ފެށީ ބްރެޒިލްގެ ސަންތޯސް ގައެވެ. 2019 ސެޕްޓެމްބަރުގައި ރެއާލް މެޑްރިޑްގެ ސީނިއަރ ޓީމަށް ކުޅެންފެށި ރޮޑްރިގޯ ރެއާލަށް ގެނައުމަށް އެކްލަބުން 45 މިލިއަން ޔޫރޯ ހޭދަކުރިކަމަށް ބުނެވެ އެވެ. ރޮޑްރިގޯ މިހާތަނަށް ރެއާލް މެޑްރިޑަށް 35 މެޗްކުޅެ 8 ގޯލް ޖަހާފައިވެ އެވެ. ރޮޑްރިގޯ ފުރަތަމަ ރެއާލަށް ކުޅެންފެށުމާ އެކު އޭނާއަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ހުސްކޮށްފައި ދިޔަ ޖާގަ ފުރާނޭ ކުޅުންތެރިޔާކަމުގައި ވާހަކަދެކެވުނެވެ. އެހެންނަމަވެސް އެޖާގަ ފުރުމަކީ ފަސޭހަކަމަކަށް ނުވާނެކަން މިހާރު ރޮޑްރިގޯއަށް ވެސް އަދި ސަޕޯޓަރުންނަށް ވެސް އިހުސާސް ކުރެވިދާނެކަމަށް ބެލެވެ އެވެ.

9- ފިލް ފޯޑެން (އިނގިރޭސި ވިލާތް – މެންޗެސްޓަރ ސިޓީ) – މާކެޓް އަގު 70.3 މިލިއަން ޔޫރޯ

28 މެއި 2000 ގައި އިނގިރޭސި ވިލާތުގެ ސްޓޮކްޕޯޓަށް އުފަން ފިލިޕ ވޯލްޓަރ ފޯޑެން އޭނާގެ ސީނިއަރ ފުޓްބޯޅަ ކެރިއަރު 2016 ގައި ފެށީ މެންޗެސްޓަރ ސިޓީއާ އެކު އެވެ. ޓީމުގައި މިޑްފީލްޑަރެއްގެ ރޯލް އަދާކުރާ ފޯޑެން ވަނީ މިހާތަނަށް ސިޓީއަށް 83 މެޗް ކުޅެ 18 ގޯލް ޖަހައިދީފަ އެވެ. އަދި ފަހަކަށް އައިސް ފޯޑެންގެ ރޯލް ސިޓީގެ މެދުތެރޭގައި އަންނަނީ ބޮޑުވަމުންނެވެ. ފޯޑެން އިނގިރޭސި ގައުމީޓީމުގެ ޖާޒީގައި ފުރަތަމަ ފެނުނީ މިއަހަރު ސެޕްޓެމްބަރު މަހު ޔޫއެފާ ނޭޝަންސް ލީގުގައި އައިސްލެންޑާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެހެންނަމަވެސް އޭގަފަހުން ކޮވިޑް ޕްރޮޓޮކޯލް އާއި ހިލާފުވުމުގެ ސަބަބުން ފޯޑެން އާއި މޭސަން ގޮރީންވުޑް ޓީމުން ބޭރުކުރެވުނެވެ. އެކަމަކު މި ނޮވެމްބަރު މަހު ކުޅެވޭ މެޗްތަކަށް އިނގިރޭސި ކޯޗް ގަރެތު ސައުތުގޭޓް ފޯޑެން އަށް ޓީމުން ޖާގަ ދީފައިވާ ކަން ފާހަގަކޮށްލެވެ އެވެ.

