އެއް އަހަރު ފަހުން ހަޒާޑް ޖެހި ގޯލާ އެކު ރެއާލް މޮޅުވެއްޖެ

އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލި ރެއާލް މެޑްރިޑަށް ގޯލެއް ނުޖެހޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އެޑެން ހަޒާޑް މިރޭ ޖެހި ގޯލާ އެކު ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގައި 4-1 އިން ހުއެސްކާ ބަލިކޮށްފި އެވެ.
އަމިއްލަ ދަނޑުގައި މުހިއްމު މޮޅެއް ހޯދިއިރު ރެއާލްގެ ކޯޗު ޒިނެދިން ޒިދާނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ 392 ދުވަސް ފަހުން ހަޒާޑްގެ ގޯލެއް މިރޭ ފެނުމެވެ. ބެލްޖިއަމްގެ ހަޒާޑް އެންމެ ފަހުން ރެއާލަށް ގޯލެއް ޖަހައިދީފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު ފަސް ވަނަ ދުވަހު ގްރަނަޑާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ޗެލްސީ އިން ރެއާލަށް ބަދަލުވެ ހޭދަކުރި ފުރަތަމަ ސީޒަނުގައި ލީގުގައި 16 މެޗު ކުޅެ ހަޒާޑަށް ޖެހުނީ އެންމެ ގޯލެކެވެ. މިރޭގެ މެޗަކީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި ރެއާލަށް ހަޒާޑް ކުޅެދިން ފުރަތަމަ މެޗެވެ.
ރެއާލަށް ގޯލު ހުޅުވާލަދިން ލަނޑު ހަޒާޑް ޖެހީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. އޭރިޔާ ބޭރުން ވާތު ފައިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ރެއާލަށް މެޗުގެ ނަތީޖާ ފުޅާކޮށްދިނީ ކަރީމް ބެންޒެމާ އެވެ. ރެއާލްގެ ތިން ވަނަ ގޯލު އުރުގުއޭގެ މިޑްފީލްޑަރު ފެޑެރިކޯ ވަލްވޭޑޭ ޖެހިއިރު ފަހު ލަނޑު މެޗުގެ ފަހު މިނެޓުގައި ޖެހީ ބެންޒެމާ އެވެ. ލީގުގައި މިހާތަނަށް މޮޅެއް ނުލިބި ތާވަލުގެ 17 ވަނައިގައި އޮތް ހުއެސްކާގެ ހަމައެކަނި ލަނޑު 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑޭވިޑް ފެރޭރޯ އެވެ.
މިރޭގެ މެޗަށް ނުކުތްއިރު އަމިއްލަ ދަނޑުގައި އެންމެ ފަހުން ރެއާލް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ ލީގުގައި ކާޑިޒް އާއި ދެކޮޅަށް ކުޅުނު މެޗާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޝަކްތާ ޑޮނެސްކާ ދެކޮޅަށް ކުޅުނު މެޗެވެ. އެކަމަކު ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ރަށުން ބޭރުގައި އެޓީމު ވަނީ ވާދަވެރި ބާސެލޯނާ ބަލިކޮށްފަ އެވެ.
މޮޅާ އެކު ރެއާލް ވަނީ ހަތް މެޗުން 16 ޕޮއިންޓް ހޯދައި ތާވަލުގެ އެއް ވަނަ އަށް އަރައިފަ އެވެ. ތާވަލުގެ ދެ ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ހަތް މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު އަށް މެޗުން 14 ޕޮއިންޓް ހަމަކޮށް ތިން ވަނައިގައި އޮތީ އަލަށް ކޮލިފައިވި ކާޑިޒް އެވެ.
ސްޕެނިޝް ލީގުގައި މިރޭ މެންދަމު އެކެއް ޖަހާއިރު ބާސެލޯނާ އިން ރަށުން ބޭރުގައި ޑިޕޯޓިވޯއާ ދެކޮޅަށް ނުކުންނައިރު ދެ ވަނައިގައި އޮތް ސޮސިއެޑާޑް މާދަމާ ރޭ ރާއްޖެ ގަޑިން އަށެއް ޖަހާއިރު ކުޅޭ މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ ސެލްޓަ ވީގޯއާ ދެކޮޅަށެވެ.
Advertisement


Leave a Reply