ފޯޑެން އަށް ފުރުސަތު ދީފި، ގްރީންވުޑެއް ނެތް

Advertisement

ފޯޑެން އަށް ފުރުސަތު ދީފި، ގްރީންވުޑެއް ނެތް

ޢަލީ ޝަހީމް
އިނގިރޭސި ޓީމުގެ ފޯޑެން (ކ) އަދި ގްރީންވުޑް. އަހްލާގީ މައްސަލައަކާ ގުޅިގެން ޓީމުން ބާކީ ކުރުމަށް ފަހު ފޯޑެން އަށް ވަނީ އަލުން ފުރުސަތު ދީފައި

އަހްލާގީ މައްސަލައަކާއި ގުޅިގެން މިދިޔަ ސެޕްޓެމްބަރު އިނގިރޭސި ޓީމުން ބާކީކުރި މެންޗެސްޓަރ ސިޓީގެ ފިލް ފޯޑެން އަށް ޓީމުން އަލުން ފުރުސަތު ދިންއިރު މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް މޭސަން ގްރީންވުޑް މިފަހަރުގެ ޓީމުން ބާކީކޮށްފި އެވެ.

ކުރިއަށް އޮތް ދެ ހަފްތާ ކުޅޭ މެޗުތަކަށް ކޯޗު ގަރެތު ސައުތުގޭޓް ވަނީ އިނގިރޭސި ޓީމު ރޭ އިއުލާންކޮށްފަ އެވެ. ފޯޑެން އަށް އަލުން ފުރުސަތު ދިންއިރު އޭނާ އަންނަނީ ސިޓީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ފޯޑެން ވަނީ މި ސީޒަނުގައި ސިޓީ އަށް ކުޅުނު 11 މެޗުގައި ތިން ގޯލުޖަހައި އެޓީމުގެ މެދުތެރޭގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު ޔުނައިޓެޑް ސީޒަނުގައި ދައްކަމުންދަ ދަށް ކުޅުމާ އެކު ގްރީންވުޑަށް އަލުން ފުރުސަތެއް ނުލިބުނެވެ.

މި ދެކުޅުންތެރިން ޓީމުން ބާކީކުރީ ޔޫއެފާ ނޭޝަންސް ލީގުގައި ރަށުން ބޭރުގައި އައިސްލެންޑާ ދެކޮޅަށް ސެޕްޓެމްބަރު މަހު ކުޅުނު މެޗަށް ފަހު ހޮޓެލްގް ކޮޓަރިއަށް އަންހެން ކުދިންތަކެއް ވެއްދި މައްސަލައިގަ އެވެ. ކޮވިޑް އުސޫލާ ހިލާފަށް ހިންގި އެ އަމަލާއި ގުޅިގެން ވަގުތުން ދެކުޅުންތެރިން ޓީމުން ބާކީކޮށް ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ. އެއަށްފަހު ކޯޗު ސައުތުގޭޓް ބުނީ ކުޅުންތެރިން އަހްލާގް ހިފަހައްޓަން ޖެހޭނެ ކަމަށާއި، ޓީމުން އަބަދު ފުރުސަތު ހޯދުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އަދި މިދިޔަ މަހު ކުޅުނު މެޗުތަކުން މި ދެކުޅުންތެރިންނަށް އިނގިރޭސި ޓީމުން ފުރުސަތު ލިބިފައެއްނުވެ އެވެ.

ސައުތުގޭޓް ބުނީ ފޯޑެން އާއި ގްރީންވުޑް ޓީމަށް އައީ “ޕެއާ” އެއް ގޮތުގައި ނޫން ކަމަށާއި، އެއީ ތަފާތު ދެ ކުޅުންތެރިން ކަމަށެވެ.

