ބާސެލޯނާގެ އުއްމީދީ ތަރި ހަތަރު މަސްދުވަހަށް ގެއްލެނީ
ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ފޯވާޑް އަންސޫ ފާޓީގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުރަން ޖެހުނު އޮޕަރޭޝަނާއެކު ހަތަރު މަސްދުވަހަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
އުމުރުން އެންމެ 18 އަހަރުގެ ފާޓީގެ ވާތުފައިގެ ކަކުލަށް އަނިޔާވީ ބާސެލޯނާއިން ލީގުގައި އެންމެފަހުން ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅެ 2-5 އިން މޮޅުވި މެޗުގަ އެވެ. އެ މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފާޓީ ވަނީ ފުރަތަމަ ހާފު ނިމުމާއެކު އަނިޔާގެ ސަބަބުން ބަދަލުކޮށްފަ އެވެ.
ފާޓީ ވަނީ މިސީޒަނުގައި މިހާތަނަށް ބާސެލޯނާގެ ޖޯޒީގައި 10 މެޗު ކުޅެފަ އެވެ. އަދި، އޭނާ ވަނީ މިހާތަނަށް މި ސީޒަނުގައި ބާސެލޯނާއަށް ފަސް ގޯލު ކާމިޔާބުކޮށްދިނުމުގެ އިތުރުން ދެ ގޯލު ޖަހަން އެހީތެރިވެދީފަ އެވެ.
ސްޕެއިންގެ ގައުމީ ޓީމަށްވެސް މިހާރު ކުޅެމުން އަންނަ ފާޓީ ވަނީ 95 އަހަރުވީ ގައުމީ ރެކޯޑެއްވެސް މުގުރާލައި ސްޕެއިންގެ ގައުމީ ޓީމަށް ގޯލެއް ކާމިޔާބުކޮށްދިން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޔޫކްރެއިން އާ ދެކޮޅަށް ސްޕެއިން އިން ކުޅުނު މެޗުގައި ފާޓީ ގޯލު ޖެހި އިރު އޭނާގެ އުމުރަކީ 17 އަހަރާއި 311 ދުވަހެވެ.
Advertisement
Leave a Reply