ޕާޓޭ ދެއްކި ކުޅުމަށް އާޓެޓާ ތައުރީފްކޮށްފި

Advertisement

ޕާޓޭ ދެއްކި ކުޅުމަށް އާޓެޓާ ތައުރީފްކޮށްފި

ޢަލީ ޝަހީމް
ރޭގެ މެޗުގައި ޕާޓޭ އަށް އާޓެޓާ އިރުޝާދުދެނީ. އޭނާ ދެއްކި ކުޅުމަށް އާޓެޓާ ވަނީ ތައުރީފްކޮށްފައި

ޔޫއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އާސެނަލުން ރޭ ރަށުން ބޭރުގައި 2-1 އިން އޮސްޓްރިއާގެ ރެޕިޑް ވިއޭނާ ބަލިކުރި މެޗުގައި އެޓީމާ މި މަހު ގުޅުނު މިޑްފީލްޑަރު ތޯމަސް ޕާޓޭގެ ފަރާތުން ފެނުނު މޮޅު ކުޅުމަށް ކޯޗު މިކޭލް އާޓެޓާ ތައުރީފްކޮށްފި އެވެ.

އެތުލެޓިކޯ މެޑްރިޑުން 45 މިލިއަން ޕައުންޑަށް އާސެނަލާ ގުޅުނު އައިވޮރީ ކޯސްޓުގެ ޕާޓޭ ވަނީ ރޭގެ މެޗުގައި މެދުތެރޭގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މުޅި މެޗުގައި ވެސް އާސެނަލްގެ މެދުތެރެ ހަމައަކަށް އެޅުވުމުގެ އިތުރުން އިދިކޮޅު ޓީމުން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ޕާޓޭ އެވެ. ރޭގެ މެޗަކީ އާސެނަލަށް ބަދަލުވިފަހުން ފުރަތަމަ އެގާރައިގައި ހިމެނިގެން ޕާޓޭ ކުޅުނު ފުރަތަމަ މެޗެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހަފްތާ މެންޗެސްޓަރ ސިޓީ އަތުން އާސެނަލް 1-0 އިން ބަލިވި މެޗުގައި ޕާޓޭ ކުޅެން އެރީ މެޗުގެ ފަހުކޮޅު އެވެ.

Advertisement

“ދެވަނަ ހާފުގައި މުޅި މެދުތެރެ ހިފެހެއްޓީ ޕާޓޭ. ވަރަށް ހިތްހަމަޖެހޭ ޕާޓޭގެ ކުޅުމާ މެދު އަދި ކުރިއަށް އޮތް ތަނުގައި ޕާޓޭގެ ފަރާތުން ފެންނަ ކުޅުން އިތުރަށް ރަނގަޅުވާނެ” މެޗަށް ފަހު ޕާޓޭގެ ކުޅުމަށް ތައުރީފް ކުރަމުން އާޓެޓާ ބުންޏެވެ.

ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ރެޕިޑް ވިއޭނާ އިންނެވެ. އާސެނަލްގެ ޖަރުމަނު ގޯލްކީޕަރު ބާންޑް ލެނޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ކާމިޔާބުކުރީ ޓެޝިއާޗިސް ފޮންޓަސް އެވެ. އާސެނަލުން މެޗުގެ ނަތީޖާ އަނބުރާލީ މެޗުގެ ފަހުކޮޅު ގާތްގާތުގައި ޖެހި ދެ ލަނޑުންނެވެ. ފުރަތަމަ ލަނޑު ޑިފެންޑަރު ޑޭވިޑް ލުއިޒް ބޮލުން ޖެހިއިރު މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން ޕިއޭ އެމެރިކް އޮބާމިޔަން އެވެ.

ޕާޓޭގެ ފަރާތުން ރޭ ފެނުނު ކުޅުމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ވެސް ވަނީ ތައުރީފްކޮށްފަ އެވެ. އިންގްލެންޑާއި މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު އޮވެން ހާގްރޭވްސް ބުނީ ޕާޓޭގެ ފަރާތުން ފެނުނީ ކްލަބް ބަދަލުކުރުމަށް ފަހު ކުޅުންތެރިއަކު ފުރަތަމަ މެޗުގައި ދައްކާނެ އެންމެ މޮޅު ކުޅުން ކަމަށެވެ. އިންގްލެންޑާއި ޗެލްސީ އަށް ކުރިން ކުޅުނު ކާރެން ކެއާނީ ބުނީ މިދިޔަ އަހަރުތަކުގައި އާސެނަލަށް މަދުވީ ޕާޓޭ ކުޅޭ ސްޓައިލްގެ ކުޅުންތެރިއެއް ކަމަށާއި، މި ބަދަލާއެކު އާސެނަލްގެ ސަޕޯޓަރުންނަށް ވެސް އުފާވެރިކަން ލިބިގެންދާނެ ކަމަށެވެ.

އާސެނަލް ހިމެނޭ ގްރޫޕް ބީގައި ރޭ ނޯވޭގެ މޯލްޑޭ ވަނީ ރަށުން ބޭރުގައި އަޔަލެންޑުގެ ޑަންޑޯކް އަތުން 2-1 އިން މޮޅުވެފަ އެވެ. ޔޫރޮޕާ ލީގުގެ އެހެން މެޗުތަކަށް ބަލާއިރު އިނގިރޭސި ވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާސް އާއި ލެސްޓާ ސިޓީ އިން ވަނީ ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށްފަ އެވެ. ގްރޫޕް ޖޭ ގައި އޮސްޓްރިއާގެ ލާސްކްއާ ދެކޮޅަށް ކުޅުނު މެޗުން ޓޮޓެންހަމް ކާމިޔާބުކުރީ 3-0 އިންނެވެ. ޓޮޓެންހަމުން ޖެހި ތިން ލަނޑުގެ ތެރެއިން އެއް ލަނޑަކީ ލާސްކްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަނެއް ދެ ލަނޑު ޖަހައިދިނީ ލޫކަސް މޯރާ އާއި ބެންޗުން ކުޅެން އެރި ސޮން ހެއުން މިން އެވެ. ރޭގެ މެޗުގައި ގަރެތު ބޭލް ޓޮޓެންހަމްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ނަމަވެސް މާ ތަފާތު ކުޅުމެއް ދެއްކިފައެއްނުވެ އެވެ. މެޗުގައި އެންމެ ބޮޑަށް ވިދާލީ ބެންފީކާ އިން ލޯނު އުސޫލުން ޓޮޓެންހަމަށް ބަދަލުވު ރޭ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ބްރެޒިލްގެ 25 އަހަރުގެ ފޯވާޑް ކާލޯސް ވިނީޝިއަސް އެވެ. މެޗުގައި ވިނީޝިއަސް ދެ ލަނޑު ޖަހަން މަގުފަހިކޮށްދީފައިވާއިރު ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ވިނީޝިއަސް އަކީ ހެރީ ކޭންއާ އެކު އެޓީމުގެ ކުރިއަށް ކުޅެވޭނެ ފެންވަރު ހުރި ކުޅުންތެރިއެއް ކަމަށެވެ.

ގްރޫޕް ޖީގައި ރޭ ޔޫކްރޭންގެ ޒޯޔާ ލުހާންސްކާ ވާދަކޮށް ލެސްޓާ މޮޅުވީ މޮޅުވީ 3-0 އިންނެވެ. އަނިޔާގެ ސަބަބުން ޖިމީ ވާޑީ ނުހިމަނައި ކުޅުނު ލެސްޓާގެ ލަނޑުތައް ރޭ ޖަހައިދިނީ ޖޭމްސް މަޑިސަން އާއި ހާވީ ބާންސްގެ އިތުރުން ފޯވާޑް ކެލެޗީ އީނާޗޯ އެވެ. ގްރޫޕް އެޗްގައި ރޭ އޭސީ މިލާން ވަނީ ރަށުން ބޭރުގައި 3-1 އިން ސެލްޓިކް ބަލިކޮށްފަ އެވެ. ރަނގަޅު ފޯމެއްގައި އޮތް މިލާނުގެ ލަނޑުތައް ޖަހައިދިނީ ރޭޑް ކްރުނިޗް އާއި ބްރަހިމް ޑިއާޒްގެ އިތުރުން ޔެންސް ޕީޓަރ ހައުގް އެވެ.

ރޭ އެންމެ އާދަޔާހިލާފު ނަތީޖާއެއް ނެރުނީ ގްރޫޕް އެފްގައި އިޓަލީގެ ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުގައި އޭޒެޑް އަލްކަމާ އެވެ. ކޮވިޑް-19 އާ ގުޅިގެން އަލްކަމާގެ 13 ކުޅުންތެރިއަކު ޓީމުގައި ނުހިމެނުނު ނަމަވެސް ރޭ އެޓީމުން ވަނީ ރަށުން ބޭރުގައި 1-0 އިން ނަޕޯލީ ބަލިކޮށްފަ އެވެ. ނަޕޯލީ އަކީ މިދިޔަ ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދެއްކި ޔޫރަޕްގައި ފާހަގަކޮށްލެވޭ ޓީމެކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *