ފައްރަ އާއި ޝާފީ ސަސް އަށް ސޮއިކޮށްފި

Advertisement

ފައްރަ އާއި ޝާފީ ސަސް އަށް ސޮއިކޮށްފި

ޢަލީ ޝަހީމް
ސަސްއާ ގުޅުނު ޝާފީ (ކ) އަދި ފައްރަ.

ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ބޮޑު ދެ ޑިފެންޑަރުން ކަމަށްވާ، އަހްމަދު ފައްރާހް (ފައްރަ) އާއި ޝާފިއު އަހުމަދު (ޝާފީ) ކުރިއަށް އޮތް ސީޒަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅެން ސޮއިކޮށްފި އެވެ.

ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސަސް އިން ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެޓީމުގެ ކޯޗަކަށް އަހުމަދު ނާޝިދު (ނާދު) ހަމަޖައްސައިފަ އެވެ. ސީޒަނަށް ތައްޔާރުވާން އެޓީމުން މަސައްކަތްކުރަމުން އަންނަނީ ދެ ވަނަ ޑިވިޝަނުގައި ޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނާ އެކު ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ހުރި ބައެއް ކުޅުންތެރިން އިތުރުކޮށް ޓީމެއް އެކުލަވާލުމަށެވެ. މީގެ އިތުރުން ބިދޭސީ ކުޅުންތެރިން ވެސް ކުރިއަށް އޮތް ސީޒަނުގައި އެޓީމުން ފެންނާނެ ކަމަށް ބެލެވެ އެވެ.

ޓީސީ ސްޕޯޓްސް ކްލަބުގައި މިދިޔަ ހަ އަހަރު މޮޅު ކުޅުމެއް ދެއްކި މާލެ އަށް އުފަން ފައްރަ އަކީ ޑިފެންސުގެ ކޮންމެ މަގާމަކަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ. ޓީސީގެ ކެޕްޓަންކަން ކޮށް ފައްރަ ވަނީ އެ ކްލަބާ އެކު 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ އިތުރުން މިދިޔަ ސީޒަނުގެ އެފްއޭ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފަ އެވެ. އޭގެކުރިން 2017 ވަނަ އަހަރު ޓީސީ އިން ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ކާމިޔާބުކުރިއިރު ފައްރަ އަކީ ޓީސީގެ ވައިސް ކެޕްޓަނެވެ.

ކްލަބް ފުޓްބޯޅަ 2007 ވަނަ އަހަރު ވިޔަންސާ އިން ފަށައި ޖެހިގެން އައި ދެ އަހަރު ފައްރަ ފެނުނީ މާޒިޔާ އިންނެވެ. އެއަށްފަހު 2011 ވަނަ އަހަރު ކްލަބް ވެލެންސިއާ އަށް ކުޅެ 2012 ވަނަ އަހަރު ބަދަލުވީ ނިއު ރޭޑިއަންޓަށެވެ. އެ އަހަރުގެ ފަހުކޮޅު ފައްރަ އަނެއްކާ ވެސް ވަނީ އެނބުރި މާޒިޔާއާ ގުޅިފަ އެވެ. މާޒިޔާއާ އެކު 2012 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކޮށް 2013 ވަނަ އަހަރު މާޒިޔާ އިން އޭއެފްސީ ކަޕްގައި ވާދަކުރި ޓީމުގައި ފައްރަ ވަނީ ހިމެނިފަ އެވެ. ޓީސީ ސްޕޯޓްސް ކްލަބާ ގުޅުމުގެ ކުރިން 2014 ވަނަ އަހަރު ފައްރަ ފެނުނީ ވިކްޓްރީ ސްޕޯޓްސް ކްލަބުންނެވެ.

އުމުރުން 12 އަހަރުން ފެށިގެން ޒުވާން އުމުރުފުރާތަކުގެ ގައުމީ ޓީމުގައި ހިމެނެމުން އައި ފައްރަ ވަނީ 2007 ވަނަ އަހަރު 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. މީގެ އިތުރުން 2010 ވަނަ އަހަރު ޗައިނާގައި އޮތް އޭޝިއަން ގޭމްސްގައި ފައްރަ ވަނީ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އެކަމަކު ކްލަބް ކެރިއަރުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް އޭނާ އަށް ސީނިއާ ގައުމީ ޓީމުން ފުރުސަތު ލިބިފައެއްނުވެ އެވެ. ފައްރަ ސަސްއާ ގުޅުނުއިރު ޓީސީ ދޫކޮށްލާކަން އޭނާ ވަނީ މީގެ ފަސް ދުވަސް ކުރިން އިއުލާންކޮށްފަ އެވެ.

ކުރިން ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ޝާފީ މިދިޔަ ސީޒަނުގައި ފެނުނީ ޔުނައިޓެޑް ވިކްޓްރީ އިންނެވެ. 2008 ވަނަ އަހަރު ކްލަބް ވެލެންސިއާ އިން ފުރަތަމަ ޑިވިޝަނަށް ތައާރަފް ވުމަށްފަހު ޝާފީ 2010 ވަނަ އަހަރު ބަދަލުވީ ވިކްޓްރީ ސްޕޯޓްސް ކްލަބަށެވެ. ވިކްޓްރީގައި ކުޅުމަށް ފަހު 2013 ވަނަ އަހަރު މާޒިޔާއިން ފެނުނުއިރު 2014 އަދި 2015 ވަނަ އަހަރު ކުޅުނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށެވެ. 2016 ވަނަ އަހަރު އެނބުރި ވެލެންސިއާ އަށް ބަދަލުވެ 2017 ވަނަ އަހަރު ޝާފީ ވަނީ ލޯނު އުސޫލުން ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅެފަ އެވެ. ޔުނައިޓެޑް ވިކްޓްރީ އަށް ބަދަލުވުމުގެ ކުރިން 2018 ވަނަ އަހަރުގެ ސީޒަނުގައި ޝާފީ ފެނުނީ ވިކްޓްރީ އިންނެވެ. ބ. އޭދަފުއްޓަށް އުފަން 33 އަހަރުގެ ޝާފީ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ގައުމީ ޓީމުގައި ވެސް ގިނަ މެޗުތަކެއް ކުޅެފަ އެވެ.

އާ ސީޒަން އަންނަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ފަށަން ނިންމާފައިވާއިރު މާޒިޔާ އާއި ކްލަބް ވެލެންސިއާ އަދި ކްލަބް ގްރީން ސްޓްރީޓްސް އިން ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *