މާޒިޔާ އިން ޕްރެކްޓިސް ފަށައިފި

މާޒިޔާ އިން ޕްރެކްޓިސް ފަށައިފި

ޢަލީ ޝަހީމް
އާ ސީޒަނަށް ތައްޔާރުވާން މާޒިޔާ އިން ބޭއްވި ފުރަތަމަ ފަރިތަކުރުންތަކުގެ ތެރެއިން. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ކުރިއަށް އޮތް ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން މިއަދު ހަވީރު ފަރިތަކުރުންތައް ފަށައިފި އެވެ. ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދިންފަހުން މާޒިޔާ އަކީ އާ ސީޒަނަށް ތައްޔާރުވާން ފެށި ފުރަތަމަ ޓީމެވެ.

ދިގު ބްރޭކަކަށް ފަހު ފުރަތަމަ ޑިވިޝަނުގެ އަށް ޓީމަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ރަސްމީކޮށް އެޗްޕީއޭ އިން ދިނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ފަރިތަކުރުންތައް ފެށުމުގެ ރަސްމީ ހުއްދަ ދިނީ އެޗްޕީއޭ އާއި އެފްއޭއެމް އަދި ޕޮލިހާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ އިތުރުން ޓެކްނިކަލް އެޑްވައިޒަރީ (ޓެގް) ހިމެނޭގޮތަށް ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ. ޕްރެކްޓިސް ކުރިއަށްދާއިރު ގައިޑްލައިންތަކުގެ ތެރެއިން ކަންކަން ކުރުމަށް ޓީމުތަކުގެ ކިބައިން ވަނީ އެދިފަ އެވެ. އަދި، ފަރިތަކުރުންތަކުގެ ހުރިހާ ކަމެއް ކުރިއަށްދާގޮތް އެޗްޕީއޭ އިން ބަލާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މި ހުއްދައާ އެކު މާޒިޔާގެ އިތުރުން އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސްޕަޓިސް) އަދި ކްލަބް ވެލެންސިއާ އިން ވެސް ކުރިއަށް އޮތް ހަފްތާތަކުގައި ފަރިތަކުރުންތައް ފަށާނެކަމަށް ބެލެވެ އެވެ.

މާޒިޔާގެ ބައެއް ކުޅުންތެރިން ފަރިތަކުރުންތަކުގައި. ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މާޒިޔާ އިން ފަރިތަކުރުންތައް ފެށިއިރު އެޓީމުން ވަނީ މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ވެސް އެޗްޕީއޭގެ ހާއްސަ ހުއްދައަކާ އެކު ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ. އެހެންނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެ މުބާރާތް ކުރިއަށް ނުގެންދަން އޭއެފްސީ އިން ނިންމުމުން މާޒިޔާ އިން ވަނީ ފަރިތަކުރުންތައް މެދުކަނޑާލައިފަ އެވެ. އޭއެފްސީ ކަޕް ކެންސަލް ކުރިއިރު އެ މުބާރާތުގައި މާޒިޔާ އާއި ޓީސީ ހިމެނޭ ދެކުނު އޭޝިއާ ފަޅީގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެން ހަމަޖެހިފައިއޮތީ ރާއްޖޭގަ އެވެ.

