ދެ ވަނަ އަށް އަރަނިކޮށް ސައުތެމްޓަން އިން ޗެލްސީ ހިފަހައްޓައިފި

ދެ ވަނަ އަށް އަރަނިކޮށް ސައުތެމްޓަން އިން ޗެލްސީ ހިފަހައްޓައިފި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އިން މިރޭ މޮޅެއް ހޯދައި ލީގު ތާވަލުގެ ދެ ވަނަ އަށް އަރަން ގާތްވެފައި ވަނިކޮށް ސައުތެމްޓަން އިން ފަހު ވަގުތު ޖެހި ލަނޑުން 3-3 އިން މެޗު އެއްވަރުވެއްޖެ އެވެ.

ފަހު ވަގުތު ހިތްދަތި ގޮތަކަށް މޮޅެއް ނުލިބި ޗެލްސީ މިވަގުތު އޮތީ ކުޅުނު ފަސް މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ތާވަލުގެ ހަ ވަނައިގަ އެވެ. ޗެލްސީ އަތުން ޕޮއިންޓެއް ހޯދި ސައުތެމްޓަން ވަނީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދައި ތާވަލުގެ 10 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.

ސައުތެމްޓަނާ ދެކޮޅަށް ފުރަތަމަ ހާފުގައި ޗެލްސީ ވަނީ މޮޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. ފުރަތަމަ ހާފުގައި ޗެލްސީގެ ދެ ލަނޑު ވެސް ޖަހައިދިނީ ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ އެވެ. މިއީ ޗެލްސީ އަށް ބަދަލުވެ ޕްރިމިއާ ލީގުގައި ވާނާ ކާމިޔާބުކުރި ފުރަތަމަ ލަނޑުތަކެވެ. މިދިޔަ ސީޒަން ފެށިނުފަހުން ޔޫރަޕްގައި ވާނާ އަށް ވުރެ ގިނައިން ލަނޑު ޖަހާފައިވާ ކުޅުންތެރިންނަކީ ރޮބާޓް ލެވަންޑޮސްކީ އާއި ޗީރޯ އިމޯބިލޭ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ވާނާ ޗެލްސީ އަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައިވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސައުތެމްޓަންގެ ޑެނީ އިންގްސް ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ސައުތެމްޓަނުން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް ޗެލްސީ އަށް ޕްރެޝަރު ބޮޑުކޮށްފަ އެވެ. އެޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރީ ޗެލްސީގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޗޭ އެޑަމްސް ޖެހި ގޯލުންނެވެ. މިއީ ޗެލްސީގެ ޑިފެންޑަރު ކާޓް ޒޫމާ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ އަށް ޖައްސާލި ބޯޅަ ހޯދުމަށް ފަހު ވަރަށް މަސައްކަތުން އެޑަމްސް ކާމިޔާބުކުރި ލަނޑެވެ.

ސައުތެމްޓަނުން 2-2 އިން މެޗުގެ ނަތީޖާ ހަމަހަމަކުރިތާ ދެ މިނެޓު ފަހުން ޗެލްސީން ވަނީ މެޗުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. ވާނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޗެލްސީ އަށް ޖަހައިދިނީ ކައި ހަވާޓްޒް އެވެ. ވާނާ ވެފައިވަނީ ޗެލްސީ އަށް ޕްރިމިއާ ލީގުގައި ލަނޑު ޖަހައިދިން ޖަރުމަނުގެ ހަ ވަނަ ކުޅުންތެރިޔާ އަށެވެ. ޗެލްސީ މޮޅުވާން ދަނިކޮށް އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ސައުތެމްޓަނަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ޑިފެންޑަރު ޔަނިކް ވެސްޓްގާޑް އެވެ. މިއީ ހިލޭ ޖެހުމަކުން އުފެއްދި ހަމަލާއެއްގައި ތިއޯ ވޮލްކޮޓް ފޮނުވާލި ހަމަލާ މަޑުމަޑުން ބޮލުން ޖައްސާލައިގެން ވެސްޓްގާޑް ކާމިޔާބުކުރި ލަނޑެވެ.

ލީގުގައި މިރޭ އަދި މުހިއްމު ދެ މެޗު ކުޅޭނެ އެވެ. 9:30 ގައި ފަށާ މެޗުގައި މެންޗެސްޓަރ ސިޓީ އިން އަމިއްލަ ދަނޑުގައި އާސެނަލްއާ ދެކޮޅަށް ނުކުންނައިރު 12 ޖަހާއިރު ފަށާ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް ރަށުން ބޭރުގައި ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.