ހަތް ނަންބަރު ޖާޒީގައި ކުޅުނު އެންމެ މޮޅު 11

Advertisement

ހަތް ނަންބަރު ޖާޒީގައި ކުޅުނު އެންމެ މޮޅު 11

އައްބާސް
ހަތް ނަންބަރުގައި އެންމެ މަޝްހޫރުކަން ހޯދި ބެކަމް ޔުނައިޓެޑްގެ ޖާޒީގައި

ފުޓްބޯޅައިގައި ކުޅުންތެރިން ބޭނުންކުރާ ޖާޒީ ނަމްބަރަކީ މިހާރުގެ ފުޓްބޯޅައިގައި ވަރަށް މުހިއްމު ބައެކެވެ. ފުޓްބޯޅައިގައި ޖާޒީ ނަމްބަރު އެންމެ ފުރަތަމަ ތައާރަފް ކުރެވުނީ 1912 ގައި އޮސްޓްރޭލިއާގަ އެވެ. އޭގެފަހުން އެކިދުވަސްވަރު އެކި ގައުމުތަކުގައި ނަމްބަރު ބޭނުންކުރަންފެށި އެ ބޭނުންކުރާ ގޮތަށް ބަދަލު އަންނަމުންދިޔަ އެވެ. އެންމެ ފުރަތަމަ ނަމްބަރުތައް ބޭނުންކުރަން ފެށުނީ ކުޅުންތެރިންގެ މަގާމުތައް އަންގައިދިނުމަށެވެ. ޓީމުގެ އެންމެ ފަހަތުން ފަށައިގެން އެންމެ ކުރިއަށެވެ. މިހާރުވެސް ގިނަޓީމުތަކުގެ ފުރަތަމަ ގޯލްކީޕަރު ނަމްބަރު އެކެއް ބޭނުންކުރަނީ އެހެންވެ އެވެ. އަދި ޓީމުގެ ފަހަތުގައި ކުޅޭ ގިނަކުޅުންތެރިންގެ ނަމްބަރުތައް މިހާރުވެސް ހުންނަނީ ދޭކާއި ފަހަކާއި ދެމެދުގައެވެ. ފުރަތަމަ ބޭނުންކުރަންފެށީ 1 އިން 11 އަށެވެ. އަދި ބަދަލު ކުޅުންތެރިން ބޭނުންކުރަންފެށުމާ އެކު 12 އިން ފެށިގެން ނަމްބަރު ބޭނުންކުރަން ފެށުނެވެ.

ބައެއް ގައުމުތަކުގައި އެއްދުވަސްވަރެއްގައި ކުޅުންތެރިންގެ ނަންތައް އޭބީސީޑި ތަރުތީބުން އަތުރައިގެން ނަމްބަރު ދީ އުޅުނެވެ. އެހެންކަމުން އެލިސްޓުގެ އެންމެ ކުރީގައި އޮންނަ ކުޅުންތެރިޔާއަކީ ކޮންމެ މަގާމަކަށް ކުޅޭ ކުޅުންތެރިޔަކަށްވިޔަސް ބޭނުންކުރާނީ 1 ނަމްބަރު ޖާޒީ އެވެ. މިކަން އެންމެ ފުރަތަމަ ތައާރަފްކުރީ އާޖެންޓީނާގަ އެވެ. 1982ގެ ވޯލްޑް ކަޕް ގައިވެސް އެމީހުން ބޭނުންކުރީ އެއުސޫލެވެ. އެކަމަކު އެފަހަރު ޑިއޭގޯ މެރެޑޯނާ އަށް 10 ނަމްބަރު ޖާޒީ ދިނީ އެއުސޫލަކުން ނޫނެވެ.

ކުޅޭ މަގާމުތަކަށް ނަމްބަރުތައް ހާއްސަކޮށް މިކަން ފެށުނު ނަމަވެސް މިހާރު އެކަން އޮތީ އެހެނެއްނޫނެވެ. އެހެންނަމަވެސް މިހާރުވެސް ބައެއް ނަމްބަރުތަކަކީ ކުޅުންތެރިން ކުޅޭ މަގާމާއި ކުޅުންތެރިންގެ ފެންވަރާއި ގުޅިފައިވާ ނަމްބަރުތަކެވެ. މިސާލަކަށް ގިނަފަހަރަށް ނަމްބަރު 10 އަކީ ޓީމުގެ ޕްލޭމޭކަރަށް ހާއްސަ ނަމްބަރެކެވެ. ފުޓްބޯޅައިގެ ދުނިޔޭގައި ކުރިން ކުޅުނު އަދި މިހާރުވެސް ކުޅޭ އެންމެ މަޝްހޫރު ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންގެ ނަމްބަރަކީ 10 އެކެވެ. 9 ނަމްބަރާއި  7 ނަމްބަރަކީ ވެސް ފާހަގަކޮށްލެވޭ ހާއްސަ މަގާމުތަކެއްގެ ހައިބަތު ބޮޑު ނަމްބަރުތަކެވެ. ކޮންމެކަސް މިހާރު ޖާޒީ ނަމްބަރަކީ 1 އިން 11 އަށް ނުވަތަ 18 އަށް ކަނޑައެޅިފައިވާ ނަމްބަރުތަކެއް ނޫނެވެ. މިހާރު ސީނިއާ ލެވެލްގައި އެކެއް ނުވަތަ ދެ އަދަދުގެ ކޮންމެ ނަމްބަރެއް ވެސް ބޭނުންކުރެވިދާނެ އެވެ. މިހާރުވެސް ބޮޑެތި އަދަދުތައް ބޭނުންކުރާ ކުޅުންތެރިންގެ ތެރޭގައި ލިވަޕޫލްގެ ޑިފެންޑަރ ޓްރެންޓް އަލެގްޒަންޑަރ އާނޯލްޑް (66)، އޭސީ މިލާންގެ ކީޕަރު ޖިއާންލުއިޖީ ޑޮންނަރުއްމާ (99) އަދި އިންޓަ މިލާންގެ މާސެލޯ ބްރޮޒޮވިޗް (77) ފާހަގަކޮށްލެވެ އެވެ.

ބައެއް ކުޅުންތެރިންނަކީ ވަކި ނަމްބަރެއްގެ ޖާޒީގައި ނޫނީ ކުޅެން ބޭނުންނުވާ ކުޅުންތެރިންނެވެ. ޓީމު ބަދަލުކުރުމާ އެކު ކުރީ ޓީމުގައި ބޭނުންކުރި ނަމްބަރު އެހެން ކުޅުންތެރިއެއްގެ އަތުގައި އޮތަސް ބޭނުންވެ އެވެ. އެކަން ގިނަފަހަރަށް ކާމިޔާބުވުން ބިނާވެފައިވަނީ އޮންނަނީ އެކުޅުންތެރިޔާގެ މަޝްހޫރުކަމާއި ހުނަރާއި އަދި މިހާރު އެނަމްބަރު ބޭނުންކުރާ ކުޅުންތެރިޔާގެ މަޝްހޫރުކަމުގެ މައްޗަށެވެ. ޗިލީގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އިވާން ޒަމޮރާނޯ އިންޓަ މިލާނަށް ކުޅުނުއިރު އެޓީމާއި ބްރެޒިލްގެ ރޮނާލްޑޯ ގުޅުމާ އެކު ޒަމޮރާނޯގެ ނަމްބަރު 9 ރޮނާލްޑޯ އަށް ދޭންޖެހުނެވެ. އެހެންކަމުން ޒަމޮރާނޯ ދެން ބޭނުންކުރީ ނަމްބަރު 18 އެވެ. އެކަކާއި އަށަކާމެދު އެއްކުރާ ފާހަގައެއް ޖަހައިގެން އެއީ ނުވައެއް ކަމުގައި ބަލައިގެންނެވެ.

އެކި ނަމްބަރުތަކުގައި ކުޅުނު އަދި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިންނަކީ ކޮބައިތޯ މިއީވެސް ކުރެވެމުންދާ ބަހުސެކެވެ. އެކި މީހުން އެމީހުންނަށް އެންމެ ކަމުދާ ލިސްޓު މިގޮތުން ހުށައަޅާ އުޅެ އެވެ. މިލިޔުމުގައި ދެން މިބަލާލަނީ 7 ނަމްބަރަށް ކުޅުނު އަދި ކުޅޭ ކުޅުންތެރިންގެ އެންމެ ގަދަކަމަށް ކުޅިވަރުގެ އެނަލިސްޓް ގުރޫޕަކުން ހޮވާފައިވާ 11 ކުޅުންތެރިންނާއި ބެހޭ މައުލޫމާތު ކޮޅެކެވެ. މިނަމްބަރަކީ އެންމެ ކުރިންސުރެވެސް އޮތްގޮތަށް މިހާރުވެސް ޓީމުގެ އަރިމަތިން ކުރިއަށް ކުޅޭ ކުޅުންތެރިއަކަށް ހާއްސަވެފައި އޮންނަ ނަމްބަރެކެވެ.

11- ބަސްޓިއަން ޝްވައިންސްޓައިގާ (ޖަރުމަން) – ޝްވައިންސްޓައިގާ އޭނާގެ ކްލަބު ފުޓްބޯޅައިގައި 7 ނަމްބަރު ޖާޒީ ބޭނުންކޮށްފައެއްނުވެ އެވެ. އޭނާ ގިނަ ދުވަސްތަކެއް ވަންދެންކުޅުނު ޓީމުކަމަށްވާ ބަޔާން މިއުނިކްގައި ބޭނުންކުރީ 31 ނަމްބަރު ޖާޒީއެވެ. އެހެންނަމަވެސް ޖަރުމަނުގެ ގައުމީޓީމުގައި ޝްވައިންސްޓައިގާ ހޭދަކުރި 12 އަހަރު އޭނާގެ ނަމްބަރަކީ 7 އެކެވެ. އެނަމްބަރާ އެކު ޝްވައިންސްޓައިގާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

ޝްވައިންސްޓައިގާ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ތައްޓާ އެކު. ހަތް ނަންބަރުގައި މަޝްހޫރުކަން ހޯދީ ޖަރުމަނު ޓީމުގައި

10- ރައުލް ގޮންޒާލެސް (ސްޕެއިން) – ރައުލް އަށް ސްޕެއިންގެ ރެއާލް މެޑްރިޑްގެ 7 ނަމްބަރު ޖާޒީ ލިބުނީ 1995 ގައި އުމުރުން އެންމެ 17 އަހަރުގަ އެވެ. އޭގެފަހުން 16 ސީޒަނުގައި މެޑްރިޑަށް 323 ގޯލް ޖަހާދީފައިވެ އެވެ. ރައުލް ރެއާލް މެޑްރިޑާ އެކު ލީގު 6 ފަހަރު އަދި ޔޫއެފާ ޗެމްޕިއަން ސްލީގު 3 ފަހަރު ހޯދި އެވެ. ރައުލް ރިޓަޔާ ކުރީ މެޑްރިޑަށް ފަހު ޖަރުމަނުގެ ޝާލްކޭ، ގަތަރުގެ އަލް ސާދު އަދި އެމެރިކާގެ ނިއުޔޯކް ކޮސްމޮސް އަށް ކުޅުމަށް ފަހު އެވެ. މިހުރިހާ ޓީމެއްގައި ވެސް ރައުލްގެ ނަމްބަރަކީ 7 އެކެވެ. ރައުލް ވަނީ ސްޕެއިންގެ ގައުމީ ޓީމުގައި ވެސް 7 ނަމްބަރު ޖާޒީގައި ގިނަ އަހަރުތަކެއްގައި ކުޅެފަ އެވެ.

9- ފްރޭންކް ރިބެރީ (ފްރާންސް) – ރިބެރީ އަށް ޖަރުމަނުގެ ބަޔާން މިއުނިކްގައި 7 ނަމްބަރު ޖާޒީ ލިބުނީ މެހްމެޓް ޝޯލް ރިޓަޔާކުރުމުންނެވެ. އަދި އެޓީމުގެ ޖާޒީގައި ކުޅުނު ދެވަނަ މެޗްގައި ގޯލް ޖަހައި ސަޕޯޓަރުންގެ އިތުބާރު އޭނާ ހޯދި އެވެ. އޭގެ އެއް އަހަރު ފަހުން ނެދަލެންޑްސްގެ އާޔެން ރޮބެން ބަޔާންއާ ގުޅުމާ އެކު ރޮބަރީގެ ނަމުން މަޝްހޫރުވެގެންދިޔަ މިދެކުޅުންތެރިންގެ ކޮމްބިނޭޝަން ވެގެން ދިޔައީ ބަޔާން އަށް އޭގެފަހުން ލިބުނު ކާމިޔާބުތަކުގެ މުހިއްމު ބަޔަކަށެވެ. ރިބެރީ ބަޔާންއާ އެކު ހޭދަކުރި 12 ސީޒަނުގައި 425 މެޗުގައި 124 ގޯލް ޖަހައި 23 ތަށި އުފުލާލި އެވެ. ރިބެރީ ބަޔާންއާ ގުޅުމުގެ ކުރިން އަމިއްލަ ގައުމުގެ އޮލިމްޕިކް މާސޭއަށް ވެސް ކުޅުނީ 7 ނަމްބަރު ޖާޒީގަ އެވެ. އަދި މިހާރު ކުޅޭ އިޓަލީގެ ފިއޮރެންޓީނާގަ ވެސް ބޭނުންކުރަނީ ހަމަ އެނަމްބަރެވެ. އަދި ފްރާންސް ގެ ގައުމީ ޓީމުގައި ވެސް 2008 ވަނަ އަހަރު 7 ނަމްބަރުގައި ކުޅެން ފެށިގޮތަށް 2014 ގައި ގައުމީ ޓީމުން ރިޓަޔާ ކުރިއިރު ވެސް 7 ނަމްބަރަކީ ރިބެރީ އެވެ.

ރިބެރީ ފްރާންސްގެ ހަތް ނަންބަރު ޖާޒީގައި. ބަޔާން އަދި މާސޭގައި ވެސް ރިބެރީ ވަނީ ހަތް ނަންބަރު ޖާޒީ ލާފައި

8- އަންދްރޭ ޝެވްޗެންކޯ (ޔޫކްރޭން) – އަންދްރޭ ޝެވްޗެންކޯ 7 ނަމްބަރުގައި ވިދާލީ އިޓަލީގެ އޭސީ މިލާންގަ އެވެ. ޝެވްޗެންކޯ 1999 ގައި 7 ނަމްބަރު ޖާޒީ ލީގޮތަށް އެ ޖާޒީ ބޭލީ 2012 ގައި ފުޓްބޯޅައިން ރިޓަޔާ ކުރުމާއެކުގަ އެވެ. އޭސީ މިލާނަށް ފަހު އިނގިރޭސިވިލާތުގެ ޗެލްސީއަށާއި އުފަންގައުމުގެ ޑީނަމޯ ކިއޭވަށް ދެވަނަފަހަރު ކުޅުނީ ވެސް 7 ނަމްބަރުގަ އެވެ. އޭސީ މިލާނަށް 296 މެޗްގައި 172 ގޯލް ޖަހައިދިނެވެ. އަދި ލީގުތަށި 1 ފަހަރު ކޮޕަ އިޓަލިއާ 1 ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ހޯދި އެވެ. އަދި ޗެލްސީއާ އެކު އިނގިރޭސި ލީގު ކަޕް ކާމިޔާބުކުރި އެވެ. 2004 ގައި ބެލެންޑިއޯ ހާސިލްކުރި ޝެވްޗެންކޯ ޔޫކްރޭންގެ ގައުމީޓީމާ އެކު ފުރަތަމަ ތިން އަހަރު 10 ނަމްބަރު ޖާޒީ ބޭނުންކުރިޔަސް ދެން އައި 8 އަހަރު ބޭނުންކުރީ 7 ނަމްބަރު ޖާޒީ އެވެ.

7- ކެވިން ކީގަން (އިނގިރޭސި ވިލާތް) – ކެވިން ކީގަން އަކީ ލިވަޕޫލްގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ އެވެ. ކީގަން ލިވަޕޫލްގައި ހޭދަކުރި 6 ސީޒަނުން އެއް ސީޒަން ފިޔަވައި ބޭނުންކުރީ 7 ނަމްބަރު ޖާޒީ އެވެ. ކީގަން ލިވަޕޫލާއެކު 3 ފަހަރު އިނގިރޭސި ލީގު، އެއް ފަހަރު އިނގިރޭސި އެފްއޭ ކަޕް، އެއްފަހަރު ޔޫރަޕިއަން ކަޕް އަދި ދެ ފަހަރު ޔޫއެފާ ކަޕް ހޯދިއެވެ. ކީގަން ލިވަޕޫލްގެ އިތުރުން ޖަރުމަނުގެ ހެމްބާގް އަށާއި އިނގިރޭސި ޓީމުތައް ކަމުގައިވާ ސައުތެމްޕްޓަން އަށާއި ނިއުކާސަލްއަށް ވެސް ކުޅުނެވެ. ކީގަން ވަނީ ބެލެންޑިއޯ އެވޯޑް 1978 އަދި 1979 ގައި ހޯދާފަ އެވެ.

