މެގުއާ އާ މެދު ކަންކުރަންވީ ގޮތް ފާޑިނަންޑް ކިޔައިދީފި

Advertisement

މެގުއާ އާ މެދު ކަންކުރަންވީ ގޮތް ފާޑިނަންޑް ކިޔައިދީފި

ޢަލީ ޝަހީމް
ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުގައި މެގުއާ އަށް ރެފްރީ ރަތްކާޑު ދައްކަނީ

ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރު ހެރީ މެގުއާ އަށް އޭނާ ކުޅޭ ކްލަބް މެންޗެސްޓަރ ޔުނައިޓެޑުން އަރާމުކުރުމަށް ދުވަސްކޮޅެއް ދިނުމަކީ މިވަގުތައް ކުރެވިދާނެ ކަމެއް ކަމަށް ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނަންޑް ބުނެފި އެވެ. ޔުނައިޓެޑްގެ ރަން ޒަމާނުގައި ފަހަތް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި ޑިފެންޑަރު މިހެންބުނީ ފަހަކަށް އައިސް މެގުއާގެ ފަރާތުން ފެންނަ ދަށް ކުޅުމުގެ ސަބަބުން އަމާޒުވަމުން އަންނަ ފާޑުކިޔުންތަކާއި ގުޅިގެންނެވެ.

27 އަހަރުގެ ޑިފެންޑަރު ވަނީ ސީޒަން ފެށުމުގެ ކުރިން ގްރީސްގައި ޔުނައިޓެޑުން ކުރިއަށް ގެންދިޔަ ޕްރީ ސީޒަނުގެ ތެރެއިން ހިންގި މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ. އޭގެފަހުން ޔުނައިޓެޑުން މި ސީޒަނުގެ ލީގުގައި ކުޅުނު ތިން މެޗުގައި ވެސް މެގުއާގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އެޓީމު ކޮޅަށް ގިނަ ލަނޑުތަކެއް ވަތްއިރު އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ޔުނައިޓެޑް ވަނީ 6-1 އިން ބަލިވެފަ އެވެ. އެ މެޗުގައި ވެސް މެގުއާގެ ފަރާތުން ބޮޑެތި ގޯސްތަކެއް ފެނުނެވެ. އެއަށްފަހު މެގުއާ މިދިޔަ ދެ ހަފްތާއެއްހާ ދުވަސް ހޭދަކުރީ އިންގްލެންޑްގެ ޓީމާ އެކު އެވެ. ޔޫއެފާ ނޭޝަންސް ލީގުގައި އިންގްލެންޑުން ބެލްޖިއަމް ބަލިކުރި މެޗުގައި މެގުއާ ކުޅުނުއިރު އެންމެ ފަހުން ސްވިޑެން އަތުން އަމިއްލަ ދަނޑުގައި ބަލިވި މެޗުގެ 31 ވަނަ މިނެޓުގައި އޭނާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

Advertisement

“މިކަހަލަ ހާލަތްތަކުގައި އަހަރެން ވެސް ކުރިން ހުރިން. މިއީ ކުޅުންތެރިޔާއަށް ބްރޭކެއް ބޭނުންވާ ވަގުތު. މިކަން މިގޮތަށް ކުރުމުގައި ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ އަތުގައި ޒިންމާ އޮތީ. ފަހަރެއްގަ ވެދާނެ މިއީ ކުޑަ ރެސްޓެއް ބޭނުންވާ ވަގުތުކަމަށް. އަމިއްލަ ނަފްސަށް އިތުބާރު ކުރެވެން ފެށީމަ އަނބުރާ ޓީމަށް ގެނެވިދާނެ” ފާޑިނަންޑް ބުންޏެވެ.

ފާޑިނަންޑް ވަނީ ޔުނައިޓެޑްގައި ކުޅުނު ދުވަސްވަރު އޭރުގެ ކޯޗު ސަރ އެލެކްސް ފާގަސަން އޭނާއާ މެދު ކަންތައް ކުރިގޮތް ހިއްސާކޮށްފަ އެވެ.

“ހަނދާންވާގޮތުން މިޑްލްސްބަރާއާ ރަށުން ބޭރުގައި ކުޅުނު މެޗެއްގައި ފާގަސަން އަހަރެން ބޭލީ. އެދުވަހު ކޯޗު އަހަރެންނާ ވާހަކަދައްކާފަ ބުނި ކުރީގެ ފެންވަރަށް އަލުން އަންނަ މަސައްކަތް ކުރުމަށް. ރަނގަޅަށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ފަހު އަނބުރާ އައުމަށް އެދުނު. ބައެއް ފަހަރު ކުޅުންތެރިޔާ އަށް އަންނަ ޕްރެޝަރު ކަނޑުވާލީމާ އެހީތެރިކަން ލިބޭނެ” ޔުނައިޓެޑާ އެކު ޕްރިމިއާ ލީގުގެ ތަށި ހަ ފަހަރު ކާމިޔާބުކޮށް 2008 ވަނަ އަހަރު ޗެންޕިއަންސް ލީގު ކާމިޔާބުކުރި ޔުނައިޓެޑްގެ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ފާޑިނަންޑް ބުންޏެވެ.

ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުގައި މެގުއާ އަށް ސްޕެއިންގެ ރެފްރީ ޖީސުސް ގިލް މަންޒާނޯ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކީ ޑެންމާކްގެ ކަސްޕާ ޑޮލްބާގަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. އޭގެކުރިން މެގުއާ އަށް ރީނދޫ ކާޑު ދެއްކީ ފޯވާޑް ޔޫސުފް ޕޮލްސަން އަށް ފައުލް ކުރުމުންނެވެ. މެގުއާގެ ރަތް ކާޑަކީ އިންގްލެންޑް ކުޅުންތެރިއަކަށް މެޗެއްގައި ދެ ވަނަ އަށް އެންމެ އަވަހަށް ދެއްކި ރަތް ކާޑެވެ.

80 މިލިއަން ޕައުންޑަށް ލެސްޓާ ސިޓީ ދޫކޮށް މެގުއާ ޔުނައިޓެޑަށް ބަދަލުވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ރެކޯޑް ޑިފެންޑަރުގެ ގޮތުގައި ޔުނައިޓެޑަށް ބަދަލުވުމަށް ފަހު މެގުއާ އަންނަނީ އެ ކްލަބުގައި ގިނަ މެޗުތަކެއް ކުޅެމުންނެވެ. މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން ކޯޗު ސޯލްޝެއާ ވަނީ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ވެސް މެގުއާއާ ހަވާލުކޮށްފަ އެވެ. އެކަމަކު އަގާއި އަޅާބަލާއިރު މެގުއާގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެންނަ ކަމަށް ބުނެ އޭނާ އަށް އަބަދުވެސް ފާޑުކިޔުން އަމާޒުވެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *