އައްޑޫގެ ޓާފް ދަނޑުތަކާއި ގުޅޭގޮތުން މަހްލޫފް ދެއްވީ ހުސް އުފާވެރި ހަބަރު

އައްޑޫގެ ޓާފް ދަނޑުތަކާއި ގުޅޭގޮތުން މަހްލޫފް ދެއްވީ ހުސް އުފާވެރި ހަބަރު

ޢަލީ ޝަހީމް
އައްޑޫގައި ތަރައްގީކުރަމުން އަންނަ ޓާފް ދަނޑެއް. ފޮޓޯ: ޓްވިޓާ

މި ސަރުކާރުން އައްޑޫ ސިޓީގައި ތަރައްގީކުރަމުން އަންނަ ޓާފް ދަނޑުތަކުގެ އަޕްޑޭޓް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ދެއްވައިފި އެވެ. ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ހިއްސާކުރެއްވީ އައްޑޫ ސިޓީގެ ދަނޑުތައް ބާރު ސްޕީޑްގައި ކުރިއަށްދާކަމުގެ އުފާވެރި ހަބަރެވެ.

އައްޑޫގައި މިވަގުތު ޓާފް ބޮޑު ދެ ދަނޑުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ހިތަދޫގެ ދެ ސަރަހައްދެއްގައި ފުޓްސަލް ދެ ދަނޑު އެޅުމަށް ނިންމައި މިހާރު ވަނީ އެ މަސައްކަތް ފަށައިފަ އެވެ. މިނިސްޓަރު ވިދާޅުވީ ސ. ފޭދޫގައި ތަރައްގީކުރަމުން އަންނަ ޓާފް ދަނޑުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އަދި ސ. ހުޅުދޫގެ ޓާފް ދަނޑުގެ ސަބްބޭސް މަސައްކަތް ނިމި ޓާފް އެޅުމުގެ ކުރިން ބޭނުންވާ ހުއްދައަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ. މީގެ އިތުރުން އަންނަ އަހަރުގެ ތެރޭގައި ސ. މަރަދޫގެ ޓާފް ދަނޑުގެ މަސައްކަތް ފަށާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފުޓްސަލް ދެ ދަނޑުގެ ތެރެއިން ހިތަދޫގެ ކަސަބާ ސަރަހައްދުގައި ތަރައްގީކުރާ ދަނޑުގައި އަޅާނެ ޓާފް މިހާރު ގެންގޮސްފައިވާކަމަށާއި، އީދިގަލީގައި އަޅާ ފުޓްސަލް ދަނޑުގެ މަސައްކަތް މިހާރު ކައުންސިލާ ހަވާލުކޮށްފައިވާކަމަށް މަހުލޫފް ވިދާޅުވި އެވެ.

އައްޑޫގެ ޓާފް ދަނޑުތަކުގެ މައުލޫމާތު މިނިސްޓަރު ހިއްސާކުރެއްވިއިރު މި ސަރުކާރުން އަންނަނީ ޓާފް ފުޓްބޯޅަ ދަނޑުތަކާއި ޓާފް ފުޓްސަލް ދަނޑުތައް ބާރު ސްޕީޑުގައި ތަރައްގީކުރަމުންނެވެ. ޓާފް ފަސް ދަނޑެއްގެ މަސައްކަތް ނިންމާފައިވާއިރު އިތުރު ގިނަ ދަނޑުތަކެއްގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މިހާތަނަށް ޓާފް އަޅައި ނިންމާލާފާއިވަނީ ނ. ހޮޅުދޫ، ނ. ކެނދިކުޅުދޫ، ތ. ވިލުފުށި އަދި ފ. ނިލަންދޫ އަދި ރ. އަލިފުށީ ފުޓްބޯޅަ ދަނޑެވެ. މީގެ އިތުރުން ނ. ކުޑަފަރި އާއި ކ. ގުރައިދޫގައި އަޅާ ދަނޑުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ދެކުނު އަތޮޅުތަކުގެ ތެރެއިން ލ. ގަމުގައި ތަރައްގީކުރާ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް މީގެ ދެ ދުވަސް ކުރިން ވަނީ ފަށައިފަ އެވެ. ފުޓްސަލް ދަނޑުތަކުގެ ތެރެއިން އެންމެ ފަހުން ނިންމާލީ ރ. އިންނަމާދޫގައި ތަރައްގީކުރި ދަނޑެވެ. ރޭގަނޑު ކުޅެވޭގޮތަށް ދަނޑުގައި ލައިޓް ހަރުކޮށް މަސައްކަތް ނިންމާލިކަން މިމަހުގެ ހަތް ވަނަ ދުވަހު މިނިސްޓަރު މަހުލޫފް ވަނީ އިއުލާންކުރައްވައިފަ އެވެ.

ކުޅިވަރުގެ ތަރައްގީއަށް ޔޫތު މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު މިދިޔަ މަހުގެ ފަހުކޮޅު އެ މިނިސްޓްރީން ވަނީ އިތުރު 22 ރަށެއްގެ ދަނޑުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި ދަނޑުތަކުގެ ތެރެއިން 13 ރަށެއްގެ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީއޭއެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ. އަދި 9 ރަށެއްގެ ދަނޑުތަކުގައި ޓާފް އެޅުމާ ހަވާލުވީ މެލޭޝިއާގެ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމަންޓް ޕްރައިވެޓް ލިމިޓެޑެވެ.

ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު މަހުލޫފް ވިދާޅުވީ މިއަހަރުގެ ނިޔަލަށް 15 ރަށެއްގެ ދަނޑު ތަރައްގީކޮށް ނިންމާލަން މަސައްކަތް ކުރައްވާ ކަމަށާއި އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުގެތެރޭގައި ހިމެނޭ 100 ޓާފް ދަނޑުގެ މަސައްކަތް ކުރިއަށް އޮތް ތިން އަހަރުތެރޭ ނިންމާލެއްވުން ކަމަށެވެ.

ޓާފް ދަނޑުތައް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާއިރު އަތޮޅުތެރޭގައި 20 ފުޓުބޯޅަ ދަނޑެއް އެޅުމަށް ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެފްއޭއެމްގެ މި ޕްރޮޖެކްޓުގެ ދަށުން ކޮރެއާގެ ސަކައިވިންގް ގްލޯބަލް އާއެކު މިދިޔަ އަހަރު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. ފުޓުބޯޅަ ދަނޑުތައް ތަރައްގީ ކުރުމަށް ފަހު ސަރުކާރާއި އެފްއޭއެމްގެ އަމާޒަކީ މިހާރު ފޯރި ކެނޑިފައިވާ ރާއްޖޭގެ ފުރަތަމަ ޑިވިޝަން ފުޓުބޯޅަ މުޅި ރާއްޖެއަށް ފުޅާ ކުރުމެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.