ކުރިއަށް އޮތް ސީޒަނުގައި މާޒިޔާގެ ކޯޗަކަށް ހުންނާނީ ޓީސީއާ އެކު ރަނގަޅު ކާމިޔާބީތަކެއް ހޯދައި ޒުވާން ގައުމީ ޓީމުތަކުގައި ވެސް މަސައްކަތްކުރި މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. މެސަޑޯނިއާގެ މަރްޔާން ސެކުލޮވްސްކީގެ މުއްދަތު ހަމަވެ އޭނާ މަގާމުން ވަކިވުމުން ނިޒާމްގެ މާޒިޔާގެ ކޯޗަކަށް ހަމަޖައްސައި އެންމެ ފުރަތަމަ މަސައްކަތް ފެށީ އޭއެފްސީ ކަޕަށް ތައްޔާރުވުމަށެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން އެންމެ ފުރަތަމަ ގެނައި ކުޅުންތެރިއަކީ މިދިޔަ ސީޒަނުގައި ގްރީން ސްޓްރީޓްސްގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު އުމެއިރު އެވެ. މިދިޔަ ސީޒަނުގައި އެ ކްލަބްގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް މިއަދުގެ ޕަރިތަކުރުންތަކުގައި ވަނީ ބައިވެރިވެފަ އެވެ. މާޒިޔާ ދޫކޮށްލި އެއް ކުޅުންތެރިއަކީ މިދިޔަ ސީޒަނުގެ ފަހުކޮޅު އެޓީމާ ގުޅުނު ޑިފެންޑަރު މުހައްމަދު ސާމިރު އެވެ. މިއަދުގެ ފަރިތަކުރުންތަކުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވެސް ވަނީ ބައިވެރިވެފަ އެވެ. ކުރިން ގައުމީ ޓީމާއި ކްލަބް ލެވެލްގައި މޮޅު ކުޅުމެއް ދައްކާފައިވާ އަޑުބަރޭ މާޒިޔާއާ ގުޅޭ ވާހަކަތައް އެންމެ ފުރަތަމަ ދެކެވުނީ އޭއެފްސީ ކަޕްގެ މެޗުތަކާއި ހަމައިންނެވެ. މިއަދުގެ ޕްރެކްޓިހުގައި އަޑުބަރޭ ބައިވެރިވި ނަމަވެސް އޭ އެ ކްލަބާ ގުޅުނުކަން ރަސްމީކޮށް އަދި އިއުލާންކޮށްފައެއްނުވެ އެވެ. އަޑުބަރޭ އެންމެ ފަހުން ގަލޮޅު ދަނޑުން ފެނުނީ 2018 ވަނަ އަހަރު ގްރީން ސްޓްރީޓްސް ޓީމާ އެކު އެވެ. މިދިޔަ ސީޒަނުގެ ބޮޑު ބައެއްގައި އަޑުބަރޭ ހުރީ އަނިޔާގަ އެވެ.

މިއަދުގެ ފަރިތަކުރުންތަކުގައި އަޑުބަރޭ. ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ކޮވިޑް-19 އާ ގުޅިގެން އެފްއޭއެމުން ވަނީ މިދިޔަ ސީޒަން މާޗް މަހުގެ ފަހުކޮޅު ކެންސަލްކޮށްފަ އެވެ. ސީޒަން ކުރުކޮށްލުމަށް ފަހު ނިންމާލަން ހަމަޖެއްސިއިރު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ މެޗުތައް ކުރިއަށް އޮތެވެ. އެފްއޭ ކަޕްގައި އޭރު އޮތީ ސެމީ ފައިނަލަށް ޓީމުތައް ހޮވިފަ އެވެ. ޕްރެޒިޑެންޓްސް ކަޕް ތާވަލްކޮށްފައި އޮތީ ސީޒަނުގެ ފަހު މުބާރާތުގެ ގޮތުގަ އެވެ. މާޗް މަހު ސީޒަން ކެންސަލް ކުރުމުން މިދިޔަ ހަ ވަރަކަށް މަސްދުވަހު ދިވެހި ގިނަ ކުޅުންތެރިން ތިބީ ފަރިތަކުރުންތަކާ ދުރުގަ އެވެ. އެކަމަކު އަމިއްލަ ގޮތުން ބައެއް ކުޅުންތެރިން ދިޔައީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.

އާ ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމުން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ. ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ކްލަބްތަކަށް ލިބުމާ އެކު އެ ތާރީހުގައި ސީޒަން ފެށުމުގެ ފުރުސަތު މިހާރު ބޮޑެވެ. ސީޒަން ހުޅުވާ މެޗުގައި ބައްދަލުކުރާނީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ އާއި ލީގުގެ ދެ ވަނަ ހޯދި ކްލަބް އީގަލްސް އެވެ. އީގަލްސް ސީޒަން ހުޅުވާ މެޗުގައި ވާދަކުރާނެ ކަމަށް ބެލެވެނީ އެފްއޭ ކަޕް ކެންސަލް ކުރުމާ އެކު އެ މުބާރާތުގެ ޗެމްޕިއަން ޓީމެއް ކަނޑަނޭޅޭތީ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.