އަހަރެންގެ ނަން ބޭނުންކޮށްގެން ޔުނައިޓެޑް ހަލާކުކުރަން ނޫޅޭ: ފެނާންޑޭޒް

އަހަރެންގެ ނަން ބޭނުންކޮށްގެން ޔުނައިޓެޑް ހަލާކުކުރަން ނޫޅޭ: ފެނާންޑޭޒް

ޢަލީ ޝަހީމް

ކޯޗު އޮލެ ގުނަ ސޯލްޝެއާއާ އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި، އޭނާގެ ނަން ބޭނުންކޮށްގެން މެންޗެސްޓަރ ޔުނައިޓެޑް ހަލާކުކުރަން މަސައްކަތް ނުކުރުމަށް ޕޯޗުގަލް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް އެދިއްޖެ އެވެ.

ފެނާންޑޭޒް މިގޮތަށް ވާހަކަދެއްކީ ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ސްވިޑެން އަތުން ޕޯޗުގަލް މޮޅުވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑް އެންމެ ފަހުން އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 6-1 އިން ބަލިވި މެޗުގެ ހާފް ޓައިމްގައި ފެނާންޑޭޒް އާއި ކޯޗު ސޯލްޝެއާއާ ދެމެދު ދެބަސްވުމެއް ހިނގިކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެމެޗަށް ފަހު އާއްމުވި ހަބަރުތަކުގައި ބުނެފައިވަނީ ފުރަތަމަ ހާފުގައި 4-1 އިން ޔުނައިޓެޑް ބަލިވެފައި އޮތުމުން ފެނާންޑޭޒް ހިތްހަމަނުޖެހިގެން ސޯލްޝެއާއާ ވާހަކަދެއްކި ކަމަށެވެ. އަދި، އެ މެޗުގެ ހާފް ޓައިމްގައި ފެނާންޑޭޒް ބަދަލުކުރީ އެމައްސަލައާ ގުޅިގެން ކަމަށް މީޑިއާތަކުން ރިޕޯޓްކުރި އެވެ. ފެނާންޑޭޒް ވަނީ އެ ހުރިހާ ވާހަކައެއް ދޮގުކޮށް އެފަދަ އެއްވެސް ކަމެއް ނުހިނގާކަމުގެ ޔަގީންކަންދީފަ އެވެ.

“އެކަމާ ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަ އެބަ ދެކެވޭ. ފުރަތަމަ ވާހަކަދެކެވުނީ ޓީމުގެ ކުޅުންތެރިންނާ އެގޮތަށް ވާހަކަދެއްކިކަމަށް. ފަހުން ފެތުރުނީ ވިކްޓަ ލިންޑެލޯފްއާ އެގޮތަށް މުއާމަލާތު ކުރިކަމަށް ބުނެ. އޭގެފަހުން ސޯލްޝެއާގެ ވާހަކަ. އަހަރެން ގަބޫލުކުރަނީ އެއީ ޓީމު ނިކަމެތި ކޮށްލުމަށް ކުރެވޭ ކަމެއްގެ ގޮތުގައި. އެކަމާއި ގުޅޭގޮތުން ދެކެވުނު އެއްވެސް ވާހަކައެއްގައި ހަގީގަތެއް ނެތް” މީޑިއާގެ ވާހަކަތަކަށް ޖަވާބުދެމުން ފެނާންޑޭޒް ބުންޏެވެ.

ބޮޑު ބައްޔަށް ފަހު ޔުނައިޓެޑްގެ މުޅި ޓީމަށް މިހާރު އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. މި ސީޒަނުގެ ލީގުގައި ކުޅުނު ތިން މެޗުން ޔުނައިޓެޑަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ދެ މެޗުން ބަލިވެ ލީގު ތާވަލުގެ 16 ވަނައިގައި އެޓީމު އޮތްއިރު ކޯޗު ސޯލްޝެއާގެ މަގާމާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ.

“ސޯލްޝެއާއާ ދެމެދު ދެބަސްވުމެއް ހިނގިކަން އެއީ ހަގީގެއް ނެތް ވާހަކައެއް. އަހަރެން ހާފް ޓައިމްގައި ބަދަލުކުރީ ޓެކްނިކަލް ސަބަބަކާ ގުޅިގެން. ކޯޗު ބުނި މެޗު ގާތްގަނޑަކަށް ގެއްލިއްޖެ ކަމަށް އަދި ކުރިއަށް މުހިއްމު ގިނަ މެޗުތަކެއް އެބަހުރި ކަމަށް. އަހަރެން ނުތަނަވަސް ވިޔަސް ޓީމަށް ގެއްލުންވާ ގޮތަށް އެއްވެސް އެއްޗެއް ނުބުނަން” އެވާހަކައިގެ ތަފްސީލަށް ދަމުން ފެނާންޑޭޒް ބުންޏެވެ.

ފެނާންޑޭޒް ބުނީ އަމާޒަކީ ލީގުގައި ހޮނިހިރު ދުވަހު ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރުން ކަމަށާއި، އޭގެ ކުރިން އޭނާގެ އެދުމަކީ ސޯލްޝެއާއާ ގުޅުވައިގެން ދައްކާ ވާހަކަތައް ހުއްޓާލުން ކަމަށެވެ.

“ޔުނައިޓެޑަށް ގެއްލުންވާ ގޮތަށް އަހަރެންނާއި އަހަރެންގެ ގާތް މީހުން ނޫނީ ކޯޗުގެ ނަން ބޭނުންނުކުރޭ. ޓީމުގައި އޮތީ ރަނގަޅު މާހައުލެއް. އަދި އަހަރެމެން މި ތައްޔާރުވަނީ ކުރިއަށް އޮތް މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެން” ފެނާންޑޭޒް ބުންޏެވެ.

މިދިޔަ ޖެނުއަރީ މަހު ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ފެނާންޑޭޒް އަންނަނީ އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ ސީޒަނުގައި ލީގުގެ ތިން ވަނަ ހޯދައި ޔުނައިޓެޑަށް ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބުނުއިރު އެންމެ ބޮޑު ދައުރެއް އަދާކުރީ ފެނާންޑޭޒް އެވެ. މި ސީޒަނުގެ ލީގުގައި ޔުނައިޓެޑަށް ފެނާންޑޭޒް ވަނީ ދެ ލަނޑު ޖަހައިދީފަ އެވެ. އެ ދެ ލަނޑު ވެސް ފެނާންޑޭޒް ޖެހީ ލިބުނު ދެ ޕެނަލްޓީ އިންނެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.