ޓީސީ ދޫކޮށް އީސަ ޔުނައިޓެޑް ވިކްޓްރީ އަށް

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ހުނަރުވެރި މިޑްފީލްޑަރު އިސްމާއީލް އީސާ (މެސީ) ކުރިއަށް އޮތް ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީ އަށް ކުޅެން ނިންމައި އެ ކްލަބަށް ސޮއިކޮށްފި އެވެ. ޔުނައިޓެޑް ވިކްޓްރީން ވަނީ އީސަ އެ ކްލަބާ ގުޅުނުކަން ކަށަވަރުކޮށްދީފަ އެވެ.
ޔުނައިޓެޑް ވިކްޓްރީއާ މީގެ ކުރިން ގުޅިފައިވަނީ ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަކަށް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިޔާ ފަރުހާދު އިސްމާއީލް (ފަރޭ) އާއި މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ފެނުނު އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ. ބަކާއާ އެކު އީސަ ޔުނައިޓެޑް ވިކްޓްރީއާ ގުޅުމުން އެޓީމުގެ މެދުތެރެ އިތުރަށް ވަރުގަދަވެގެންދާނެއެވެ.
ވިކްޓްރީ އިން ފުޓްބޯޅަ ކެރިއަރު ފެށުމަށް ފަހު އީސަ ވަނީ އޭގެފަހުން ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓް އަދި ކްލަބް އީގަލްސް އާއި މާޒިޔާ އަށް ވެސް ކުޅެފަ އެވެ. އީސަގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ފެނުނީ 2016 ވަނަ އަހަރު ކެޕްޓަން ބޭންޑް އަޅައިގެން އީގަލްސްގައި ފެނުނު ސީޒަނުގަ އެވެ. އަދި، މިދިޔަ ސީޒަނުގައި ޓީސީ ގައި ވެސް އީސަ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރ. ދުވާފަރަށް އުފަން އީސަ އަކީ ރާއްޖޭގައި މިހާރު ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ އުފެއްދުންތެރި އެއް މިޑްފީލްޑަރެވެ.
މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމާ އެކު އީސަ އަށް މިހާރު ވަނީ މެދުކެނޑުމަކަށް ފަހު ސީނިއާ ގައުމީ ޓީމުން ވެސް ފުރުސަތުލިބިފަ އެވެ. 2017 ވަނަ އަހަރު އީސަ އަށް ގައުމީ ޓީމުން ފުރުސަތު ގެއްލުނީ އެ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އޭޝިއަން ކަޕްގައި އޮމާންއާ ދެކޮޅަށް ކުޅޭ މެޗަށް ދިވެހި ޓީމު ތައްޔާރުވަމުން ދަނިކޮށް އަނިޔާވެގެން ކަމަށް ބުނެ ފަރިތަކުރުންތަކުގެ ތެރެއިން ދަނޑުން ފައިބައިގެން ދިއުމުންނެވެ. އެކަމަކު އޭގެފަހުން އީސަ ވަނީ އޭރު އޭނާ ކުޅެމުން ދިޔަ މާޒިޔާގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ. މި މައްސަލައިގައި އީސަ އަނބުރާ ގައުމީ ޓީމަށް ގޮސްފައި ނުވާއިރު އޭނާ ބުނެފައިވަނީ އޭރު ޓީމު ދޫކޮށް ދިޔައީ އަމިއްލަ ސަބަބަކާއި ހެދިގެން ކަމަށެވެ. އީސަ މޮޅަށް ކުޅުނު ނަމަވެސް ފަހުން ގައުމީ ޓީމުން އޭނާ އަށް ފުރުސަތެއް ނުލިބެ އެވެ. އެކަމަކު 2017 ވަނަ އަހަރު ގައުމީ ޓީމުގައި ހުރިއިރު ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ކުޅުންތެރިންނާއި ސަޕޯޓަރުންގެ އިތުރުން އެފްއޭއެމްގެ ކިބައިން މާފަށް އެދުމުން މިއަހަރުގެ ފެބްރުއަރީ މަހު އީސަ އަށް ގައުމީ ޓީމުން އަލުން ވަނީ ފުރުސަތު ލިބިފަ އެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ. ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ތާވަލްކޮށްފައިވަނީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ. އާ ސީޒަނަށް ތައްޔާރުވާން ގިނަ ޓީމުތަކަކުން މިހާރު ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. މިގޮތުން މިހާރު ފަރިތަކުރުންތަށް ފަށާފައިވަނީ މާޒިޔާ، ކްލަބް ވެލެންސިއާ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ކްލަބް ގްރީން ސްޓްރީޓްސް އެވެ. އެނގިފައިވާ ގޮތުގައި ކްލަބް އީގަލްސް އިން މިއަދު ހަވީރު ޕްރެކްޓިސް ފަށާނެ އެވެ. ޕްރެކްޓިސް ނުފަށާ ޓީމުތަކަކީ ޔުނައިޓެޑް ވިކްޓްރީ އާއި ދަ ގްރާންޑޭ އަދި ޓީސީ އެވެ.
Advertisement


Leave a Reply