އަޔަކްސްގެ 11 ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

Advertisement

އަޔަކްސްގެ 11 ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޢަލީ ޝަހީމް

ނެދަލެންޑްސްގެ އަޔަކްސްގެ ސީނިއާ ޓީމާއި ދެ ވަނަ ޓީމުގެ ބައެއް ކުޅުންތެރިން ހިމެނޭ ގޮތަށް ޖުމްލަ 11 ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ގިނަ ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމުން ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ޑެންމާކުގެ އެފްސީ މިޓްޔައެލަންޑާ ދެކޮޅަށް ކުޅޭ މެޗަށް ދިޔަ އަޔަކްސްގެ ޓީމުގައި ހިމަނާފައިވަނީ 17 ކުޅުންތެރިންނެވެ. ނެދަލެންޑްސްގެ ނޫސްތަކުންނާއި ޔޫރަޕްގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މެޗުގައި ނުކުޅޭނެ ކުޅުންތެރިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެކަމަކު އަޔަކްސް އަދި އެކަން ރަސްމީކޮށް ހާމަކޮށްފައެއްނުވެ އެވެ.

ޑެންމާކަށް ކުރި ދަތުރުގައި އަޔަކްސް ޓީމުގެ ރަޔަން ގްރަވެންބާޗް، ޑޭވީ ކްލާސެން، ޑޫސާން ޓަޑިޗް، ގޯލްކީޕަރުން ކަމަށްވާ އަންދްރޭ އޮނާނާ އަދި މާޓެން ސްޓެކެލެމްބާގް ބައިވެރިވެފައެއްނުވެ އެވެ. އެރިކް ޓެން ހާގްގެ ކޯޗުކަމުގައި 2019 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ވާދަކުރި އަޔަކްސް ޓީމު މިރޭގެ މެޗަށް ނުކުންނައިރު ޓީމާ އެކު ދަތުރުކުރި ހަމައެކަނި ކީޕަރަކީ މިހާތަނަށް ސީނިއާ ޓީމަށް މެޗެއް ކުޅެފައިނުވާ ކެލް ޝާޕެން އެވެ.

އަޔަކްސް އާއި މިޓްޔައެލަންޑްގެ އިތުރުން ގްރޫޕް ޑީގައި ހިމެނެނީ ލިވަޕޫލް އާއި އިޓަލީގެ އެޓަލާންޓާ އެވެ. މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދާފައިވާ ލިވަޕޫލް އެވެ. ދެ ވަނައިގައި ހަތަރު ޕޮއިންޓް ހޯދާފައިވާ އެޓަލާންޓާ އޮތްއިރު ދެ މެޗުން ލިބުނު ޕޮއިންޓަކާ އެކު އަޔަކްސް އޮތީ ތިން ވަނައިގަ އެވެ. އަޔަކްސްއާ ދެކޮޅަށް ނުކުންނަ މިޓްޔައެލަންޑް އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ލިވަޕޫލުން ރަށުން ބޭރުގައި މިރޭ ނުކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ. މި ދެ މެޗު ވެސް ފަށާނީ މިރޭ މެންދަމު އެކެއް ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *