ޕްރެޝަރު ބޮޑުވެގެން ބާސެލޯނާގެ ރައީސް އިސްތިއުފާ ދީފި
ސްޕެއިންގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކުލަބްކަމަށްވާ ބާސެލޯނާގެ ރައީސް ކަމުން ޖޯސެޕް މަރީއާ ބާޓޮމެއު އިސްތިއުފާ ދީފި އެވެ. ބާސެލޯނާގެ ރައީސްކަމުން ބާޓޮމެއު އިއްޔެ އިސްތިއުފާ ދިން އިރު އޭނާ އާއެކު ކުލަބުގެ ބޯޑުގައި ހިމެނުނު ހުރިހާ މެންބަރުން ވެސް ވަނީ އިސްތިއުފާ ދީފަ އެވެ.
ބާސެލޯނާގެ ރައީސްކަމުގެ މަގާމު 2014 ވަނަ އަހަރުން ފެށިގެން ފުރަމުން އައި ބާޓޮމެއު މަގާމުން އިސްތިއުފާ ދީފައި މިވަނީ އޭނާ މަގާމުން ވަކި ކުރުމަށްޓަކައި ކުލަބްގެ ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް ޕްރެޝަރު ކުރަމުން އަންނަނިކޮށެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް ގަބޫލުކުރެވެނީ މިފަހަކަށް އައިސް ބާސެލޯނާ އަށް މުބާރާތްތަކުން ބޮޑެތި ނާކާމިޔާބީ އާ ކުރިމަތިލާންޖެހުމާއި، އަދި ވަކިން ހާއްސަކޮށް ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އާއި ބާޓޮމެއު އާ ދެމެދު މައްސަލަތައް އުފެދި އެކަންކަން ގޯސް ހިސާބަކަށް ދިއުމެވެ.
ރައީސްކަމުގެ މަގާމުން އިސްތިއުފާ ދިނުމުގެ ގޮތުން ބާޓޮމެއު ދިން ވަދާއީ ތަގްރީރުގައި ބުނެފައިވަނީ ކުލަބަށް ކުރިމަތިވެފައި އޮތް މާލީ ދަތިތަކުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތަށް އެހީވުމުގެ ގޮތުން ޔޫރަޕިއަން ސުޕަރ ލީގުގައި ބައިވެރިވުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާތުތައް ފުރިހަމަކުރުމުގެ މަސައްކަތް ކުލަބުން ފަށައިފައިވާ ކަމަށެވެ. ޔޫރަޕިއަން ސުޕަރ ލީގަކީ ޔޫރަޕްގެ ގައުމުތަކުގައި ކުޅޭ ފުޓްބޯޅަ ލީގުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭގޮތަށް ރާވަމުން އަންނަ ގާތްގަނޑަކަށް 4.6 ބިލިއަން ޕައުންޑްގެ އަގުހުރި މުބާރާތެކެވެ.
ޔޫރަޕިއަން ސުޕަރ ލީގުގައި ބައިވެރިވުމަށް ބާސެލޯނާ އިން މަސައްކަތްކުރަމުން އަންނަ ކަމަށް ބާޓޮމެއު ފާހަގަކުރުމާއި ގުޅިގެން ލަލީގާގެ ރައީސް ހާވިއާ ޓިބާސް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ޓިބާސް ބުނެފައިވަނީ ބާޓޮމެއުގެ އެ ނިންމުމުން ވެސް ފުޓްބޯޅަ އިންޑަސްޓްރީ އާ ދޭތެރޭ ބާޓޮމެއު ފަރުވާ ނުބަހައްޓާ މިންވަރު ޔަގީންވެގެން ހިނގައްޖެ ކަމަށެވެ. ޓިބާސް ގަބޫލުކުރާ ގޮތުގައި އެ މުބާރާތަކީ އެއްވެސް އުރަތްޕެއް ނެތް ހިޔާލީ މުބާރާތެއް ކަމަށާއި، އޭގެ ސަބަބުން ހަލާކުވާނީ ކުލަބްތައް ކަމަށެވެ.
ރައީސްކަމުގެ ދެ ދައުރު ފުރިހަމަކުރުމަށް ފަހު އަންނަ އަހަރުގެ މާރޗް މަހު މަގާމުން ވަކިވާ ގޮތަށް ކުރިން ހަމަޖެހިފައިވާ ބާޓޮމެއު އިސްތިއުފާ ދިނުމުގެ ކުރިން ވެސް އޮތީ އިތުބާރު ނެތްކަމުގެ ވޯޓަކާ ކުރިމަތިލާން ޖެހިފަ އެވެ. އޭރު ބާސެލޯނާގެ ކުލަބް މެމްބަރުންގެ ތެރެއިން 20 ހާސް މެންބަރުން ސޮއިކޮށް ކުލަބަށް އޮތީ ޕެޓިޝަނެއްވެސް ހުށަހަޅައިފަ އެވެ.
Advertisement
Leave a Reply