8- ޑޭޔާން ކުލުސޭވްސްކީ (ޔުވެންޓަސް – ސްވިޑެން) މާކެޓް އަގު 75.1 މިލިއަން ޔޫރޯ

25 އޭޕްރީލް 0200 ގައި ސްވިޑެންގެ ސްޓޮކްހޯމަށް އުފަން ޑެޖާން ކުލުސޭވްސްކީ ފުރަތަމަ ސީނިއަރ ފުޓްބޯޅަ ކުޅުނީ އިޓަލީގެ އެޓްލާންޓާގަ އެވެ. އެއަށްފަހު ޕާމާގައި އެއް ސީޒަން ކުޅުމަށްފަހު މިހާރު ކުލުސޭވްސްކީ އަކީ އިޓަލީގެ ގަދަ ބާރު ޔުވެންޓަސްގެ މިޑްފީލްޑަރެކެވެ. ކުލުސޭވްސްކީ ވަނީ މިހާތަނަށް ޔުވެންޓަސް އަށް 7 މެޗްގައި 2 ގޯލް ޖަހައިދީފަ އެވެ. ކުލުސޭވްސްކީ ސްވިޑެންގެ ގައުމީ ޓީމަށް ފުރަތަމަ ކުޅުނީ 2019 ނޮވެމްބަރުގަ އެވެ. އޭގަފުން އޭނާވަނީ ސްވިޑެން އަށް 5 މެޗް ކުޅެދީފަ އެވެ.

7- ބުކަޔޯ ސާކާ (އިނގިރޭސި ވިލާތް – އާސެނަލް) މާކެޓް އަގު 95.8 މިލިއަން ޔޫރޯ

5 ސެޕްޓެމްބަރު 2001 ގައި އިނގިރޭސިވިލާތަށް އުފަންވި ބުކަޔޯ ސާކާ ޔޫތު ކެރިއަރުން ފެށިގެން މިހާތަނަށް ވެސް ކުޅެމުން އަންނަނީ އިނގިރޭސި ވިލާތުގެ އާސެނަލް އަށެވެ. މިހާތަނަށް އައި އިރު މިކޭލް އާޓެޓާ ވަނީ ވަނީ ސާކާ ލައްވާ އާސެނަލްގެ އެކި މަގާމުތަކަށް ކުޅުވައިފަ އެވެ. ސާކާ ވަނީ މިހާތަނަށް އާސެނަލް އަށް 52 މެޗް ކުޅެ 5 ގޯލް ޖަހައިދީފަ އެވެ. ސާކާ އިނގިރޭސި ގައުމީޓީމަށް އެންމެ ފުރަތަމަ ކުޅުނީ މިދިޔަ މަހު ވޭލްސް 3-0 އިން ބަލިކުރި މެޗުގަ އެވެ. އާސެނަލްގެ ހަތް ނަންބަރު ޖާޒީގައި ސާކާ އަންނަނީ އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

6- ފެރަން ޓޮރޭޒް (ސްޕެއިން – މެންޗެސްޓަރ ސިޓީ) މާކެޓް އަގު 106 މިލިއަން ޔޫރޯ

29 ފެބްރުއަރީ 2000 ގައި ސްޕޭންގެ ފޮޔަސް އަށް އުފަން ޓޮރޭޒްގެ ސީނިއަރ ކެރިއަރު ފެށުނީ ސްޕެއިންގެ ވެލެންސިޔާގަ އެވެ. ޓޮރޭޒް މެންޗެސްޓަރ ސިޓީ އަށް ބަދަލުވީ މިއަހަރު އޯގަސްޓްގައި 23 މިލިއަން ޔޫރޯގެ ފީއަކަށެވެ. އަދި މިހާތަނަށް ވަނީ އެޓީމަށް 9 މެޗްގައި 4 ގޯލް ޖަހައިދީފަ އެވެ. ޓޮރޭޒް ސިޓީއަށް ސޮއިކުރިތާ ދެހަފްތާ ފަހުން ފުރަތަމަ ފަހަރަށް ސްޕެއިންގެ ގައުމީޓީމުން ފުރުސަތު ލިބުނެވެ. ޓޮރޭޒް ގައުމީ ޖާޒީގައި ފުރަތަމަ ކުޅުނީ މިދިޔަ ސެޕްޓެމްބަރުގައި ޖަރުމަނާކުޅެ 1-1 އިން އެއްވަރުވި މެޗުގަ އެވެ. އަދި އޭގެ ތިންދުވަސް ފަހުން ޔޫކުރޭން އަތުން މޮޅުވި މެޗްގައި ޓޮރޭޒް ގައުމީޓީމަށް ޖަހައިދިން ފުރަތަމަ ގޯލް ފެނިގެންދިޔަ އެވެ.

5- މޭސަން ގްރީންވުޑް (އިނގިރޭސި ވިލާތް – މެންޗެސްޓަރ ޔުނައިޓެޑް) – މާކެޓް އަގު 115.3 މިލިއަން ޔޫރޯ

01 އޮކްޓޯބަރު 2001 ގައި އިނގިރޭސި ވިލާތުގެ ބުރެޑްފޯޑަށް އުފަންވި ގުރީންވުޑް ޔޫތު ލެވެލް އިން ފެށިގެން ކުޅެމުން އަންނަނީ އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑަށެވެ. ފޯވާޑަކަށް ކުޅޭ ގުރީންވުޑް ވަނީ މިހާތަނަށް ޔުނައިޓެޑަށް 61 މެޗްގައި 19 ގޯލް ޖަހައިދީފަ އެވެ. މިލިސްޓްގައި ހިމެނޭ ފިލް ފޯޑެން އެކޭ އެއްގޮތަށް ގްރީންވުޑް ވެސް އިނގިރޭސި ގައުމީޓީމާއެކު ފުރަތަމަ ފެނުނީ މިދިޔަ ސެޕްޓެމްބަރުގައި އައިސްލެންޑާއި ދެކޮޅަށް ކުޅުނު މެޗްގަ އެވެ. އޭގެފަހުން ކޮވިޑް ޕްރޮޓޮކޯލާއި ހިލާފުވުމުން ފޯޑެންއާ އެކު ގުރީންވުޑް ވެސް ޓީމުން ބޭރުކުރެވުނެވެ. އަދި މި ނޮވެމްބަރުގައި ކުޅެވޭ މެޗްތަކަށް ގަރެތު ސައުތުގޭޓް ފޯޑެން އަށް ފުރުސަތު ދީފައި ވިޔަސް ގްރީންވުޑަށް އަދި އެފުރުސަތު ނުދޭކަން ފާހަގަކުރެވެ އެވެ.

4- އާލިން ބްރައުޓް ހާލާންޑް (ނޯވޭ – ބޮރޫޝިއާ ޑޯޓްމަންޑް) – މާކެޓް އަގު 120.3 މިލިއަން ޔޫރޯ

21 ޖުލައި 2000 ގައި އިނގިރޭސި ވިލާތުގެ ލީޑްސް އަށް އުފަންވި  ހާލާންޑްގެ ސީނިއަރ ކެރިއަރު ފެށުނީ ނޯވޭގެ ކްލަބެއް ކަމަށްވާ ބާން އިންނެވެ. އަދި ދުނިޔޭގެ ބޮޑެތި ކްލަބުތަކުން ހާލާންޑަށް ޝައުގުވެރިވީ އޭނާ ނޯވޭގެ ރެޑްބުލް ސާލްޒްބާގަށް ކުޅުނު އިރެވެ. މިދިޔަ އަހަރު ނިމުނުއިރު ޔޫރަޕްގެ ބޮޑެތި ބާރުތަކުން ހާލާންޑް ހޯދަން މަސައްކަތްކުރިއިރު ހާލާންޑްގެ ހޮވުމަކަށްވީ ބޮރޫޝިއާ ޑޯޓްމަންޑެވެ. ހާލާންޑް ވަނީ މިހާތަނަށް ޑޯޓްމަންޑަށް ކުޅެދިން 29 މެޗްގައި 27 ގޯލް ޖަހައިފަ އެވެ. ހާލާންޑަށް އިނގިރޭސި ގައުމީޓީމަށް ކުޅުމުގެ ފުރުސަތު ފަހިވެފައި އޮތަސް ހާލާންޑްގެ ހޮވުމަކަށްވީ އޭނާގެ މައިންބަފައިންގެ ގައުމުކަމުގައިވާ ނޯވޭ އެވެ. ހާލާންޑް  ނޯވޭގެ ގައުމީޓީމުގެ ޖާޒީގައި ފުރަތަމަ ފެނުނީ ސެޕްޓެމްބަރު 2019 ގަ އެވެ. އޭގަފުން ހާލާންޑް އަންނަނީ ގައުމީ ޓީމުގައި ވެސް ތަފާތު ދައްކަމުންނެވެ. އޭނާވަނީ މިހާތަނަށް ކުޅުނު 7 މެޗްގައި 6 ގޯލް ގައުމީ ޓީމަށް ޖަހައިފަ އެވެ.

