އެކުވެރިކަމުގެ މެޗުތައް ކުޅޭތީ ފިފްޕްރޯ އިން ކަންބޮޑުވެއްޖެ

Advertisement

އެކުވެރިކަމުގެ މެޗުތައް ކުޅޭތީ ފިފްޕްރޯ އިން ކަންބޮޑުވެއްޖެ

ޢަލީ ޝަހީމް
ނޭޝަންސް ލީގުގައި ފްރާންސާއި ޕޯޗުގަލް ވާދަކުރި މެޗުގެ ތެރެއިން. މި މެޗަށް ފަހު ހެދި ޓެސްޓުތަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި

ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތައް ކުޅުމަކީ ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމެއް ކަމަށާއި، މެޗުތައް ކުޅެން ޖެހުނީ އިގްތިސާދީ ޕްރެޝަރާ ހެދިކަމަށް ބުނެ ވޯލްޑް ޕްލެޔާސް ޔޫނިއަން، ފިފްޕްރޯގެ ޖެނެރަލް ސެކްރެޓަރީ ޖޯނަސް ބެއާ-ހޮފްމަން ފާޑު ކިޔައިފި އެވެ.

ފިފްޕްރޯ އިން އަންނަނީ 1965 ވަނަ އަހަރުން ފެށިގެން ކުޅުންތެރިންގެ ހިމާޔަތުގައި މަސައްކަތް ކުރަމުންނެވެ. ފީފާގެ އެފިލިއޭޝަންގެ ދަށުން މި ޖަމިއްޔާއިން މަސައްކަތް ފެށީ 2009 ވަނަ އަހަރު އެވެ. ކޮވިޑާ ގުޅިގެން މުޅި ދުނިޔޭގައި ކުޅިވަރު ހަރަކާތްތައް ހުއްޓާލީ މިދިޔަ މާޗް މަހު އެވެ. ކުޅިވަރު ހަރަކާތްތައް އަލުން ފެށީ ހަތަރު މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ. ސަޕޯޓަރުން ނުވައްދައި ކްލަބް މެޗުތައް ފަށައި މިދިޔަ ހަފްތާ ހާއްސަކުރީ ބައިނަލްއަގްވާމީ މެޗުތަކަށެވެ. އޭގެތެރޭގައި ޔޫރަޕްގެ ގައުމުތަކުން ކުޅުނު ޔޫއޭފާ ނޭޝަންސް ލީގުގެ މެޗުތަކާއި، ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގެ އިތުރުން ރަހްމަތްތެރިކަމުގެ ގިނަ މެޗުތަކެއް ހިމެނެއެވެ.

“ކުޅިވަރާއި ސިއްހީ ނަޒަރަކުން ވިސްނާއިރު ބޮޑެތި ރިސްކުތައް ހުއްޓައި މެޗުތައް ކުޅެން ވިސްނުމަކީ ގަބޫލުކުރަން އުނދަގޫ ކަމެއް” މެޗުތައް ކުޅުމުގެ ފަހަތުގައި ވަނީ ގައުމުތަކުގެ އިގްތިސާދީ ވިސްނުންކަން ހާމަކުރަމުން ހޮފްމަން ބުންޏެވެ.

ހޮފްމަން ބުނީ ކޮވިޑް ޖެހިގެން އައިސޮލޭޓް ވާންޖެހިދާނެކަމުގެ ބިރު ކުޅުންތެރިޔާ އާއި ކްލަބްތަކަށް އެބައޮތް ކަމަށެވެ. އެފަދަ ކަންކަމަށް ނުވިސްނައި މެޗުތައް ކުޅުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ގޮތުގައި ހޮފްމަން ފާހަގަކޮށްފައިވެ އެވެ.

“އަހަރެމެން އެންމެންނަށް ވެސް އެނގޭ މިފަދަ މެޗުތަކުން ބޮޑެތި ފައިދާ ލިބޭ އެއްބަސްވުންތައް ހުންނާތީ އިންތިޒާމުކުރާ ފެޑެރޭޝަންސްތަކުން މެޗުތައް ކުޅެން ބޭނުންވާކަން. މެޗުތައް ކުޅުމުގެ އެއް ސަބަބަކީ އެފަދަ ބައެއް އެއްބަސްވުންތައް ހެދިފައި ހުންނާތީ” ހޮފްމަން ބުންޏެވެ.

ބައިނަލްއަގްވާމީ މެޗުތަކަށް މެދުކަނޑާލިފަހުން ކޮވިޑަށް ޕޮޒިޓިވްވި އެންމެ މަޝްހޫރު ކުޅުންތެރިއަކީ ޕޯޗުގަލާއި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ނޭޝަންސް ލީގުގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ހެދި ޓެސްޓުތަކުންނެވެ. ޕޯޗުގަލުން ރޮނާލްޑޯ އެކަނި ޕޮޒިޓިވްވުމުން އެޓީމުން ނޭޝަންސް ލީގުގައި ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ނުފެނެ އެވެ. އިޓަލީގެ ގަވާއިދުގައިވާ ގޮތަށް ރޮނާލްޑޯ މިހާރު ހުރީ 10 ދުވަހުގެ ސެލްފް އައިސޮލޭޝަނުގަ އެވެ. ހޮފްމަން ބުނީ ބައިނަލްއަގްވާމީ ފެޑެރޭޝަންތަކަށް އެންމެ މުހިއްމުވާން ޖެހޭނީ ކުޅުންތެރިންގެ ސިއްހީ ހާލަތު ކަމަށެވެ.

“މިހާރު މި ފެންނަ މަންޒަރަށް ބަލާއިރު، ހާއްސަކޮށް ޔޫރަޕުން ބޭރުގައި ކުޅޭ މެޗުތަކުގައި ރިސްކް ލެވެލް މަތިވެފައި ޒިންމާދާރުކަން ކުޑަ” މެޗުތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން ހޮފްމަން ބުންޏެވެ.

ހޮފްމަން އިތުރަށް ބުނީ މި ހާލަތަކީ “ސެންޓްރަލައިޒްޑް” ކޮށް ވިސްނުން ބަހައްޓައިގެން ގޮތް ނިންމަންޖެހޭ ހާލަތެއް ކަމަށާއި މިހާތަނަށް ފެނުނު ކަންކަމަށް ބަލާއިރު މެޗުތައް ކުރިއަށް ގެންދިއުމުގައި ބައެއް މީހުންގެ ފަރާތުން ޒިންމާދާރުކަން ނުފެންނަ ކަމަށެވެ.

ބައިނަލްއަގްވާމީ މެޗުތަކަށް ފަހު ކްލަބް މެޗުތައް ހަފްތާ ބަންދުގައި އަލުން ފަށާނެ އެވެ. ކްލަބް މެޗުތައް ކުރިއަށް އޮތް ހަތަރު ހަފްތާ ކުޅުމަށް ފަހު އަންނަ މަހުގެ މެދަކާ ހިސާބުން އަނެއްކާވެސް ބައިނަލްއަގްވާމީ މެޗުތައް އޮންނާނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *