ނޭޝަންސް ލީގުގައި ޖަރުމަނު އަލަށް މޮޅުވެއްޖެ

Advertisement

ނޭޝަންސް ލީގުގައި ޖަރުމަނު އަލަށް މޮޅުވެއްޖެ

ޢަލީ ޝަހީމް

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ރަށުން ބޭރުގައި ޔޫކްރޭން އަތުން 2-1 އިން ޖަރުމަނު މޮޅުވެއްޖެ އެވެ. މިއީ މީގެ ދެ އަހަރު ކުރިން ބާއްވަން ފެށި މި މުބާރާތުގެ ތާރީހުގައި ޖަރުމަނަށް މޮޅެއް ލިބުނު ފުރަތަމަ ފަހަރެވެ.

ނޭޝަންސް ލީގުގެ 19-2018 ސީޒަނުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޕޯޗުގަލް އެވެ. އެފަހަރު އެއްވެސް މެޗަކުން މޮޅެއް ނުލިބި ޖަރުމަނު ދިޔައީ ގްރޫޕްގެ ފުލަށެވެ. ޖަރުމަނު ހިމެނުނު ގްރޫޕްގައި އެފަހަރު ހިމެނުނީ ފްރާންސާއި ނެދަލެންޑްސް އެވެ. އެ ފަހަރު ކުޅުނު ހަތަރު މެޗުން ޖަރުމަނަށް ލިބުނީ ދެ ޕޮއިންޓެވެ. 21-2020 ސީޒަނުގެ ނޭޝަންސް ލީގުގެ ކުޅުން މިހާރު ކުރިއަށްދާއިރު ޖަރުމަނު ފުރަތަމަ ކުޅުނު ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިފަހަރުގެ މުބާރާތުގައި ޖަރުމަނު ލައްވާލީ ގްރޫޕް އޭގެ ހަތަރު ވަނަ ގްރޫޕްގަ އެވެ. ޖަރުމަނުގެ އިތުރުން އެ ގްރޫޕްގައި ހިމެނެނީ ސްޕެއިން އާއި ސްވިޒަލެންޑް އަދި ޔޫކްރޭން އެވެ.

Advertisement

ޔޫކްރޭންގެ ކިއޭވްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗަށް ރޭ 20000 ސަޕޯޓަރުން ވަނީ ވަދެފަ އެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން ސަޕޯޓަރުން ވައްދަން ފެށިފަހުން އެންމެ ގިނަ އަދަދަކަށް ސަޕޯޓަރުން ދަނޑަށް ހާޒިރުވި އެއް މެޗެވެ. ސަޕޯޓަރުން ދަނޑަށް ވައްދަން ނިންމީ 70000 މީހުންގެ ޖާގައިގެ އެ ސްޓޭޑިއަމްގެ 30 ޕަސެންޓަށް ވާވަރަށް ސަޕޯޓަރުން ވައްދަން ޔޫކްރޭންގެ ހެލްތު އޮތޯރިޓީތަކުން ނިންމުމުންނެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ޖަރުމަނަށް ލީޑު ނަގައިދިން ލަނޑު ޖަހައިދިނީ ޑިފެންޑަރު މަތިއަސް ގިންޓާ އެވެ. ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައި ޖަރުމަނަށް ލީޑު ފުޅާކޮށްދިން ލަނޑު ޖަހައިދިނީ ބަޔާން މިއުނިކްގެ މިޑްފީލްޑަރު ލިއޯން ގޮރެޓްޒްކާ އެވެ. މިއީ ޔޫކްރޭންގެ ގޯލްކީޕަރު ޖިއޯޖީ ބުޝްޗާން އަށް ހެދުނު ގޯހަކުން ބޮލުން ގޮރެޓްޒްކާ ޖެހި ލަނޑެކެވެ. ގޮރެޓްޒްކާ ވަނީ ޖަރުމަނުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. ޔޫކްރޭންގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރުސްލާން މަލިނޯވްސްކީ އެވެ.

ރޭގެ މެޗުގައި ޖަރުމަނުގެ ފުރަތަމަ ލަނޑު ޖަހަން އެހީތެރިވެދިނީ މި ސީޒަނުގައި ޗެލްސީގައި ކުޅުމުގެ ފުރުސަތު ލިބިފައިނުވާ އެންޓޯނިއޯ ރުޑިގާ އެވެ. މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ރުޑިގާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރުޑިގާއާ އެކު ޗެލްސީ އަށް ކުޅޭ ޓިމޯ ވާނާ އާއި ކައި ހަވާޓްޒް ރޭގެ މެޗުގެ ދެ ވަނަ ހާފުގައި ކުޅެން އެރީ ބެންޗުންނެވެ.

މޮޅާ އެކު ޖަރުމަނަށް ވަނީ އެ ގްރޫޕްގައި ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ލިބިފަ އެވެ. ގްރޫޕްގެ އެއް ވަނައިގައި އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ސްޕެއިން އެވެ. ރޭ އަމިއްލަ ދަނޑުގައި ސްވިޒަލެންޑް އަތުން ސްޕެއިން މޮޅުވީ 1-0 އިންނެވެ. ތިން ވަނައިގައި އޮތް ޔޫކްރޭނަށް ތިން ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އޮތް ސްވިޒަލެންޑަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ސްވިޒަލެންޑް ކޮޅަށް ސްޕެއިންގެ ހަމައެކަނި ލަނޑު 14 ވަނަ މިނެޓުގައި ޖެހީ ރެއާލް ސޮސިއެޑާޑްގެ ފޯވާޑް މިކޭލް އޮޔާޒަބަލް އެވެ. މިއީ ސްވިޒަލެންޑް ގޯލްކީޕަރު ޔަން ސޮމާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ޖެހި ލަނޑެކެވެ. ރޭގެ ލަނޑަކީ ސްޕެއިނަށް ކުޅުނު އަށް ވަނަ މެޗުގައި އޭނާ ޖެހި ތިން ވަނަ ލަނޑެވެ.

ސްޕެއިން އިން ރޭ ވަނީ ވުލްވްސް އަށް ކުޅޭ 24 އަހަރުގެ އެޑަމާ ޓްރައޮރޭ އަށް ވާދަވެރި މެޗަކުން ފުރަތަމަ ފަހަރަށް ފުރުސަތުދީފަ އެވެ. މާލީގެ ހުށަހެޅުން ދޫކޮށް ސްޕެއިންގެ ގައުމީ ޓީމަށް ކުޅެން ނިންމި އެޑަމާ ވަނީ މިދިޔަ ހަފްތާ ސްޕެއިނުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ކުޅެފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *