އިބްރަހިމޮވިޗް ދެ ގޯލު ޖަހައި އިންޓަރ މިލާން ބަލިކޮށްފި

އިޓާލިއަން ލީގުގައި މިރޭ މިލާންގެ އެންމެ ބޮޑު ދެ ކުލަބް ބައްދަލުކުރި މެޗު އޭސީ މިލާނުން ކާމިޔާބުކޮށްފި އެވެ. މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލުގައި ކުޅުނު އިންޓަރ މިލާނުގެ މައްޗަށް އޭސީ މިލާނުން މިރޭ ކުރި ހޯދައިފައިވަނީ 1-2 އިންނެވެ.
މިރޭގެ މެޗުގެ ކުރިން މި ދެޓީމު ލީގުގައި 3 މެޗު ކުޅެފައިވާއިރު އެއްވެސް މެޗަކުން މި ދެ ޓީމު ބަލިވެފައެއް ނުވެ އެވެ. އޭސީ މިލާނު ކުޅުނު ތިން މެޗުވެސް ކާމިޔާބުކުރިއިރު އިންޓަރ މިލާނުން އޮތީ ދެ މެޗު ކާމިޔާބުކޮށް އެއް މެޗު އެއްވަރުކޮށްފަ އެވެ.
މިރޭގެ މެޗުގައި އޭސީ މިލާނުން ކާމިޔާބުކުރި ދެ ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ސްވިޑަން އަށް އުފަން އުމުރުން 39 އަހަރުގެ ޒަލަޓަން އިބްރަހިމޮވިޗެވެ. ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓްގައި އިބްރަހިމޮވިޗް ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއެއް ގޯލަށް ފޮނުވާލުމުން އިންޓަރ މިލާންގެ ގޯލްކީޕަރު ދިފާއުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލި ވަގުތު އަލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އޭސީ މިލާނަށް ލީޑް ފުޅާކޮށްދިން ލަނޑު އިބްރަހިމޮވިޗް ކާމިޔާބުކުރީ މެޗްގެ 16 ވަނަ މިނެޓްގައި އޭސީ މިލާނުގެ ރަފައެލް ލިއާއޯ ދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. މެޗުގައި އިންޓަރ އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 29 ވަނަ މިނެޓްގައި ބެލްޖިއަމްގެ ރޮމޭލޫ ލުކާކޫ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި އިންޓަ އިން ވަނީ ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ. މި ހާފުގައި އޭސީ މިލާނުގެ ގޯލްކީޕަރު ލުކާކޫ އަށް ފައުލްކުރި ކަމަށް ބުނެ އިންޓަ އިން ވަނީ ޕެނަލްޓީއަކަށް އެޕީލްކޮށްފަ އެވެ. އެކަމަކު ރެފްރީ ޕެނަލްޓީ ދިނުމަށް ފަހު ފަހުން ނިންމީ އެބޯޅަ ލިބުނުއިރު ލުކާކޫ ހުރީ އޮފްސައިޑުގައި ކަމަށެވެ. މެޗުގެ ފަހު އިތުރު ވަގުތުގައި ލުކާކޫ ފޮނުވާލި ނުރައްކާތެރި ބޯޅަ އަމާޒުވީ ކީޕަރުގެ އަތަށެވެ.
މިއީ އޭސީ މިލާނުން އިންޓައާ ދެކޮޅަށް ލީގުގައި ރަށުން ބޭރުގައި ކުޅެ މިދިޔަ 10 އަހަރުތެރޭ މޮޅެއް ލިބުނު ފުރަތަމަ ފަހަރެވެ. 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިންޓައާ ވާދަކޮށް މިލާން 1-0 އިން ކުރި ހޯދި މެޗުގައި ވެސް ލަނޑު ޖެހީ މިރޭ މިލާނަށް ދެ ލަނޑު ޖަހައިދިން އިބްރަހިމޮވިޗް އެވެ.
މިރޭ އޭސީ މިލާނުން ހޯދި މޮޅާއެކު އެ ޓީމު މިވަގުތު އޮތީ 12 ޕޮއިންޓާއެކު ޓޭބަލްގެ އެއް ވަނައިގަ އެވެ. ހަތް ޕޮއިންޓާއެކު އިންޓަރ އޮތީ ހަވަނައިގަ އެވެ.
Advertisement


Leave a Reply