ލިވަޕޫލްގެ ލެޖެންޑް ކީގަން ހަތް ނަންބަރު ޖާޒީގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ހަތް ނަންބަރު ޖާޒީގައި ފަސް ސީޒަނުގައި ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި

6- ޑޭވިޑް ބެކަމް (އިނގިރޭސިވިލާތް) – ޑޭވިޑް ބެކަމް އަކީ ފުޓްބޯޅައިގެ ދުނިޔެދުށް އެންމެ މަޝްހޫރު އެއް 7 ނަމްބަރެވެ. ބެކަމް އަށް މެންޗެސްޓަރ ޔުނައިޓެޑްގެ 7 ނަމްބަރު ޖާޒީ ލިބުނީ ކުރިން އެނަމްބަރު ބޭނުންކުރި އެރިކް ކެންޓޮނާ ޔުނައިޓެޑް ދޫކޮށްލުމުންނެވެ. 7 ނަމްބަރާއެކު ބެކަމް އަށް އާދަޔާހިލާފު މަޝްހޫރުކަމެއް ލިބުނުއިރު އޭނާގެ ދިގު 22 އަހަރުގެ ކްލަބު ކެރިއަރުގައި 7 ނަމްބަރު ޖާޒީ ބޭނުންކުރީ އެންމެ 7 ސީޒަނުގަ އެވެ. އޭގެފަހުން ރެއަލްމެޑްރިޑާއި އެލްއޭ ގެލަކްސީގައި 23 ނަމްބަރު ބޭނުންކުރިއިރު އޭސީ މިލާން އާއި ޕީއެސްޖީގައި ބޭނުންކުރީ 32 ނަމްބަރެވެ. ބެކަމް ވަނީ މެންޗެސްޓަރ ޔުނައިޓެޑާއި އެކު ލީގު 6 ފަހަރު، އެފްއޭ ކަޕް 2 ފަހަރު އަދި ޗެމްޕިއަންސް ލީގު 1 ފަހަރު ހޯދާފަ އެވެ. ބެކަމް 7 ނަމްބަރުގެ ގޮތުގައި މަޝްހޫރުވި އަނެއް ސަބަބަކީ އިނގިރޭސި ގައުމީ ޓީމުގައި ވެސް ގިނަދުވަސްތަކެއް ވަންދެން 7 ނަމްބަރަށް ބެކަމް ކުޅެފައިވުމެވެ. 12 އަހަރު ގައުމީ ޓީމަށް ބެކަމް ކުޅުނުއިރު އޭނާގެ ފުރަތަމަ މެޗާއި އެންމެ ފަހުމެޗް ވެސް ކުޅުނީ 7 ނަމްބަރު ޖާޒީގަ އެވެ. އެހެންނަމަވެސް ދޭތެރެއަކުން 15 ނަމްބަރާއި 17 ނަމްބަރު ބެކަމް ގައުމީޓީމުގައި  ބޭނުންކޮށްފައިވެ އެވެ. އެއީ ބޮޑަށް ރަހްމަތްތެރިކަމުގެ މެޗުތަކުގަ އެވެ.

5- އެރިކް ކެންޓޮނާ (ފްރާންސް) – 1992ގައި ޕްރިމިއާ ލީގު ފެށުމުގެ ކުރިން އެންމެފަހުން ކުޅެވުނު އިނގިރޭސި ލީގުގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ލީޑްސް ޔުނައިޓެޑަށް ހޯދައިދިނުމުގައި ފްރާންސްގެ ތަރި އެރިކް ކެންޓޮނާގެ ރޯލް ވަރަށް މުހިއްމެވެ. އަދި ޖެހިގެން އައި ސީޒަނުގައި ޕްރިމިއާ ލީގުގެ އަލަތު ތަށި މެންޗެސްޓަރ ޔުނައިޓެޑަށް ހޯދައިދިނުމުގައިވެސް ކެންޓޮނާ މުހިއްމުރޯލެއް އަދާކުރި އެވެ. އޭރު މެންޗެސްޓަރ ޔުނައިޓެޑަށް ލީގު ނުލިބޭތާ 18 އަހަރުވީ އެވެ. މިދެފަހަރު ވެސް ކެންޓޮނާގެ ނަމްބަރަކީ 7 އެކެވެ. އޭގެފަހުން ކުޑަދުވަސްކޮޅަކު 9 ނަމްބަރު ޖާޒީގައި ކުޅުނުނަމަވެސް ކެންޓޮނާ ޔުނައިޓެޑްގައި ހޭދަކުރި 4 ސީޒަނާއި ބައިގައި ބޭނުންކުރީ 7 ނަމްބަރެވެ. އެމުއްދަތުގައި ކެންޓޮނާ ވަނީ މެންޗެސްޓަރ ޔުނައިޓެޑާއެކު ލީގު 4 ފަހަރު އަދި އެފްއޭކަޕް 2 ފަހަރު ހޯދާފަ އެވެ. ކެންޓޮނާ އަކީ މެންޗެސްޓަރ ޔުނައިޓެޑް ދުށް އެންމެ އާދަޔާހިލާފު އެއް ކުޅުންތެރިޔާއެވެ. ދަނޑުގަޔާއި ދަނޑުން ބޭރުގައިވެސް ކެންޓޮނާއަކީ އެހެންމީހުން ޖެހިލުންވާފަދަ ވަރުގަދަ ޝަހްސިއްޔަތެކެވެ.

ޔުނައިޓެޑްގެ ހަތް ނަންބަރު ޖާޒީގައި ވިދާލީ ކެންޓޮނާ. ފުޓްބޯޅަ ދަނޑުގައި ނުފޫޒު ގަދަ ވަރުގަދަ ނަމެއް

4- ލުއިސް ފީގޯ (ޕޯޗުގަލް) – ލުއިސް ފީގޯ އެންމެ ފުރަތަމަ 7 ނަމްބަރު ބޭނުންކުރީ އަމިއްލަ ގައުމުގެ ސްޕޯޓިން ލިޒްބަން އަށް ކުޅުނުއިރު އެވެ. އެއަށްފަހު ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވުމަށްފަހު ވެސް ބޭނުންކުރީ 7 ނަމްބަރެވެ. ފީގޯ ބާސެލޯނާއާ އެކު ލީގު 2 ފަހަރު އަދި ކޮޕަޑެލްރޭ 2 ފަހަރު ހޯދި އެވެ. އަދި ފަސް އަހަރަށް ފަހު ފުޓްބޯޅައިގެ ދުނިޔޭގައި މިހާތަނަށް އެޓްރާންސްފާއެއްގެ ވާހަކަ އެންމެ ގަދައަށް ދެކެވުނު ޓްރާންސްފަރގައި ބާސެލޯނާ ދޫކޮށް ވާދަވެރި ރެއާލް މެޑްރިޑަށް ބަދަލުވި އެވެ. މިދެޓީމުގެ ވާދަވެރިކަން އިންތިހާއަށް ބޮޑުއިރު ދުނިޔޭގެ އެންމެ މަތީފެންވަރުގެ ކުޅުންތެރިއަކު އެތަނުން އެއްޓީމު ދޫކޮށް އަނެއްޓީމަށް ދިއުމަކީ އާދައިގެ ކަމެއްނޫނެވެ. ރެއާލް މެޑްރިޑްފައި 7 ނަމްބަރަކީ ރައުލްގެ ނަމްބަރެވެ. އެހެންކަމުން ފީގޯ ބޭނުންކުރީ 10 ނަމްބަރު ޖާޒީ އެވެ. ފަސް އަހަރަށް ފަހު ފީގޯ 7 ނަމްބަރު ޖާޒީގައި ދެން ފެނުނީ އިޓަލީގެ އިންޓަ މިލާނުންނެވެ. އެ ޓީމުގައި ހޭދަކުރި 4 ސީޒަނުގައި 4 ފަހަރު ލީގު ހޯދާ ކޮޕަ އިޓާލިއާ އެއްފަހަރު ހޯދި އެވެ. ފީގޯ އަކީ ޕޯޗުގަލް ގެ ގައުމީ ޓީމުގެވެސް މައި ތަނބެވެ. ސީނިއާ ޓީމާ އެކު ހޭދަކުރި 10 އަހަރުގެތެރޭގައި އެންމެ އަހަރެއް ފިޔަވާ ފީގޯގެ ނަމްބަރަކީ 7 އެކެވެ. ފީގޯ ވަނީ 2000 ވަނަ އަހަރުގެ ބެލެންޑިއޯ އާއި 2001 ވަނަ އަހަރުގެ ފީފާ ވޯލްޑް ޕްލޭޔަރ އޮފްދަ އިޔަރ ހޯދާފަ އެވެ.

3- ޖޯޖް ބެސްޓް (އަޔަލެންޑް) – ޖޯޖް ބެސްޓަކީ ގިނަބަޔަކު ދުށްގޮތުގައި އިނގިރޭސި ލީގު މިހާތަނަށް ދެކެފައިވާ އެންމެ މޮޅުކުޅުންތެރިޔާ އެވެ. ބެސްޓް ވަނީ ކްލަބް ފުޓްބޯޅައިގައި ވަރަށް ގިނަ ޓީމުތަކަށް ކުޅެފަ އެވެ. އެހެންނަމަވެސް ބެސްޓް އެންމެ ގިނަދުވަހު ކުޅެ ކާމިޔާބުތައް ހޯދާފައިވަނީ މެންޗެސްޓަރ ޔުނައިޓެޑްގަ އެވެ. އެޓީމުގައި ބެސްޓް ވަކި ހާއްސަ ނަމްބަރެއް ގިނަދުވަސްތަކެއް ވަންދެން ބޭނުންކޮށްފައެއްނުވެ އެވެ. ބެސްޓް ޔުނައިޓެޑްގައި ބޭނުންކޮށްފައިވާ ނަމްބަރުތަކުގެ ތެރޭގައި 7، 8، 9، 10 އަދި 11 ހިމެނެ އެވެ. ޖެހިޖެހިގެން ދެސީޒަނެއްގައި އެއްނަމްބަރު ބޭނުންކޮށްފައެއްނުވެ އެވެ. އަދި އެއް ސީޒަނެއްގައިވެސް ތަފާތު 4 ނަމްބަރެއް ބޭނުންކޮށްފައިވެ އެވެ. ބެސްޓް 7 ނަމްބަރު ޖާޒީ ތަފާތު 8 ސީޒަނެއްގައި ބޭނުންކުރި އެވެ. ބެސްޓް ވަނީ ޔުނައިޓެޑާ އެކު ލީގު 2 ފަހަރު އެފްއޭ ކަޕް 1 ފަހަރު އަދި ޔޫރަޕިއަންސް ޗެމްޕިއަންސް ކްލަބް ކަޕް (ޗެމްޕިއަންސް ލީގު) އެއް ފަހަރު ހޯދާފަ އެވެ. ބެސްޓް ވަނީ 1968 ގައި ބެލެންޑިއޯ ކާމިޔާބުކޮށްފަ އެވެ.

ޖޯޖް ބެސްޓް ޔުނައިޓެޑަށް ކުޅުނު ދުވަސްވަރު. ހަތް ނަންބަރު ޖާޒީ ތަފާތު އަށް ސީޒަނެއްގައި ބޭނުންކުރި

2- ގަރިންޗާ (ބްރެޒިލް) – މެނުއެލް ފުރެންސިސްކޯ ޑޮސް ސަންތޯސް ނުވަތަ މަޝްހޫރު ނަމުންނަމަ ގަރިންޗާއަކީ ބޯޅަ ކޮށްޓުމުގައި އެފަދަ ދެވަނައެއް ނެތްފަދަ ކުޅުންތެރިއެކެވެ. ގަރިންޗާ ބޮޑަށް މަޝްހޫރުވެފައިވަނީ ކްލަބް ފުޓްބޯޅައަށްވުރެ ބޮޑަށް ބްރެޒިލްގެ ގައުމީ ޓީމުގައި ދެއްކި ޖާދޫގެ ސަބަބުންނެވެ. ގަރިންޗާ ކްލަބު ފުޓްބޯޅަ އެންމެ ގިނަދުވަސްތަކެއް ވަންދެން ކުޅުނީ ބްރެޒިލްގެ ބޮޓޮފޯގޯގަ އެވެ. ގަރިންޗާ ވަނީ ޕެލޭ ނެތި 1962 ގައި ވޯލްޑް ކަޕް ތަށި ދިފާއުކުރުމުގައި ލީޑްރޯލް އަދާކޮށްފަ އެވެ. އެމުބާރާތުގެ ގޯލްޑަން ބޫޓް އިތުރު 5 ކުޅުންތެރިންނާ އެކު ގަރިންޗާ ހިއްސާ ކުރިއިރު މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަގާމު އޭނާ ހޯދި އެވެ. ގަރިންޗާ ވަނީ 1958 ގެ ވޯލްޑް ކަޕް ބްރެޒިލް އަށް ކާމިޔާބުކޮށްދިން ޓީމުގައި ވެސް މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.

ބްރެޒިލާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި ގަރިންޗާ. އެ ގައުމުގެ ރީނދޫ ޖާޒީގައި ހަތް ނަންބަރު ޖާޒީ ލައިގެން ތަފާތު މޮޅު ކުޅުމެއް ދެއްކި

1- ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް) – ކްރިސްޓިއާނޯ ރޮނާލްޑޯ 7 ނަމްބަރު ޖާޒީގެ ފުރަތަމަ ފެނުނީ 04-2003 ގެ ސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑުންނެވެ. އޭގެ ފަހުން އެއް ސީޒަން ފިޔަވައި ރޮނާލްޑޯ ފެންނަނީ އަބަދުވެސް 7 ނަމްބަރު ޖާޒީގަ އެވެ. ރޮނާލްޑޯ އެހެން ނަމްބަރެއްގައި ފެނުނީ އަމިއްލަ ގައުމުގެ ސްޕޯޓިން ލިޒްބަން އަން ކުޅުނު ސީޒަނާއި ރެއާލް މެޑްރިޑަށް ފުރަތަމަ ބަދަލުވި ސީޒަނުގަ އެވެ.

ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ރޮނާލްޑޯ ހަތް ނަންބަރު ޖާޒީގައި ޕޯޗުގަލާ އެކު ހޯދި ޔޫރޯ ތަށި ހިފައިގެން

ރޮނާލްޑޯ މިހާރު ކުޅޭ ކްލަބު އިޓަލީގެ ޔުވެންޓަސްގައި ވެސް ރޮނާލްޑޯ ބޭނުންކުރަނީ 7 ނަމްބަރެވެ. 7 ނަމްބަރު ޖާޒީގައި ކުޅޭ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރިއަށް ރޮނާލްޑޯ އައުމާމެދު ދެބަސްވާނެ މީހަކު ހުންނާނެހެން ވަރަށް ހީނުވެ އެވެ. އޭގެ މައިގަނޑު ސަބަބަކީ އޭނާގެ ކާމިޔާބު ދިގު ކެރިއަރުގައި ހަދާފައިވާ ރެކޯޑްތަކާއި ހޯދާފައިވާ ތަށިތަކެވެ. ފުޓްބޯޅައިގެ ކެރިއަރުގައި 15 އަހަރަށްވުރެ ގިނަދުވަހު އެންމެ މަތީ ފެންވަރުގައި އެއްވަރެއްގައި ހިފަހައްޓާލައިގެން ހުރުމަކީ މީގެކުރިން ފެނިފައިވާ މަންޒަރެއް ނޫނެވެ. އެފަދަ ދެވަނަ ކުޅުންތެރިއެއްގެ ގޮތުގައި ފެންނަން ހުރީ އާޖެންޓީނާގެ ލިއޮނެލް މެސީ އެކަންޏެވެ. ރޮނާލްޑޯ ވަނީ މެންޗެސްޓަރ ޔުނައިޓެޑް، ރެއާލް މެޑްރިޑް އަދި ޔުވެންޓަސް އާއެކުވެސް ކާމިޔާބުތައް ހޯދާފަ އެވެ. މީގެތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ ޗެމްޕިއަންސްލީގު 5 ފަހަރު ކާމިޔާބުކޮށްފައިވުމެވެ. ރޮނާލްޑޯ ވަނީ ބެލެންޑިއޯ ވެސް 5 ފަހަރު ހޯދާފަ އެވެ. އޭގެއިތުރުން ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ގައުމީޓީމުގެ ވެސް އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ. އެޓީމުގައި 7 ނަމްބަރު ޖާޒީގައި ރޮނާލްޑޯ ކުޅޭ މިއީ 14 ވަނަ އަހަރެވެ. ރޮނާލްޑޯ ވަނީ ގައުމީޓީމަށް 101 ލަނޑު ޖަހައިދީ 2016 ގެ ޔޫރޯ އާއި އެންމެ ފުރަތަމަ ކުޅެވުނު ޔޫއެފާ ނޭޝަންސް ލީގު 2019 ގައި ޕޯޗުގަލް އަށް ކާމިޔާބުކޮށްދީފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *