ރޮނާލްޑޯ އަށް ކޮވިޑް ޖެހިއްޖެ

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކޮވިޑް-19 ޖެހިއްޖެ އެވެ. ޕޯޗުގަލް އާއި ޔުވެންޓަސްގެ ތަރި ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްވީ މިއަދު އެވެ.
ރޮނާލްޑޯ އަށް ކޮވިޑް ޖެހުނުއިރު އޭނާ ހުރީ ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމާ އެކު އެވެ. ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްކަން ހާމަކުރީ ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުންނެވެ. 35 އަހަރުގެ ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްވުމުން މިހާރު ވަނީ ސެލްފް އައިސޮލޭޝަނަށް ފޮނުވާލައިފަ އެވެ.
ކޮވިޑަށް ޕޮޒިޓިވްވުމުން ޕޯޗުގަލް އާއި ޔުވެންޓަސްގެ މުހިއްމު މެޗުތަކެއް ރޮނާލްޑޯ އަށް ގެއްލޭނެ އެވެ. ޕޯޗުގަލް ގައުމީ ޓީމު މާދަމާ ޔޫއެފާ ނޭޝަންސް ލީގުގައި ނުކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ. ސްވިޑެން މެޗުގެ ކުރިން ހެދި ޓެސްޓުތަކުގެ ނަތީޖާތަކުގައި ރޮނާލްޑޯ ނޫން ޕޯޗުގަލްގެ އިތުރު ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވް ވެފައެއްނުވެ އެވެ.
ރޮނާލްޑޯ އަށް ކޮވިޑް ޖެހުނުއިރު ޕޯޗުގަލުން މިދިޔަ އާދީއްތަ ދުވަހު ނޭޝަންސް ލީގުގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ ކުޅެފަ އެވެ. އަދި މެޗަށް ފަހު ފްރާންސާއި ޕޯޗުގަލްގެ ކުޅުންތެރިންނާ ރޮނާލްޑޯ ގާތުން ކޮންޓެކްޓް ވެފައިވެ އެވެ. ހާއްސަކޮށް ޕީއެސްޖީ އާއި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއާ އާއި ރޮނާލްޑޯގެ ގިނަ ފޮޓޯތަކެއް އެ މެޗަށް ފަހު ދައުރުވި އެވެ.
ކޮވިޑާ ގުޅިގެން އިޓަލީގައި ހަދާފައިވާ އާ ގަވާއިދުގެ ދަށުން ރޮނާލްޑޯ އެންމެ މަދުވެގެން 10 ދުވަހު ސެލްފް އައިސޮލޭޝަނުގައި ހުންނަން ޖެހޭނެ އެވެ. ރޮނާލްޑޯގެ 10 ދުވަހުގެ އައިސޮލޭޝަނުގެ މުއްދަތު ހަމަވާނީ މި މަހުގެ 23 ވަނަ ދުވަހު އެވެ. އޭގެ ކުރިން ޔުވެންޓަސް ކުޅޭ މުހިއްމު ދެ މެޗު ރޮނާލްޑޯ އަށް ގެއްލޭނެ އެވެ. އެއީ އަންނަ އާދީއްތަ ދުވަހު އިޓާލިއަން ލީގުގައި ކްރޮޓޯންއާ ވާދަކުރާ މެޗާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޔޫކްރޭންގެ ޑީނަމޯ ކިއޭވްއާ ދެކޮޅަށް ނުކުންނަ މެޗެވެ. ލީގު މެޗުގައި ޔުވެންޓަސް ނުކުންނަ ކްރޮޓޯން މިވަގުތު އޮތީ ތާވަލުގެ ފުލުގަ އެވެ. ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ޑީނަމޯ ކިއޭވްއާ ދެކޮޅަށް ޔުވެންޓަސް ނުކުންނާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
ޔުވެންޓަސް އަށް މި މަހު އޮތް އެންމެ މުހިއްމު މެޗަކީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި 29 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗެވެ. ރޮނާލްޑޯ 14 ދުވަހުގެ އައިސޮލޭޝަން މުއްދަތު މި މަހުގެ 26 ގައި ހަމަވާއިރު ބެލެވޭ ގޮތުގައި އެމެޗުގައި ރޮނާލްޑޯ އަށް ކުޅެވޭނެ އެވެ.
Advertisement


Leave a Reply