އާސެނަލް ބަލިކޮށް މެންޗެސްޓަރ ސިޓީ އިން ހިތްވަރު ހޯދައިފި

އާސެނަލް ބަލިކޮށް މެންޗެސްޓަރ ސިޓީ އިން ހިތްވަރު ހޯދައިފި

ޢަލީ ޝަހީމް
އާސެނަލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 1-0 އިން އާސެނަލް ބަލިކޮށް ލީގުގައި ކުރިއަށް ދިއުމުގެ ހިތްވަރު މެންޗެސްޓަރ ސިޓީ އިން ހޯދައިފި އެވެ.

މިރޭގެ މެޗަށް ނުކުތްއިރު ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅެއް ނުލިބި ސިޓީ އޮތީ އުނދަގޫ ފައްތަރެއްގަ އެވެ. ލީގުގައި އެންމެ ފުރަތަމަ ކުޅުނު މެޗުގައި ވުލްވްސް ބަލިކުރުމަށް ފަހު ސިޓީ އިން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވިއިރު އޭގެފަހުން ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިރޭ ހޯދި މުހިއްމު މޮޅާ އެކު ސިޓީ ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައި ތާވަލުގެ 10 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. މެޗުން ބަލިވި އާސެނަލް އޮތީ ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނައިގަ އެވެ.

އާސެނަލާ ދެކޮޅަށް ނުކުތްއިރު ސިޓީ އަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން އެންމެ މުހިއްމު އެއް ކުޅުންތެރިޔާ، ކެވިން ޑި ބްރޭނާ އަށް ނުކުޅެވުމެވެ. އެކަމަކު އަނިޔާގައި ހަތަރު މަސް ހޭދަކުރުމަށް ފަހު ސާޖިއޯ އަގުއޭރޯ މިރޭ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. ޖޫން މަހު ލިބުނު އަނިޔާއަކާއި ގުޅިގެން މިދިޔަ ދުވަސްތަކުގައި ސިޓީ ކުޅެން ޖެހުނީ އަގުއޭރޯ ނުލަ އެވެ.

މާބޮޑު ފޯރިއެއް ނެތި ކުޅެމުންދިޔަ މެޗުގައި ސިޓީގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ޖެހީ މިރޭ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ރަހީމް ސްޓާލިން އެވެ. ފިލް ފޯޑެން ފޮނުވާލި ބޯޅަ އާސެނަލްގެ ގޯލްކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ސްޓާލިން ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ. މެޗުގައި އާސެނަލުން ފޮނުވާލި ނުރައްކާތެރި ބައެއް ހަމަލާތައް ހުއްޓުވުމުގައި ސިޓީގެ ގޯލްކީޕަރު އެޑަސަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ސިޓީ އަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ލިބި ބޭކާރުވެފަ އެވެ. މެޗުގެ ފަހުކޮޅު އާސެނަލުން ވަނީ އެންމެ ފަހުގެ ޓްރާންސްފާ ބާޒާރުގައި އެޓީމާ ގުޅުނު މިޑްފީލްޑަރު ތޯމަސް ޕާޓޭ ކުޅެން އަރުވައިފަ އެވެ.

މިއީ ލީގުގައި ޖެހިޖެހިގެން ސިޓީ އަތުން އާސެނަލް ބަލިވި ހަތް ވަނަ މެޗެވެ. މީގެ ކުރިން އެއް ޓީމަކާ ދެކޮޅަށް އާސެނަލުން މިހާ ދަށް ނަތީޖާތަކެއް ނެރުނީ 1977 ވަނަ އަހަރު އިޕްސްވިޗްއާ ދެކޮޅަށެވެ. އިޕްސްވިޗް އަތުން ވެސް އެދުވަސްވަރު ލީގުގައި އާސެނަލް ވަނީ ހަތް މެޗުން ބަލިވެފަ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.