ޒުވާންކަން އިހުސާސްކޮށްދެނީ ޓީމުގެ ކުޅުންތެރިން: އިބްރަހިމޮވިޗް

Advertisement

ޒުވާންކަން އިހުސާސްކޮށްދެނީ ޓީމުގެ ކުޅުންތެރިން: އިބްރަހިމޮވިޗް

ޢަލީ ޝަހީމް
ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އިބްރަހިމޮވިޗް އުފާފާޅުކުރަނީ

އޭސީ މިލާނަށް ގިނަ ގޯލުތަކެއް ޖަހައިދެމުން އަންނަ އުމުރުން 39 އަހަރުގެ ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗަށް ޒުވާންކަން އިހުސާސްކޮށްދެނީ ޓީމުގެ ކުޅުންތެރިންކަމަށް އޭނާ ބުނެފި އެވެ.

އިޓާލިއަން ލީގުގައި އޭސީ މިލާން ރޭ ވަނީ ރަށުން ބޭރުގައި 2-1 އިން ޔުދިނޭޒީ ބަލިކޮށް ތާވަލުގެ އެއް ވަނަ މަގާމް ދަމަހައްޓައިފަ އެވެ. މެޗުގެ ފުރަތަމަ ލަނޑު އިބްރަހިމޮވިޗްގެ އެހީތެރިކަމާ އެކު 18 ވަނަ މިނެޓުގައި ޖަހައިދިނީ ފްރޭންކް ކެސީ އެވެ. ޔުދިނޭޒީ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެ ވަނަ ހާފުގެ ތިން ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މެޗު އެއްވަރުވާން ދަނިކޮށް މިލާން މޮޅުކޮށްދިން ލަނޑު 83 ވަނަ މިނެޓުގައި ޖެހީ އިބްރަހިމޮވިޗެވެ. އިބްރަހިމޮވިޗް ޖެހި އެކްރޮބަޓިކް ގޯލަށް ގިނަ ބައެއްގެ ތައުރީފް އަމާޒުވަމުން އަންނައިރު، އޭނާ ބުނީ މުހިއްމީ މޮޅު ގޯލެއް ޖެހުމަށް ވުރެ ޓީމަށް ތިން ޕޮއިންޓް ލިބުން ކަމަށެވެ.

Advertisement

“އަހަރެން ޖެހި ގޯލު މޮޅު އެކަމަކު އެންމެ މުހިއްމު ޓީމަށް ލިބޭ މޮޅު” މީގެ ކުރިން މިލާނާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އިބްރަހިމޮވިޗް މެޗަށް ފަހު ބުންޏެވެ.

މި ސީޒަނުގައި މިލާނަށް ލީގުގައި ކުޅުނު ހަތަރު މެޗުގައި އިބްރަހިމޮވް ވަނީ ހަތް ލަނޑު ޖަހައިފަ އެވެ. މިލާނަށް ދެ ވަނަ ފަހަރަށް ބަދަލުވުމަށް ފަހު ލީގުގައި ކުޅުނު 22 މެޗުގައި އިބްރަހިމޮވިޗް ވަނީ 17 ލަނޑު ޖަހައިފަ އެވެ. މި ސީޒަނުގެ ލީގުގައި މިލާން ރަނގަޅު ފޯމެއްގައި އޮތްއިރު ކޮވިޑް-19އާ ގުޅިގެން ފުޓްބޯޅަ މެދުކަނޑާލުމަށް ފަހު ޖޫން މަހު އަލުން ފެށިފަހުން ލީގުގައި ކުޅުނު 24 މެޗުގައި މިލާން ބަލިވެފައެއްނުވެ އެވެ. މިލާނުން މިހާރު ހޯދަމުން އަންނަ ކުރިއެރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ އިބްރަހިމޮވިޗް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި، 40 އަހަރުވާން ގާތްވެފައިވާ ކުޅުންތެރިއަކު ޔޫރަޕްގެ ބޮޑު ލީގެއްގައި ގޯލު ޖަހަމުން އަންނާތީ އޭނާގެ ކުޅުމަށް އެތައް ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. އެކަމަކު އިބްރަހިމޮވިޗް ބުނީ އެއީ އޭނާގެ ޓީމުގެ ޒުވާން ކުޅުންތެރިންގެ ފަރާތުން ލިބޭ ހިތްވަރެއް ކަމަށެވެ.

“އަހަރެމެން މިއީ ޔޫރަޕްގައި މިވަގުތު އޮތް އެންމެ ޒުވާން އެއް ޓީމް. މި ކުޅުންތެރިންނަށް ކުރިއެރުން ހޯދައިދިނުމުގެ ޒިންމާ އަހަރެން ނަގަން. އަހަރެންނަށް ޒުވާންކަން އިހުސާސްކޮށްދެނީ އެ ކުޅުންތެރިން” ރޭގެ މެޗަށް ފަހު އިބްރަހިމޮވިޗް ބުންޏެވެ.

އިޓަލީ ލީގުގެ އެއް ވަނައިގައި މިލާން އޮތީ ކުޅުނު ހަ މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓް ހޯދާފައިވާ ސަސޮލޫ އެވެ. 12 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ޔުވެންޓަސް ރޭ ވަނީ ރަށުން ބޭރުގައި 4-1 އިން ސްޕެޒިއާ ބަލިކޮށްފަ އެވެ.

ރޭގެ މެޗަކީ އޮކްޓޫބަރު 13 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވި ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އައިސް ޔުވެންޓަސް އަށް ކުޅުނު ފުރަތަމަ މެޗެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ރޮނާލްޑޯ ވަނީ ރޭގެ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. ކޮވިޑްގެ ސަބަބުން ރޮނާލްޑޯ އަށް ހަތަރު މެޗު ގެއްލުނުއިރު އޭގެތެރޭގައި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަވެރި ބާސެލޯނާ އަތުން ބަލިވި މެޗު ވެސް ހިމެނެ އެވެ. ރޮނާލްޑޯގެ އިތުރުން ޔުވެންޓަސް އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ އަލްވާރޯ މޮރާޓާ އާއި އެޑްރިއެން ރަބިއޯ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *