ބޮޑު ބައްޔަށް ފަހު ލިވަޕޫލާއި ޔުނައިޓެޑް ނުރައްކާ މެޗަކަށް!

ބޮޑު ބައްޔަށް ފަހު ލިވަޕޫލާއި ޔުނައިޓެޑް ނުރައްކާ މެޗަކަށް!

ޢަލީ ޝަހީމް
ލިވަޕޫލް ކޮޅަށް ހަތް ލަނޑު ޖެހި މެޗުގައި އެސްޓަން ވިލާގެ ކުޅުންތެރިން އުފާފާޅުކުރަނީ. މިއަދު ހަވީރު ލިވަޕޫލް ނުކުންނާނީ ވާދަވެރި އެވަޓަންއާ ދެކޮޅަށް

މިމަހުގެ ކުރީކޮޅު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކުން ލަދުވެތި ގޮތަކަށް ތަފާތު ބޮޑުކޮށް ބަލިވި ލިވަޕޫލާއި މެންޗެސްޓަރ ޔުނައިޓެޑް މިއަދު އަނެއްކާ ލީގު މެޗުތަކަށް ނުކުންނާނެ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ރަށުން ބޭރުގައި ލިވަޕޫލް 2-7 އިން އެސްޓަން ވިލާ އަތުން ބަލިވިއިރު ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 6-1 އިން ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވެފަ އެވެ.

ލީގުގައި މިއަދު ހަވީރު ލިވަޕޫލުން ރަށުން ބޭރުގައި ވާދަވެރި އެވަޓަންއާ ދެކޮޅަށް ނުކުންނައިރު މިރޭ ދަންވަރު ކުޅޭ މެޗުގައި ޔުނައިޓެޑް ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް ނުކުންނަ އެވަޓަން އަކީ މި ސީޒަނުގައި އެންމެ ރަނގަޅު ފޯމުގައި އޮތް ޓީމެވެ. ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އެޓީމު އޮތީ އެއް ވަނައިގަ އެވެ. ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ފަސް ވަނައިގަ އެވެ.

މިއަދު ހަވީރު އެވަޓަންއާ ދެކޮޅަށް ނުކުތުމުގެ ކުރިން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ކާލޯ އަންޗެލޮޓީއާ އެކު ލިވަޕޫލާ ވާދަކުރާނެ ޓީމަކަށް އެވަޓަން ވާނެކަމަށެވެ. އެއް ސަރަހައްދަކަށް ނިސްބަތްވާ ދެ ޓީމުގެ ޑާބީ މެޗުގެ ކުރިން ކްލޮޕް ވަނީ އެވަޓަން އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

“ކާލޯ އަންޗެލޮޓީ އެވަޓަންއާ ގުޅޭނެ ހަބަރު އެނގުމާ އެކު އަހަރެންނަށް ގަބޫލުކުރެވުނު ލިވަޕޫލާ ރަނގަޅު ވާދައެއް ކުރާނެ ޓީމަކަށް އެވަޓަން ވާނެކަން” ޑިސެމްބަރު މަހު އެވަޓަންއާ ހަވާލުވި އަންޗެލޮޓީއާ ގުޅޭގޮތުން ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ޓްރާންސްފާ ބާޒާރުގައި އެވަޓަން އިން ހޯދީ ޓީމަށް ކޮންމެހެން ބޭނުންވާ ފުރިހަމަ ކުޅުންތެރިންތަކެއް ކަމަށާއި، އަންޗެލޮޓީގެ ކޯޗިން ސްޓައިލަށް ހޭނުމުން އެވަޓަން ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި ފެންނަ ކަމަށެވެ.

އަންޗެލޮޓީ ވަނީ އިޓަލީ އާއި ޖަރުމަނުގެ އިތުރުން ފްރާންސާއި އިންގްލެންޑުގައި ވެސް ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. އިންގްލެންޑުގައި އަންޗެލޮޓީ ތަށި ހޯދީ 10-2009 ވަނަ ސީޒަނުގައި ޗެލްސީއާ އެކު އެވެ. މީގެ އިތުރުން އޭނާ އަކީ ތިން ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ދުނިޔޭގައި ފާހަގަކޮށްލެވޭ ކޯޗެކެވެ.

މިދިޔަ ސީޒަނުގައި 12 ވަނައިގައި ނިންމާލީ އެވަޓަން ފަހުގެ ތާރީހެއްގައި ލީގުގައި ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ 14-2013 ވަނަ ސީޒަނުގެ ހަތް ވަނަ އެވެ. އެވަޓަންއާ އަލަށް ގުޅުނު ކުޅުންތެރިންގެ ތެރެއިން ކޮލަމްބިއާގެ ހަމޭސް ރޮޑްރިގޭޒް އާއި ބްރެޒިލްގެ އަލެން އަދި ވެޓްފޯޑުން އެޓީމަށް ގެނައި އަބްދުލާ ޑޮކޯރޯ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

މުޅި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ކުޅުނު ހަތް މެޗުން ވެސް އެވަޓަން މޮޅުވެފައިވާއިރު އެޓީމުން ވަނީ 24 ލަނޑު ޖަހައިފަ އެވެ. އެޓީމުގައި ފޯމު އެންމެ ރަނގަޅު ކުޅުންތެރިއަކީ ސީޒަނުގައި މިހާތަނަށް ނުވަ ލަނޑު ޖަހާފައިވާ ފޯވާޑް ޑޮމިނިކް ކެލްވާޓް-ލެވިން އެވެ. 23 އަހަރުގެ ފޯވާޑް މިހާރު ވަނީ އިނގިރޭސި ސީނިއާ ޓީމުން ވެސް ފުރުސަތު ހޯދައިފަ އެވެ.

“ކުރިން އަހަރެން ވަރަށް ބޮޑަށް އުއްމީދުކުރިން ކުރިއަށް އޮތް އަހަރުތަކުގައި ކެލްވާޓް-ލެވިން ތަފާތު ދައްކާނެކަމަށް. ފޯވާޑެއްގެ ފަރާތުން ބޭނުންވާ ހުރިހާ ކަމެއް އޭނަގެ ފަރާތުން ފެނޭ. ދެފަޅިން ކުޅޭ ކުޅުންތެރިންނާއި މެދުތެރެވެސް އެޓީމުގެ އެހާ ވަރުގަދަ” އެވަޓަން އަށް ތައުރީފް ކުރަމުން ކްލޮޕް ބުންޏެވެ.

މިއަދުގެ މެޗަށް ނުކުންނައިރު ބައިނަލްއަގްވާމީ މެޗުތަކުގައި އަނިޔާގެ މައްސަލަތައް ކުރިމަތިވި އެވަޓަންގެ ކޮލަމްބިއާ ޑިފެންޑަރު ޔެރީ މިނާ އާއި ފްރާންސްގެ ޑިފެންޑަރު ލޫކަ ޑީނިއޭ ވަނީ ފިޓްވެފަ އެވެ. އެވަޓަންގެ ޓީމުގައި އަނިޔާގެ އިތުރު މައްސަލައެއް ނެތެވެ.

ލިވަޕޫލަށް ބަލާއިރު އަނިޔާގެ ސަބަބުން ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ މިއަދު ވެސް ނުކުޅޭނެ އެވެ. އެކަމަކު ކޮވިޑުން ރަނގަޅުވުމަށް ފަހު މިޑްފީލްޑަރު ތިއާގޯ އަލްކަންޓަރާ އާއި ސަޑިއޯ މާނޭ ވަނީ ޓީމާ ގުޅިފަ އެވެ. އަދި، އެޓީމުގެ ޑިފެންޑަރު ޖޮއެލް މަޓިޕް މިހާރު އަންނަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

ޓޮޓެންހަމް މެޗުގައި ސޯލްޝެއާ ނުތަނަވަސްވެފައި. ޓީމުގެ ފޯމު ދަށްވުމުގެ ސަބަބުން ސޯލްޝެއާ އަށް ވަނީ ޕްރެޝަރު ކުރިމަތިވެފައި

ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ ޔުނައިޓެޑް މިވަގުތު އޮތީ ތިން މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގަ އެވެ. ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައި ނިއުކާސަލް އޮތީ ނުވަ ވަނައިގަ އެވެ. މިވަގުތު އޮތް ފޯމަށް ބަލާއިރު ނިއުކާސަލްގެ މައްޗަށް ކުރި ހޯދަން ޔުނައިޓެޑަށް މިރޭ އުނދަގޫވާނެކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ޓޮޓެންހަމް މެޗުގައި ދެއްކި ރަތް ކާޑާއި ގުޅިގެން މިރޭގެ މެޗަށް ޔުނައިޓެޑްގެ ފްރާންސްގެ ފޯވާޑް އެންތަނީ މާޝިއަލް ވަނީ ސަސްޕެންޑްވެފަ އެވެ. އަދި، އެޓީމަށް ދާދިފަހުން ގެނައި އުރުގުއޭގެ 33 އަހަރުގެ ފޯވާޑް އެޑިންސަން ކަވާނީ ކަރަންޓީނުގައި ހުރުމުން މިރޭގެ މެޗުގައި ނުފެންނާނެ އެވެ. އެކަމަކު އެޓީމަށް އަލަށް ގެނައި ބްރެޒިލްގެ ލެފްޓް ބެކް އަލެކް ޓެލެސް އާއި ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް މިރޭ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުމުގެ ފުރުސަތު ބޮޑެވެ.

މެޗަށް ނުކުންނައިރު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޑިފެންސް ލައިންގެ ފޯމު ދަށްވެ، ހާއްސަކޮށް ކެޕްޓަން ހެރީ މެގުއާ އަށް ކުރިމަތިވަމުން އަންނަ ފާޑުކިޔުންތަކެވެ. އިންގްލެންޑް އެންމެ ފަހުން ސްވިޑެން އަތުން ބަލިވި މެޗުގައި މެގުއާ އަށް ރަތް ކާޑު ދެއްކުމުން ޔުނައިޓެޑް ޓީމުން ވެސް އޭނާ އަށް ފުރުސަތު ހައްގު ނޫންކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މެޗުގެ ކުރިން ސޯލްޝެއާ ބުނީ ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުގައި މެގުއާ އަށް ކުޑަ އަނިޔާއެއް ވި ކަމަށާއި، އުއްމީދަކި މެޗުގެ ކުރިން މެގުއާ ފިޓްވުން ކަމަށެވެ.

ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު ޓޮޓެންހަމްގެ ކުޅުންތެރިއަކު އުފާފާޅުކުރަނީ. އަމިއްލަ ދަނޑުގައި ޓޮޓެންހަމް އަތުން ބަލިވީ ލަދުވެތި ނަތީޖާއަކުން

“މެގުއާ ބޭނުންވޭ ކުޅެން. މިދިޔަ މެޗުތަކުގައި ކުރިމަތިވި ފާޑުކިޔުންތަކަށް ފަހު މެގުއާ އަދި ފޯމު ގެންނާނެ. ރަތް ކާޑެއް ދެއްކުމުން ނުވަތަ ދަށްކޮށް ކުޅެވުމުން ފިލާ ހުންނަން ބޭނުންވާ ކުޅުންތެރިއެއް ނޫން މެގުއާ އަކީ. އޭނާ ބޭނުންވޭ ފެންވަރު ސާބިތުކޮށްދޭން” މެގުއާއާ ގުޅޭގޮތުން ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާ އިތުރަށް ބުނީ ދުނިޔޭގެ ރޭންކިންގައި އެއް ވަނައިގައި އޮތް ބެލްޖިއަމް ބަލިކުރި އިންގްލެންޑް ޓީމުގައި މެގުއާ ހިމެނުމުން އެއީ އާދައިގެ ދުވަހެއް ގޮތަށް މީހުން ގަބޫލުކުރާ ކަމަށާއި، ނޫސްތަކަށް އޭނާގެ ވާހަކަ އެރީ ޖެހިގެން އައި މެޗުގައި ރަތް ކާޑު ދެއްކުމުން ކަމަށެވެ. އެއީ ފުޓްބޯޅައިގައި ކަންކަން ވާގޮތް ކަމަށް ސޯލްޝެއާ ވަނީ ބުނެފަ އެވެ.

ބްރޭކަކަށް ފަހު އިނގިރޭސި ލީގުގެ ކުޅުން މިއަދު އަލުން ފަށާއިރު އެވަޓަންއާ ލިވަޕޫލް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4:30 ގަ އެވެ. ނިއުކާސަލް ޔުނައިޓެޑާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާ މެޗު ފަށާނީ މެންދަމު 12 ޖަހާއިރު އެވެ. މިރޭ ހަތެއް ޖަހާއިރު ފަށާ މެޗުގައި ޗެލްސީ އާއި ސައުތެމްޓަން ވާދަކުރާއިރު 9:30 ގައި ކުޅޭ މެޗުގައި މެންޗެސްޓަރ ސިޓީ ނުކުންނާނީ އާސެނަލްއާ ދެކޮޅަށެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.