ލަނޑު ނުޖެހުނަސް މިހާރު އެހާ ދެރައެއް ނުވޭ: މެސީ

ލަނޑު ނުޖެހުނަސް މިހާރު އެހާ ދެރައެއް ނުވޭ: މެސީ

ޢަބްދުﷲ އަޝްރަފް

ލަނޑު ނުޖެހިގެން ކުރިން ދެރަވާވަރަށް މިހާރު ދެރަ ނުވާކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ. އުމުރުން 33 އަހަރުގެ އާޖެންޓީނާގެ ފޯވާޑް ބުނެފައިވަނީ ލަނޑުޖެހުމަށްވުރެ ބޮޑަށް އޭނާ މިހާރު ސަމާލުކަންދެނީ ޓީމަށް ފައިދާވާ ގޮތަކަށް ކުޅެން ކަމަށެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައިވާ މެސީ އަކީ ބާސެލޯނާގެ ތާރީހުގައި ވެސް އެ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އެވެ. މީގެ އިތުރުން އާޖެންޓީނާގެ ގައުމީ ޓީމަށް ވެސް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔަކީ މެސީ އެވެ. މިހާތަނަށް މެސީ ބާސެލޯނާ އަށް 635 ގޯލު ޖަހައިދީފައިވާއިރު ގައުމީ ޓީމުގެ ޖާޒީގައި އޭނާ ވަނީ 71 ގޯލު ކާމިޔާބުކޮށްފަ އެވެ.

ބާސެލޯނާ އަށާއި، އާޖެންޓީނާއަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާގެ ޝަރަފު މެސީ އަށް ލިބިފައިވާއިރު އެ ރެކޯޑް އިތުރަށް ފުޅާކުރުމަށް ބޮޑު ސަމާލުކަމެއް ދިނުމުގެ ބަދަލުގައި މެސީ ބުނާގޮތުގައި އޭނާގެ ސިކުނޑީގައި މިހާރު ބޮޑަށް އެނބުރެނީ ޓީމުގެ ކާމިޔާބެވެ.

“މިއަދު އަހަރެން އެހާ ފިކުރުބޮޑުވެ ހާހެއް ނުވޭ އަހަރެންނަށް ލަނޑު ނުޖެހިގެނެއް. އަހަރެން މިހާރު މަސައްކަތްކުރަނީ ޓީމަށް ފައިދާވާނެ ގޮތަށްކުޅެން.” ސްޕެއިންގެ މަޖައްލާއަކަށް ދިން އިންޓަވިއުއެއްގައި މެސީ ބުނެފައިވެ އެވެ.

2004 ވަނަ އަހަރު ބާސެލޯނާ އަށް ކުޅެންފެށިފަހުން މެސީ އެ ޓީމަށް ޖަހައިދިން 635 ގޯލުގެ ތެރެއިން 445 ގޯލަކީ ސްޕެނިޝް ލީގުގައި އޭނާ ކާމިޔާބުކުރި ގޯލެވެ. ސްޕެނިޝް ލީގުގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔަކީ މެސީ އެވެ. މެސީގެ ފަހަތުން މި ލިސްޓުގެ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހައިފައިވަނީ 311 ލަނޑެވެ. ބާސެލޯނާގައި މެސީ ކާމިޔާބުކުރި ގޯލު ތަކުގެ ތެރޭގައި ދެން ހިމެނެނީ ޗެމްޕިއަންސް ލީގުގައި ޖެހި 115 ގޯލާއި، ސްޕެނިޝް ކޮޕަ ޑެލްރޭގައި ޖެހި 53 ގޯލާއި، ސްޕެނިޝް ސުޕަރ ކަޕްގައި ޖެހި 14 ގޯލާއި، ޔޫއެފާ ސުޕަރ ކަޕްގައި ޖެހި ތިން ގޯލުގެ އިތުރުން ކްލަބް ވޯލްޑް ކަޕްގައި ޖެހި ފަސް ގޯލެވެ.

އުމުރުން 17 އަހަރުގައި ބާސެލޯނާ އަށް ކުޅެން ފެށި ފަހުން މެސީ ވަނީ އެ ޓީމާއެކު 10 ފަހަރު ލީގު ޓްރޮފީ އުފުލާލުމުގެ އިތުރުން ސްޕެނިޝް ކޮޕަ ޑެލްރޭ ހަ ފަހަރު އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ.

މި ސީޒަނުގައި ބާސެލޯނާގެ ކޯޗްކަމުގެ މަގާމަށް އަލަށް ގެނައި ނެދަލެންޑްސްގެ ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ލީގުގައި އެ ޓީމުން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު މެސީ އަށް އަދި ޖެހިފައިވަނީ އެންމެ ލަނޑެކެވެ. މިދިޔަ ސީޒަނުގައި ބާސެލޯނާއަށް ކުރިމަތިވި ބޮޑު ނާކާމިޔާބާ ގުޅިގެން އުފެދުނު މައްސަލަގަނޑުގެ ތެރޭގައި ކްލަބު ދޫކޮށްދާން މެސީ ރަސްމީކޮށް ބާސެލޯނާގައި އެދުނު ނަމަވެސް ފަހުން އޭނާ ވަނީ އެ ނިންމުން އަނބުރާ ގެނެސް ކުލަބުގައި މަޑުކުރަން ނިންމައިފަ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.