އަލަށް ޕްރޮމޯޓްވި ޓީމެއް އަތުން އަމިއްލަ ދަނޑުގައި ރެއާލް ބަލިވެއްޖެ

އަލަށް ޕްރޮމޯޓްވި ޓީމެއް އަތުން އަމިއްލަ ދަނޑުގައި ރެއާލް ބަލިވެއްޖެ

ޢަލީ ޝަހީމް

މި ސީޒަނުގެ ސްޕެނިޝް ލީގަށް އަލަށް ޕްރޮމޯޓްވި ކާޑިޒް އަތުން މިރޭ ޗެމްޕިއަން ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި 1-0 އިން ބަލިވެއްޖެ އެވެ.

ލީގުގައި އަމިއްލަ ދަނޑުގައި ރެއާލް ބަލިމިވީ 399 ފަހުންނެވެ. މޮޅާ އެކު ކާޑިޒް ވަނީ ރެއާލާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް ތާވަލުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ފަސް މެޗުން ލިބުނު 10 ޕޮއިންޓާ އެކު ރެއާލް ލީގުގެ އެއް ވަނައިގައި އޮތްއިރު ކާޑިޒް 10 ޕޮއިންޓް ހަމަކޮށްފައިވަނީ ހަ މެޗު ކުޅެގެންނެވެ. ރެއާލް ބަލިވުމުން ލީގުގައި މިރޭ ރަށުން ބޭރުގައި ގެޓާފޭއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ބާސެލޯނާ އަށް ޕޮއިންޓުގެ ގޮތުން ރެއާލްއާ ހަމަކުރެވޭނެ އެވެ.

މިރޭގެ މެޗުގެ ހަމައެކަނި ލަނޑު 16 ވަނަ މިނެޓުގައި ޖެހީ ކާޑިޒް ޓީމަށް ކުޅޭ ހޮންޑިއުރަސްގެ ފޯވާޑް އެންތަނީ ލޮޒާނޯ އެވެ. މިއީ ކުރިން މެންޗެސްޓަރ ސިޓީއަށް ކުޅުނު އަލްވާރޯ ނެގްރެޑޯގެ އެހީތެރިކަމާ އެކު ލޮޒާނޯ ޖެހި ލަނޑެކެވެ. މެޗުގެ ކުރީކޮޅު ލީޑު ނެގުމަށް ފަހު އެޓީމުން ވަނީ ވަރުގަދަ ރެއާލް ލަނޑެއް ޖެހިޔަނުދީ މެޗުގެ ބާކީ ބައިގައި ހިފަހައްޓައިފަ އެވެ.

މިއީ 110 އަހަރުވީ ކާޑިޒް ލީގުގައި ވާދަކުރާ 13 ވަނަ ސީޒަނެވެ. އެޓީމު އެންމެ ފުރަތަމަ ސްޕެނިޝް ލީގުން ފުރުސަތު ހޯދީ 1977 ވަނަ އަހަރު އެވެ.

ރެއާލް މެޑްރިޑް ލީގުގައި ބަލިވުމުން ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ހަތަރު ގައުމެއްގެ ޗެމްޕިއަން ޓީމު ލީގުގައި މިހާރު ވަނީ ބަލިވެފަ އެވެ. އެއީ ރެއާލްގެ އިތުރުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލެވެ. ގަދަ ފަސް ލީގުގެ ތެރެއިން ބަލިނުވާ ހަމައެކަނި ޗެމްޕިއަން ޓީމަކީ އިޓަލީގެ ޔުވެންޓަސް އެވެ.

ސްޕެނިޝް ލީގުގައި މިރޭ އެތުލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި 2-0 އިން ސެލްޓަ ވީގޯ ބަލިކޮށްފަ އެވެ. މެޗުގައި އެތުލެޓިކޯގެ ލަނޑުތައް ޖަހައިދިނީ ލުއިސް ސުއަރޭޒް އާއި ޔަނިކް ކަރަސްކޯ އެވެ. ލީގުގައި ސެވިއްޔާ އިން ރަށުން ބޭރުގައި ގްރަނާޑާއާ ކުޅުނު މެޗުން ވަނީ 1-0 އިން ބަލިވެފަ އެވެ. މިރޭ ހޯދި މޮޅާ އެކު އެތުލެޓިކޯ، އަށް ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގައި އޮތްއިރު ސެވިއްޔާ އޮތީ ހަތް ޕޮއިންޓާ އެކު 10 ވަނައިގަ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.