3 – އަންސޫ ފާޓީ (ސްޕެއިން – ބާސެލޯނާ) – މާކެޓް އަގު 122.7 މިލިއަން ޔޫރޯ

31 އޮކްޓޯބަރު 2002 ގައި، އެފްރިކާގެ ގައުމެއްކަމަށްވާ ގިނީ ބިސާއޫ އަށް އުފަން އަންސޫ ފާޓީ ސްޕެއިން އަށް ހިޖުރަ ކުރީ އުމުރުން 6 އަހަރުގަ އެވެ. ފާޓީގެ ސީނިއަރ ފުޓްބޯޅަ ކެރިއަރު ފެށުނީ ސްޕެއިންގެ ބާސެލޯނާ އިންނެވެ. މިދިޔަ ސީޒަނުގައި ބާސެލޯނާއަށް ކުޅެންފެށި ފާޓީ މިހާރުވަނީ އެޓީމަށް 43 މެޗްގައި 13 ގޯލް ޖަހައިދީފަ އެވެ. އަދި ޅައުމުރުގައި ނިކުމެ އޭނާވަނީ އެޓީމާއެކު ގިނަ ރެކޯޑްތަކެއް ހަދާފައެވެ. އޭގެތެރޭގައި ބާސެލޯނާއަށް ގޯލް ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ހިމެނެއެވެ. ފާޓީ މިރެކޯޑް ހެދިއިރު އުމުރަކީ 16 އަހަރާއި 304 ދުވަހެވެ. ގައުމީޓީމަށް ކުޅެން ފުރުސަތު ލިބުމާއެކު އުފަން ގައުމު ގިނީ ބިސާއޫއަށް ކުޅުމުގެ ބަދަލުގައި ފާޓީ އިހުތިޔާރުކުރީ ސްޕެއިން އެވެ. ފާޓީ ފުރަތަމަ ފަހަރަށް ސްޕެއިންގެ ޓީމަށް ކުޅުނީ މިދިޔަ މަހު ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗްގައެވެ. އަދި އޭގެ ތިން ދުވަސްފަހުން ޔޫކްރެން ކޮޅަށް ގޯލް ޖަހާ ސްޕޭންގެ ގައުމީޓީމަށް ލަނޑުޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް މުގުރާލި އެވެ.

2 – ޖޭޑަން ސަންޗޯ (އިނގިރޭސިވިލާތް – ބޮރޫޝިއާ ޑޯޓްމަންޑް) – މާކެޓް އަގު 125.6 މިލިއަން ޔޫރޯ

އިނގިރޭސި ވިލާތުގެ ކެމްބަވެލްގައި 25 މާޗް 2000 ގައި އުފަންވި ޖޭޑަން ސަންޗޯ ސީނިއަރ ކެރިއަރުފެށީ ބޮރޫޝިއާ ޑޯޓްމަންޑްގައި 2017 ގަ އެވެ. އެއީ ބޮޑެތި ކްލަބުތަކުން ސަންޗޯއަށް ފާރަލަމުން ދަނިކޮށެވެ. އަދި މިހާރުވެސް އޭނާގެ ސޮއި ހޯދުމަށް ބޮޑެތި ކްލަބުތަކުން ދަނީ ފާރަލަމުންނެވެ. މި ނިމުނު ޓްރާންސްފަރ ބާޒާރުގައި ސަންޗޯ ހޯދުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. މިހާރުވެސް އެކްލަބުން އުޅެނީ އެމަސައްކަތުގަ އެވެ. އަރިމަތިން ކުރިއަށް ކުޅޭ މިކުޅުންތެރިޔާ ވަނީ މިހާތަނަށް ޑޯޓްމަންޑަށް ކުޅެދިން 107 މެޗްގައި 36 ގޯލް ޖަހައިފަ އެވެ. ސަންޗޯ އެންމެ ފުރަތަމަ އިނގިރޭސި ގައުމީޓީމަށް ކުޅުނީ 2018 އޮކްޓޯބަރުގަ އެވެ. ސަންޗޯ ވަނީ މިހާތަނަށް ގައުމީޓީމަށް ކުޅުނު 15 މެޗްގައި ދެގޯލް ޖަހައިފަ އެވެ.

1 – އަލްފޮންސޯ ޑޭވީސް (ކެނެޑާ – ބަޔާން މިއުނިކް) – މާކެޓް އަގު 180.4 މިލިއަން ޔޫރޯ

ގާނާގެ ރެފިއުޖީ ކޭމްޕެއްގައި 2 ނޮވެމްބަރު 2000 ގައި އުފަންވި އަލްފޮންސޯ ޑޭވީސް އަކީ މިހާރު މުޅި ޔޫރަޕްގައިވެސް އެންމެ އިތުބާރު ބޮޑު އެއް ޑިފެންޑަރެވެ. އެންމެ ފަހުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ބެލި ކޮންމެ މީހަކަށްވެސް އަލްފޮންސޯ ޑޭވީސް އަކީ ކާކުކަން ނޭނގިއެއް ނުހުންނާނެއެވެ. އުމުރުން 5 އަހަރުގައި އާއިލާއާ އެކު ކެނެޑާ އަށް ހިޖުރަކުރުމަށް ފަހު ޑޭވީސްގެ އުއްމީދަކަށްވީ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށްވުމެވެ. ޑޭވީސް އެންމެ ފުރަތަމަ ކުޅުނީ އެމެރިކާ އަދި ކެނެޑާގެ ކްލަބުތައް ވާދަކުރަމުން ދިޔަ ލީގެއްގަ އެވެ. އެއަށް ފަހު އެމެރިކާގެ މޭޖަ ލީގު ސޮކާ ގައި ކުޅުމަށް ފަހު ޔޫރަޕަށް ގޮސް ބަޔާން މިއުނިކްގެ ސީނިއަރ ޓީމާ ގުޅުނީ 2018 ގަ އެވެ. ޑޭވީސް ވަނީ މިހާތަނަށް ބަޔާން މިއުނިކަށް 57 މެޗް ކުޅެ 4 ގޯލް ޖަހައިދީފަ އެވެ. ނިމިގެން ދިޔަ ސީޒަނުގައި ބަޔާން މިއުނިކުން ހޯދި ކާމިޔާބީތަކުގައި ޑޭވީސްގެ ހިއްސާ ވަރަށް ބޮޑެވެ. ޑޭވީސް ގެ މައިންބަފައިންނަކީ ލައިބީރިއާގެ ދެމަފިރިންނަށްވެފައި އުފަންވި ގައުމަކީ ގާނާއަށް ވުމުން ޑޭވީސް އަށް ބޭނުންނަމަ ގާނާއަށް ނުވަތަ ލައިބީރިއާ އަށް ކުޅެވެން އޮތެވެ. އެކަމަކުވެސް ޑޭވީސް ނިންމީ ކެނެޑާގެ ގައުމީޓީމަށް ކުޅޭށެވެ. ޑޭވީސް ވަނީ މިހާތަނަށް ކެނެޑާ އަށް ކުޅެދިން 17 މެޗްގައި 5 ގޯލް ޖަހައިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *