ނޭމާ އަށް ރޮނާލްޑޯ ކުރި ހިތްގައިމު ތައުރީފު: ދަރިޔާ އުދުހިލާ

ނޭމާ އަށް ރޮނާލްޑޯ ކުރި ހިތްގައިމު ތައުރީފު: ދަރިޔާ އުދުހިލާ

ޢަބްދުﷲ އަޝްރަފް

ބްރެޒިލްގެ ކުރީގެ ފުޓްބޯޅަ ތަރި ރޮނާލްޑޯ ގައުމީ ޓީމަށް ޖަހައިދީފައިވާ ގޯލުގެ އަދަދަށްވުރެ އިތުރަށް މިހާރު ގައުމީ ޓީމަށް ކުޅެމުން އަންނަ ފޯވާޑް ނޭމާ ގޯލު ޖެހުމާ ގުޅިގެން އޭނާ އަށް ރޮނާލްޑޯ ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ. ޕެލޭ އަށްފަހު ބުރެޒިލްގެ ތާރީހް ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ރޮނާލްޑޯ ގައުމީ ޓީމަށް 62 ގޯލު ޖަހައިދީފައިވާއިރު މިދިޔަ އަންގާރަ ދުވަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުގައި ޕެރޫ ކޮޅަށް ހެދި ހެޓްރިކާ އެކު ނޭމާ ގައުމީ ޓީމަށް ޖަހައިދިން ގޯލުގެ އަދަދު ވަނީ 64 އަށް އަރައިފަ އެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިއަކީ ޕެލޭ އެވެ. 77 ގޯލާ އެކު ލިސްޓުގެ އެންމެ ކުރީގައި ޕެލޭ އުޅޭއިރު ދުވަނައިގައި އޮތް އުމުރުން 28 އަހަރުގެ ނޭމާއަށް ޕެލޭގެ ރެކޯޑު މުގުރާލެވުމަކީ ކުރެވޭނެ ކަމެއް ކަމުގައި ގިނަ ބަޔަކު މިހާރު ގަބޫލުކުރެ އެވެ.

1994 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާއި ހަމައަށް ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެ ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ، ނޭމާގެ ކާމިޔާބީ ފާހަގަކޮށް އޭނާ އަށް ތައުރީފުކޮށްފައިވަނީ ސޯޝަލް މީޑިއާގަ އެވެ.

“ނޭމާ އަށް އަހަރެންގެ ތަހުނިޔާ އިހުތިރާމާއެކު ފޮނުވަން. ނޭމާ ވަރަށް މޮޅަށް ކުޅޭ، ލަނޑު ޖަހާ، ލަނޑު ޖަހަން އެހީވޭ، މޮޅަށް ކޮށްޓާ، އޭނާގެ ލިމިޓަކީ އުޑު ދަރިޔާ އުދުހިލާ. ތިޔަ ލިޔަނީ ވަރަށް ރީތި ވާހަކައެއް. ތިޔައީ ތަސައްރަފު ފުދިފައިހުރި ފުރިހަމަ ކުޅުންތެރިއެއް. ހިތްވަރާއެކު ކުރިއަށްދޭ. ދަނޑު ބޭރުން އަންނަ ޕްރެޝަރާ ކުރިމަތިލުމަކީ ބޯޅައާ ކުޅުމަށްވުރެ އަދި މާ އުނދަގޫ ކަމެއް.” ބުދަ ދުވަހު އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓެއްގައި ރޮނާލްޑޯ ލިޔެފައިވެ އެވެ.

“ދެން އަހަރެންނަށް ބުނެދީބަލަ، އަހަރެމެން ފެށީ ކޮން ހިސާބަކުންކަން، އަދި އަހަރެމެންނަށް އާދެވިފައި މިތިބީ ކިހާ ހިސާބަކަށްކަން. މިވެނި ކަމަކީ ނުވާނެ ކަމެކޭ އަހަރެމެން ގާތު ބުނާނެ މީހަކު އެބަހުރިތަ؟ ތިބާގެ ކިބައިގައި ހުރި ގާބިލުކަމާ މެދު ޔަގީންކަން ބާއްވާ. ތިބާގެ ކިބައިގައި ހުރި ހުނަރަކީ ތިބާގެ އަމިއްލަ މިލްކެއް. އެއްވެސް މީހަކަށް އެ ހުނަރެއް ތިބާގެ އަތުން އަތެއް ނުލެވޭނެ. ނޭމާ އަށް މުގުރާލެވޭނެ ބައިވަރު ރެކޯޑް އެބަހުރި. އަދި ތާރީހުގައި ލިޔެވޭނެ އެތައް ކަމެއް އެބަހުރި. ބްރެޒިލްގެ ކުޅުންތެރިޔަކު އެންމެ މަތީ ފެންވަރުގައި ވާދަކުރާތަން ފެނުމަކީ ލިބޭ ފަހުރެއް.” ރޮނާލްޑޯ ލިޔެފައިވެ އެވެ.

ޕެރޫ ކޮޅަށް ނޭމާ ހެދި ހެޓްރިކަކީ ވާދަވެރ މެޗެއްގައި ގައުމީ ޖާޒީގައި އޭނާ ހެދި ފުރަތަމަ ހެޓްރިކެވެ. އެކަމަކު މީގެ ކުރިން އޭނާ ވަނީ ބްރެޒިލް ކުޅުނު އެކުވެރިކަމުގެ ތިން މެޗެއްގައި ހެޓްރިކް ހަދައިފަ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.