ނަޑާލް ފްރެންޗް އޯޕަން ކާމިޔާބުކޮށް ފެޑެރާގެ ރެކޯޑާ ހަމަކޮށްފި

Advertisement

ނަޑާލް ފްރެންޗް އޯޕަން ކާމިޔާބުކޮށް ފެޑެރާގެ ރެކޯޑާ ހަމަކޮށްފި

ޢަބްދުﷲ އަޝްރަފް

ފްރާންސްގެ ޕެރިހުގައި ކުރިއަށްދިޔަ ފްރެންޗް އޯޕަން ޓެނިސް މުބާރާތް ސްޕެއިންގެ ރަފައެލް ނަޑާލް ކާމިޔާބުކޮށްފި އެވެ. މިއީ ދުނިޔޭގައި ބޭއްވޭ އެންމެ ޝަރަފްވެރި ޓެނިސް މުބާރާތްތަކުގެ ތެރެއިން އެއް މުބާރާތުގެ ޗެމްޕިއަންކަން ނަޑާލް ހޯދި 13 ވަނަ ފަހަރެވެ. އަދި، މި މުބާރާތުގެ ކާމިޔާބީ އާއެކު ނަޑާލް ވަނީ އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްގެން ސްވިޒަލޭންޑްގެ ތަރި ރޮޖަރ ފެޑެރާ ހަދައިފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ.

ވޭތުވެދިޔަ ތިން އަހަރުވެސް ފްރެންޗް އޯޕަން ކާމިޔާބުކޮށްފައިވާ ނަޑާލް މިފަހަރުގެ މުބާރާތުން ހޯދި ތަށްޓާއެކު އޭނާ ކާމިޔާބުކުރި ގްރޭންޑް ސްލޭމް މުބާރާތްތަކުގެ އަދަދު 20 އަށް އެރީ އެވެ. ގްރޭންޑް ސްލޭމް މުބާރާތްތަކަކީ ދުނިޔޭގައި ބޭއްވޭ އެންމެ ޝަރަފްވެރި ޓެނިސް މުބާރާތްތަކެވެ. ކޮންމެ އަހަރަކު މީގެ ހަތަރު މުބާރާތް ބޭއްވޭއިރު ފްރެންޗް އޯޕަންގެ އިތުރުން ގްރޭންޑް ސްލޭމް މުބާރާތްތަކުގެ ގޮތުގައި ކަނޑައަޅައިފައިވަނީ އޮސްޓްރޭލިއަން އޯޕަން އާއި ވިމްބަލްޑަންގެ އިތުރުން ޔޫއެސް އޯޕަން އެވެ. މީގެ ތެރެއިން ކޯވިޑް 19 އާ ގުޅިގެން، އިނގިރޭސި ވިލާތުގައި ބާއްވާ ވިމްބަލްޑަން ޓެނިސް މުބާރާތް މިއަހަރު ބާއްވައިފައެއް ނުވެ އެވެ.

Advertisement

ކުލޭ ކޯޓުގެ ރަސްގެފާނުގެ ނަމުން މަޝްހޫރުވެފައިވާ ނަޑާލް ރޭ ކުޅުނު ފްރެންޗް އޯޕަންގެ ފައިނަލް މެޗު ކާމިޔާބުކޮށްފައިވަނީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސާބިޔާގެ ނޮވާކް ޖޮކޮވިޗް އާ ވާދަކޮށް 0-6، 2-6 އަދި 5-7 އިންނެވެ. މި މެޗުގައި އުމުރުން 34 އަހަރުގެ ނަޑާލްގެ ފަރާތުން ފެނުނީ އާދަޔާ ހިލާފު މޮޅު ކުޅުމެކެވެ. ޓެނިހުގެ ހަބަރުތައް ދިރާސާކުރާ ގިނަ ބަޔަކު ބުނާގޮތުގައި މިއީ ފްރެންޗް އޯޕަންގެ ފައިނަލެއްގައި ނަޑާލްގެ ފަރާތުން ފެނުނު އެންމެ މޮޅު ކުޅުމެވެ. ރޭގެ މެޗު ނަޑާލް ކާމިޔާބުކޮށްފައިވަނީ 2 ގަޑިއިރާއި 41 މިނެޓްގެ ކުޅުމަކަށް ފަހު އެވެ.  ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ނަޑާލް އަށް ފްރެންޗް އޯޕަން ކާމިޔާބު ނުކުރެވި ދިޔައީ އެންމެ ތިން ފަހަރު އެވެ.

“މި ކޯޓުގައި ހޯދާ ކާމިޔާބީއަކީ އަހަރެންނަށް ވަރަށް ބޮޑު އެއްޗެއް. ތެދަށް ބުނަންޏާ 20 ވަނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށް ރޮޖަރ އާއި އެއްވަރުކުރެވުން އެއީ އަހަރެން މާބޮޑަށް ވިސްނައިގެން ހުރި ކަމެއް ނޫން. އަހަރެންނަށް މުހިއްމުވީ މި މުބާރާތް ކާމިޔާބުކުރުން. މިއީ އަހަރެންގެ ކެރިއަރުގެ އެންމެ މުހިއްމު ހަނދާންތައް ގުޅިފައިވާ މުބާރާތަކީ. މި ކޯޓްގައި ކުޅުމަކީ އަހަރެންނަށް ހިތްވަރު ލިބޭ ކަމެއް. މި ސިޓީ އާއި މި ކޯޓަށް އަހަރެންގެ ހިތުގައި އޮތް ލޯތްބަކީ ހަނދާނުން ފޮހެވޭނެ ކަންކަ،މެއް ނޫން.” މެޗަށްފަހު ވާހަކަ ދައްކަމުން ދުނިޔޭގެ ދެވަނަ ޓެނިސްކުޅުންތެރިޔާގެ މަގާމުގައި ހުރި ނަޑާލް ބުނެފައިވެ އެވެ.

ރޭގެ މެޗުން ބަލިވި އުމުރުން 33 އަހަރުގެ ޖޮކޮވިޗް ވަނީ މިހާތަނަށް 17 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ. ރޭގެ މެޗަކީ މިއަހަރުގެ ތެރޭގައި އޭނާ ކުޅުނު 39 މެޗުގެ ތެރެއިން އޭނާ ބަލިވި ދެވަނަ މެޗެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *