އާސެނަލް އާ ދެކޮޅަށް ޑި ބްރޭނާ އަށް މިރޭ ނުކުޅެވޭނެ

Advertisement

އާސެނަލް އާ ދެކޮޅަށް ޑި ބްރޭނާ އަށް މިރޭ ނުކުޅެވޭނެ

ޢަބްދުﷲ އަޝްރަފް

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ އާސެނަލް އާ ދެކޮޅަށް އަމިއްލަ ދަނޑުގައި މެންޗެސްޓަރ ސިޓީ ކުޅޭ މެޗުގައި އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކެވިން ޑި ބްރޭނާ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.

ޔޫއެފާ ނޭޝަންސް ލީގުގައި މިދިޔަ ހަފްތާގައި ބެލްޖިއަމުން އިނގިރޭސި ވިލާތާ ދެކޮޅަށް ކުޅުނު މެޗުގައި ޑި ބްރޭނާ ބަދަލުކޮށްފައިވާއިރު ބެލްޖިއަމްގެ ކޯޗު ރޮބަޓް މާޓިނޭޒް އޭރު ބުނެފައިވަނީ ޑި ބްރޭނާ ބަދަލުކޮށްފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެހެން ނަމަވެސް އާސެނަލް އާ ދެކޮޅަށް ސިޓީން މިރޭ ކުޅޭ މެޗާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވަނީ މިރޭގެ މެޗެއް ޢުމުރުން 29 އަހަރުގެ މިޑްފީލްޑަރަށް އެރޭވަރު ނުވާނެ ކަމަށެވެ.

“އަހަރެންނަކަށް ހިއެއް ނުވޭ އަނިޔާ އެހާ ސީރިއަސް ހެނެއް. އެކަމަކު ކުރިއަށް އޮތް މެޗުގައި އޭނާ އަކަށް ނުކުޅެވޭނެ. ކަންވާ ގޮތް އަހަރެމެން ބަލާނަން.” ގާޑިއޯލާ ބުންޏެވެ.

އިނގިރޭސި ވިލާތާ ދެކޮޅަށް ބެލްޖިއަމުން ކުޅުނު މެޗަށްފަހު އައިސްލޭންޑާ ދެކޮޅަށް އެ ގައުމުން ބުދަ ދުވަހުގެ ރޭ މެޗެއް ކުޅުނު ނަމަވެސް ޑި ބްރޭނާ ވަނީ އޭގެ ކުރިން މެންޗެސްޓަރ އަށް އެނބުރި އައިސް ކުލަބާ ގުޅިފައެވެ. މިހާތަނަށް އިނގިރޭސި ލީގުގައި ސިޓީން ތިން މެޗު ކުޅެފައިވާ އިރު އެ ޓީމު އޮތީ ހަތަރު ޕޮއިންޓާ އެކު ޓޭބަލްގެ 14 ވަނައިގަ އެވެ.

“އިންޓަނޭޝަނަލް ބްރޭކާ ދޭތެރޭ އަހަރެންގެ އެއްވެސް ޝަކުވާ އެއް ނެތް. އަހަރެންނަށް އެގޭ އެއީ ކުޅުންތެރިންނަށް ކިހާ މުހިއްމު ކަމެއް ކަން. އެއީ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ފަހުރަކާ ޝަރަފެއް. އަހަރެމެން އަބަދުވެސް ބޭނުންވަނީ ކުޅުންތެރިން ފިޓްކޮށް ތިބެގެން އެ ބްރޭކް ނިންމާފައި އެނބުރި އައުން. އެކަމަކު ބައެއް ފަހަރު އެކަން އެ ގޮތަށް ނުވެވެސްދޭ. އަހަރެންނަށް ހީވަނީ އެއީ އެހާ ބޮޑު އަނިޔާއެއް ނޫންހެން. އެކަމަކު އަހަރެންނަކަށް ނޭނގޭ ކިހާ ދުވަހެއް ކަމެއް ނުކުޅެ ހުންނަންޖެހޭނީ.” ގާޑިއޯލާ ބުންޏެވެ.

ޑި ބްރޭނާގެ އިތުރުން ސިޓީގެ ފޯވާޑް ބްރެޒިލްގެ ގެބްރިއެލް ޖެސުސް އަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެހެން ނަމަވެސް ސިޓީ އަށް އޮތް ހިތްހަމަޖެހުމަކީ ގާތްގަނޑަކަށް ހަތަރު މަހެއްހާ ދުވަސްވަންދެން އަނިޔާގައި ހުރުމުގެ ސަބަބުން ކުޅުމާ ދުރުގައި ހުރި އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ޓީމާއެކު ފަރިތަކުރަމުން އައުމެވެ. އެކަމަކު މިރޭގެ މެޗަށް އަގުއޭރޯ ނެރުމާ މެދު ގާޑިއޯލާ އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ/

ސިޓީ އާއި އާސެނަލް ލީގުގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭގެ ގަޑިން 21:30 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *