އިނގިރޭސިވިލާތް ދެވަނަ ފުރަބަންދަކަށް، އެކަމަކު ޕްރިމިއަރ ލީގު ނުހުއްޓޭނެ

އިނގިރޭސިވިލާތް ދެވަނަ ފުރަބަންދަކަށް، އެކަމަކު ޕްރިމިއަރ ލީގު ނުހުއްޓޭނެ

ޢަބްދުﷲ އަޝްރަފް

އިނގިރޭސި ވިލާތުގައި ކޯވިޑް 19 ގެ ހާލަތު އިތުރަށް ގޯސްވެ ހަތަރު ހަފްތާގެ މުއްދަތަށް މުޅި ގައުމު ފުރަބަންދަކުރަން ސަރުކާރުން ނިންމައިފައިވީ ނަމަވެސް އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުން ހުއްޓާ ނުލައި ކުރިއަށްގެންދަން ނިންމައިފި އެވެ. ކޯވިޑް 19 އާ ގުޅިގެން ދެވަނަ ފުރަބަންދަކަށްދާން އިނގިރޭސި ސަރުކާރުން ނިންމައިފައިވާ އިރު މިކަން ތަންފީޒުކުރަން ހަމަޖެހިފައިވަނީ މި މަހުގެ 4 ވަނަ ދުވަހުން ފެށިގެންނ އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށެވެ.

އިނގިރޭސި ވިލާތް ފުރަބަންދުކުރަން ނިންމި ނަމަވެސް ޕްރިމިއަރ ލީގު ކުރިއަށްގެންދެވޭނެ ކަމުގެ އުފާވެރި ހަބަރު ދެއްވައިފައިވަނީ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އެވެ. ޕްރިމިއަރ ލީގުގެ އިތުރުން އިނގިރޭސި ވިލާތުގައި އެންމެ އިސްކަމެއް ދީގެން ކުޅެމުން އަންނަ ކުޅިވަރު ހަރަކާތްތައް ހުއްޓާނުލުމަށްވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އިނގިރޭސި ވިލާތުގެ ކަލްޗަރ މިނިސްޓަރ އޮލިވަރ ޑޯޑެން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދަނޑަށް މީހުން ނުވައްދައި ކުޅޭ ޝަރަފްވެރި ކުޅިވަރު ހަރަކާތްތަކަށް ކުޅުންތެރިން ދިއުމުގެ ހުއްދަ އޮންނާނެ ކަމަށެވެ.

ޕްރިމިއަރ ލީގު ގެ ކުޅުން ކުރިއަށްގެންދިއުމުގެ ހުއްދަ ލިބިފައިވީ ނަމަވެސް އެފްއޭ ކަޕާއި އެހެން ދަށް ލީގުތަކުގެ މެޗުތައް ކުރިއަށްގެންދެވޭނެ ކަން އަދި ޔަގީނެއް ނޫނެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން ނަމަ މި މަހުގެ ކުރީކޮޅު ދަށް ލީގުތަކުގައި ކުޅޭ ޓީމުތަކުން ވާދަކުރާ އެފްއޭ ކަޕްގެ ފުރަތަމަ ބުރުގެ މެޗުތައް ކުޅެވޭނެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޯވިޑް 19 ގެ ވައިރަސް މިއަހަރުގެ ކުރީކޮޅު އިނގިރޭސި ވިލާތުގައި ހަލުވި ކަމާއެކު ފެތުރެން ފެށުމާ ގުޅިގެން މާރޗް މަހުގެ ތެރޭގައި އެ ގައުމުގައި ކުޅިވަރު ހަރަކާތްތައް ހުއްޓާލި އެވެ. މާރޗް މަހު ޕްރިމިއަރ ލީގުވެސް މެދު ކަނޑާލާފައި ވީއިރު އަލުން މިއަހަރުގެ ޖޫން މަހު މެޗުތައް ފަށައިގެން ކުރިއަށް ގެންދަނީ ދަނޑަށް ސަޕޯޓަރުން ނުވައްދަ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.