ސައުތުހެމްޕްޓަން: ތާރީހީ ލަދުވެތިކަމަކުން އެންމެ އުހަށް

- އިނގިރޭސި ޕްރިމިއަރ ލީގުގައި މީގެ ގާތްގަނޑަކަށް އެއް އަހަރު ކުރިން އަމިއްލަ ދަނޑުގައި ލެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން 9-0 އިން ބަލިވެ ބޮޑު ލަދެއްގައި ބެދުނު ސައުތުހެމްޕްޓަން ޕްރިމިއަރ ލީގުގެ އެއްވަނަ އަށް އަރައިފި އެވެ. މިއީ 1988 ވަނަ އަހަރުގެ ފަހުން އިނގިރޭސި ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި ލީގުގެ އެއްވަނަ އެ ކުލަބަށް ލިބުނު ފުރަތަމަ ފަހަރެވެ. ސައުތުހެމްޕްޓަނަށް ޓޭބަލްގެ އެއްވަނަ ލިބުނީ ރޭ ކުޅުނު ލީގު މެޗުގައި ނިއުކާސަލް އާ ވާދަކޮށް 0-2 އިން ކުރި ހޯދައިގެންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލެސްޓަރ ސިޓީ އަތުން 9-0 އިން ސައުތުހެމްޕްޓަން ބަލިވި އިރު އެއީ ޕްރިމިއަރ ލީގުގެ ތާރީހުގައިވެސް އެންމެ ތަފާތު ބޮޑުކޮށް ޓީމެއް ބަލިވި ދެވަނަ ފަހަރެވެ. މި ތަފާތު އޭގެ ކުރިން ފެނުނީ 1995 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުން އިޕްސްވިޗް ޓައުން އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މީގެ އިތުރުން ސައުޓުހެމްޕްޓަން އަތުން ލެސްޓަރ މިދިޔަ އަހަރު ހޯދި މޮޅަކީ ލީގުގެ މުޅި ތާރީހުގައިވެސް ރަށުން ބޭރުގައި ޓީމަކުން ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ.
މިހާތަނަށް ލީގުގައި އަށް މެޗު ކުޅެގެން ހޯދި 16 ޕޮއިންޓާއެކު ސައުތުހެމްޕްޓަން އެއް ވަނައިގައި މިވަގުތު އޮތް އިރު ދެވަނައިގައި އޮތް ލިވަޕޫލަށް ވެސް ވަނީ ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފަ އެވެ. އެކަމަކު ލިވަޕޫލް އަދި ލީގުގައި ކުޅެފައިވަނީ ހަތް މެޗެވެ. ލިވަޕޫލަށް ދެން އެންމެ އަވަހަށް އޮތް މެޗަކީ އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީ އާ ދެކޮޅަށް ކުޅޭ މެޗެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނައިގައި މިވަގުތު ސައުތުހެމްޕްޓަން އޮތް ނަމަވެސް ހޯމަ ދުވަސް އަންނަ އިރު ޓޭބަލްގެ ފަސްވަނަ އަށް އެ ޓީމު ވެއްޓުމުގެ ފުރުސަތު ވެސް އެބައޮތެވެ. މިގޮތުން ސައުތުހެމްޕްޓަންގެ ފަހަތުން ޓޭބަލްގައި ފަސްވަނަ އާ ހަމައަށް އޮތް ލިވަޕޫލް އާއި، ލެސްޓަރ ސިޓީގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާސް އާއި އެވަޓަން މިރެ އާއި މާދަމާ ރޭ ކުޅޭ މެޗުތައް ކާމިޔާބުކޮށްފި ނަމަ ސައުތުހެމްޕްޓަން އަށް ވުރެ ކުރި ލިބޭނެ އެވެ.
“އަހަރެމެންގެ ސަޕޯޓަރުން މިކަމާ ވަރަށް ގަޔާވާނެ. އަދި އެމީހުން ޓޭބަލް މިވަގުތު އޮތްގޮތުގެ ތަސްވީރު ކުރަހައި ރައްކާކުރާނެ. އަހަރެމެންނަށް މިއީ ވަރަށް ބޮޑު އުފަލެއް. އެކަމަކު މިކަން ވެގެން ނުވާނެ އަހަރެމެން އިތުރަށް ކުރިއަށްދާން ފެންބޮވައިގެންފައި ތިބި ތިބުން ނިމުމަކަށް ގެންނަ ކަމަކަށް. އަހަރެމެން އަބަދުވެސް ތިބެންވާނީ ކުރިއަށް އަރަން ބޭނުންވާ ބައެއްގެ ގޮތުގައި. އަދި މި ޓީމާއެކު ކޮންމެ ކަމެއްވެސް ހާސިލްކުރެވިދާނެ ކަމަށް އަހަރެމެން ގަބޫލުކުރަންވާނެ.” މިދިޔަ ސީޒަނުގައި ލެސްޓަރ ސިޓީ އަތުން ނުވަ ލަނޑުން ބަލިވި އިރުވެސް ސައުތުހެމްޕްޓަންގެ ކޯޗަކަށް ހުރި އޮސްޓްރިއާގެ ރަލްފް ހަސެންހަޓަލް ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބުނެފައިވެ އެވެ.
“އަހަރެން މިއަދު ވަރަށް ފަހުރުވެރިވޭ. އަހަރެމެން މިހާ ހިސާބަށް މިއައީ މާބޮޑު ހޭދައެއް ކޮށްގެނެއް ނޫން. މިހިސާބަށް އަހަރެމެންނަށް މި އާދެވުނީ ބުރަ މަސައްކަތްކޮށްގެން.” ސައުތުހެމްޕްޓަންގެ ކޯޗް ހަސެން ހަޓަލް ބުންޏެވެ.
ލީގުގައި ނިއުކާސަލް އާ ދެކޮޅަށް ސައުތުހެމްޕްޓަނުން ރަގަޅު ކުޅުމެއް ދެއްކި އިރު އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދީފައިވަނީ ޗޭ އެޑަމްސް އެވެ. ދެވަނަ ލަނޑު މެޗުގެ ފަހު ހާފުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްޓުއާޓް އާމްސްޓްރޯންގެވެ. ރޭގެ މެޗުން ސައުތުހެހެމްޕްޓަން މޮޅުވިއިރު އެ ޓީމުން މެޗު ކުޅެފައި ވަނީ މި ސީޒަނުގައި އެ ޓީމަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދީފައިވާ ޑެނީ އިންގްސް ނުލައެވެ. މިހާތަނަށް މި ސީޒަނުގައި ސައުތުހެމްޕްޓަނުން ޖެހި ޖުމްލަ ގޯލުގެ 36 އިން ސައްތަ ހިއްސާކުރާ އިންގްސް މިވަގުތު ހުރީ އަނިޔާގަ އެވެ.
ލީގުގައި ސައުތުހެމްޕްޓަނުން މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން އެ ޓީމު ބަލިވެފައިވަނީ ލީގުގައި ފުރަތަމަ ކުޅުނު ދެ މެޗުން އެކަންޏެވެ. އޭގެ ފަހުން އެ ޓީމު މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން މޮޅު ނުވި ހަމައެކަނި މެޗަކީ ޗެލްސީ އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެ 3-3 އިން އެއްވަރުވި މެޗެވެ. ސައުތުހެމްޕްޓަނުން ލީގުގައި މިހާތަނަށް ކާމިޔާބުކުރި މެޗްތަކުގެ ތެރޭގައި 0-2 އިން އެވަޓަން ބަލިކުރި މެޗާއި، ލިވަޕޫލް ކޮޅަށް މި ސީޒަނުގައި ހަތް ގޯލް ޖެހި އެސްޓަން ވިލާ އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެ 3-4 އިން ކުރި ހޯދި މެޗު ފާހަގަކޮށްލެވެ އެވެ. ސައުތުހެމްޕްޓަން ދެން އެންމެ އަވަހަށް ލީގުގައި ކުޅެން ޖެހޭ މެޗަކީ ވޮލްވްސް އާ ދެކޮޅަށް ނޮވެމްބަރު 21 ވަނަ ދުވަހުގެ ރޭ ކުޅޭ މެޗެވެ.
Advertisement


Leave a Reply