“އަހަރެމެން މި ބަލަނީ ސްކޮޑް އެއްކޮށް ބެލެންސް ކުރެވޭނެ ގޮތެއް. ފޯޑެން ވަނީ ސިޓީ ޓީމުގައި ގިނަ މެޗުތަކެއްގައި ކުޅެފައި އެކަމަކު ގްރީންވުޑަށް އެވަރަށް އަދި ފުރުސަތެއް ނުލިބޭ. އަހަރެން ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާއާ ވާހަކަދެއްކިން. އަހަރެންގެ ނަޒަރުގައި މިއީ ގްރީންވުޑް ކްލަބްގައި މަޑުކުރަންވީ ވަގުތު. ކްލަބްގައި މަޑުކޮށް ކުރިއަށް އޮތް މަސްތަކުގައި ގްރީންވުޑް ކުރިއަށްދާން ފުރުސަތު ލިބޭނެ” ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑް ކުޅޭ ތިން މެޗުގެ ތެރެއިން މި މަހުގެ 12 ވަނަ ދުވަހު ރަހްމަތްތެރިކަމުގެ މެޗެއްގައި ނުކުންނާނީ ރިޕަބްލިކް އޮފް އަޔަލެންޑާ ދެކޮޅަށެވެ. އޭގެފަހުން ކުޅޭނީ ޔޫއެފާ ނޭޝަންސް ލީގުގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ނޮވެމްބަރު 15 ވަނަ ދުވަހު ރަށުން ބޭރުގައި ގަދަފަދަ ބެލްޖިއަމާ ދެކޮޅަށް ނުކުންނަ އިރު ނޮވެމްބަރު 18 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ އައިސްލެންޑާ ދެކޮޅަށެވެ.

މިފަހަރު ނެގި ޓީމުގައި އަނިޔާގެ ސަބަބުން ސައުތެމްޓަންގެ ޑެނީ އިންގްސް އާއި ލީޑްސް ޔުނައިޓެޑްގެ މިޑްފީލްޑަރު ކެލްވިން ފިލިޕްސް ހިމަނާފައެއްނުވެ އެވެ. އެކަމަކު އެންމެ ފަހުން ކުޅުނު މެޗުތަކުގައި އަނިޔާގެ ސަބަބުން ޓީމުގައި ހިމަނާފައިނުވާ ސިޓީގެ ރަހީމް ސްޓާލިން ވަނީ މިފަހަރުގެ ޓީމަށް އިތުރުކޮށްފަ އެވެ.

ނޭޝަންސް ލީގުގައި ރަތް ކާޑު ދެއްކި ޗެލްސީގެ ރީސް ޖޭމްސް އާއި މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ވަނީ ޓީމުގައި ހިމަނާފަ އެވެ. ރަތް ކާޑުގެ ސަބަބުން ނޭޝަންސް ލީގުގެ ދެ މެޗު ރީސް ޖޭމްސް އަށް ގެއްލޭއިރު އޭނާ އަށް ހަމައެކަނި ކުޅެވޭނީ ރިޕަބްލިކް އޮފް އަޔަލެންޑާ ދެކޮޅަށް ކުޅޭ މެޗެވެ. މެގުއާ ސަސްޕެންޑް ވީ ރަށުން ބޭރުގައި ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗަށެވެ.

އެންމެ ފަހުން ނެގި އިނގިރޭސި ޓީމުން ފުރުސަތު ލިބުނު ލެސްޓާގެ ހާވީ ބާންސް އަށް މިފަހަރު ފުރުސަތެއް ނުލިބުނެވެ. މިދިޔަ މަހު އިނގިރޭސި ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތު ލިބި ބާންސް ވަނީ ވޭލްސް އަތުން މޮޅުވި މެޗުގައި ބެންޗުން ކުޅެން އަރައިފަ އެވެ. އެކަމަކު އޭގެފަހުން ކްލަބްގައި އޭނާ ހުރީ އެންމެ ރަނގަޅު ފޯމަކު ނޫނެވެ. ބައިނަލްއަގްވާމީ މެޗުތައް އޮންނާނީ މި ހަފްތާ ބަންދުގައި ކުޅޭ ލީގު މެޗުތަކަށް ފަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *