އެވަޓަން އިން ލިވަޕޫލް މޮޅުވިޔަކަ ނުދިން

އެވަޓަން އިން ލިވަޕޫލް މޮޅުވިޔަކަ ނުދިން

ޢަލީ ޝަހީމް
އެއްވަރުކުރި ލަނޑު ކެލްވާޓް-ލެވިން ޖަހަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ލިވަޕޫލް މޮޅުވިޔަ ނުދީ އެވަޓަން އިން ހިފަހައްޓައިފި އެވެ. ވާދަވެރި ކުޅުމެއް ފެނުނު ޑާބީ މެޗުގެ ކުޅުން ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މެޗުން ލިބުނު މުހިއްމު ޕޮއިންޓާ އެކު އެވަޓަން އެއް ވަނައިގައި އޮތީ ފަސް މެޗުން ލިބުނު 13 ޕޮއިންޓާ އެކު އެވެ. ފަސް މެޗުން ލިބުނު 10 ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ދެ ވަނައިގަ އެވެ. އެކަމަކު ލީގުގައި މި ހަފްތާ ކުޅޭ އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ލިވަޕޫލްގެ މަގާމަށް ބަދަލެއް އައުމުގެ ފުރުސަތު އެބައޮތެވެ.

މިއަދުގެ މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ސަޑިއޯ މާނޭގެ ލަނޑުން ލިވަޕޫލް ވަނީ ލީޑު ނަގައިފަ އެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި މި ދެޓީމުގެ މެޗެއްގައި ފެނުނު އެންމެ އަވަސް ލަނޑެވެ. ލިވަޕޫލް ލީޑުގައި އޮއްވައި ލިވަޕޫލަށް މައްސަލަތައް ކުރިމަތިވީ މުހިއްމު ޑިފެންޑަރު ވާޖިލް ވެން ޑައިކަށް އަނިޔާވެ ބަދަލުކުރަން ޖެހުމުންނެވެ. ވެން ޑައިކަށް އަނިޔާވީ އެވަޓަންގެ ގޯލްކީޕަރު ޖޯޑެން ޕިކްފޯޑް ދިން ހަމަލާއަކުންނެވެ. އެކަމަކު އެފައުލާ ގުޅިގެން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީ ރެފްރީ ހޯދާފައެއްނުވެ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން އެވަޓަން އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ޑިފެންޑަރު މައިކަލް ކީން ބޮލުން ޖެހި ލަނޑުންނެވެ. މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖަހައިދިނީ މުހައްމަދު ސަލާހް އެވެ. މިއީ ސަލާހް ލިވަޕޫލަށް ޖަހައިދިން 100 ވަނަ ލަނޑެވެ. 159 ވަނަ މެޗުގައި ސަލާހް 100 ލަނޑު ޖެހިއިރު ލިވަޕޫލްގެ ތާރީހުގައި އޭނާ އަށް ވުރެ މަދު މެޗު ކުޅެގެން 100 ލަނޑު ހަމަކޮށްފައިވަނީ ކުރީގެ ދެ ތަރިން ކަމަށްވާ ރޮޖާ ހަންޓް އާއި ޖެކް ޕާކިންސަން އެވެ.

ލިވަޕޫލް މޮޅުވާން ދަނިކޮށް މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްލީ ފޯވާޑް ޑޮމިނިކް ކެލްވާޓް-ލެވިން ބޮލުން ޖެހި މޮޅު ލަނޑުންނެވެ. ކެލްވާޓް-ލެވިން ވަނީ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ. ޕްރިމިއާ ލީގުގެ ތާރީހުގައި ފުރަތަމަ ފަސް މެޗުގައި މީގެ ކުރިން ލަނޑު ޖެހީ އެންމެ ތިން ކުޅުންތެރިންނެވެ.

މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އެވަޓަންގެ ރިޗާލިސަން ލިވަޕޫލްގެ ތިއާގޯ އަލްކަންޓަރާ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ އެވަޓަން ކޮޅަށް ލިވަޕޫލްގެ ޖޯޑެން ހެންޑަސަން މެޗުގެ އިތުރު ވަގުތުގައި ލަނޑެއް ޖެހިނަމަވެސް ފަހުން ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ އެއީ ގޯލެއް ނޫންކަމަށް ނިންމައިފަ އެވެ. ގޯލް ކެންސަލް ކުރީ ހެންޑަސަން އަށް ހުރަސް ނެގުމުގެ ކުރިން މާނޭ އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.

ލިވަޕޫލް މޮޅުވިޔަ ނުދީ ހިފެހެއްޓި ނަމަވެސް މިދިޔަ 10 އަހަރުތެރޭ މިދެޓީމު ލީގުގައި ވާދަކުރި މެޗުތަކުން އެވަޓަން އަށް ކުރި ލިބިފައެއްނުވެ އެވެ. އެންމެ ފަހުން އެވަޓަން އިން ލީގުގައި ލިވަޕޫލް ބަލިކުރެވުނީ 2010 ވަނަ އަހަރު އެވެ. މިދިޔަ 10 އަހަރުތެރޭ ލީގުގައި ކުޅުނު 19 މެޗުގެ ތެރެއިން އަށް މެޗުން އެވަޓަން ބަލިވިއިރު 11 މެޗު ވަނީ އެއްވަރުވެފަ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.