އަހަރެންނަށް ރޮވުނީ ބާސެލޯނާ އިން ކަންކުރި އިހާނެތި ގޮތުން: ސުއަރޭޒް

އަހަރެންނަށް ރޮވުނީ ބާސެލޯނާ އިން ކަންކުރި އިހާނެތި ގޮތުން: ސުއަރޭޒް

ޢަލީ ޝަހީމް
ސުއަރޭޒް އެތުލެޓިކޯގެ ޖާޒީގައި. ބާސެލޯނާ އިން ކަންކުރި ގޮތުން ހިތަށް އަސަރުކުރި ކަމަށް ސުއަރޭޒް ވަނީ ބުނެފައި

ބާސެލޯނާ ދޫކޮށްލައި އެތުލެޓިކޯ މެޑްރިޑަށް ބަދަލުވުމުގެ ކުރިން ރޮވުނީ ބާސެލޯނާ އިން އޭނާއާމެދު ކަންކުރި އިހާނެތި ގޮތުންކަމަށް އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފި އެވެ.

ހަ އަހަރު ބާސެލޯނާގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު 33 އަހަރުގެ ސުއަރޭޒް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވީ މިދިޔަ ހަފްތާ ނިމުނު ޓްރާންސްފާ ބާޒާރުގަ އެވެ. ކްލަބް ދޫކޮށްލަން ނިންމުމަށް ފަހު ބޭއްވި ފަހު ޕްރެސް ކޮންފަރެންސްގައި ސުއަރޭޒް ވަނީ މީޑިއާގެ ކުރިމަތީ ރޮއެފަ އެވެ. އަދި، އެތުލެޓިކޯ އަށް ބަދަލުވުމަށް ފަހު ބާސެލޯނާ ދޫކޮށް ކާރުގައި ސުއަރޭޒް ދިޔައިރު ވެސް އެނާ ރުއި މަންޒަރުގެ ފޮޓޯތައް ވަނީ އާއްމުވެފަ އެވެ.

ބާސެލޯނާގެ ދުވަސްތައް ހަނދާން ކުރަމުން ސުއަރޭޒް ބުނީ އެ ކްލަބް ދޫކޮށް އެތުލެޓިކޯ އަށް ބަދަލުވާން ޖެހުނީ އުނދަގޫ ދުވަސްތަކެއް ތަޖުރިބާކުރުމަށް ފަހުގައި ކަމަށެވެ. ސުއަރޭޒް ބުނީ އެތުލެޓިކޯ އަށް ބަދަލުވުމުގެ ކުރިން ބާސެލޯނާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ސީނިއާ ޓީމާ އެކު ބައިވެރިވުމުގެ ފުރުސަތު އޭނާ އަށް ނުލިބުނު ކަމަށެވެ.

“އެއީ ވަރަށް އުނދަގޫ ދުވަސްތަކެއް. އަހަރެން ރުއީ ބާސެލޯނާގައި ކުރިމަތިލާން ޖެހުނު ކަންތައްތަކުގެ ސަބަބުން. އެ ހުރިހާ ކަމަކާ އެކު އަހަރެން ގަބޫލުކުރީ ބާސެލޯނާއާ އެކު އަހަރެން ހޭދަކުރި ދުވަސްތައް ނިމެނީކަން” ބާސެލޯނާގައި ހޭދަކުރި ފަހު ދުވަސްތަކުގެ ވާހަކަތައް ކިޔައިދެމުން ސުއަރޭޒް ބުންޏެވެ.

ލިވަޕޫލުން 2014 ވަނަ އަހަރު 74 މިލިއަން ޕައުންޑަށް ބާސެލޯނާ އަށް ބަދަލުވުމަށް ފަހު ސުއަރޭޒް ވަނީ އެ ކްލަބުން ހޯދި ގިނަ ކާމިޔާބީތަކުގައި ބޮޑު ހިއްސާއެއްވެފަ އެވެ. އެ ކްލަބާ އެކު ސުއަރޭޒް 2015 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު ސްޕެނިޝް ލަލީގާ ހަތަރު ފަހަރު އަދި ޑޮމެސްޓިކް ހަތަރު ތަށި ކާމިޔާބުކޮށްފައިވެ އެވެ. ބާސެލޯނާ ދޫކޮށްލިއިރު ސުއަރޭޒް ވަނީ އެ ކްލަބަށް 198 ގޯލު ޖަހައިދީ ކްލަބްގެ ތާރީހުގައި ލަނޑު ލިސްޓުގެ ތިން ވަނަ ހޯދައިފަ އެވެ.

“ކްލަބުގެ އެންމެންނަކަށް ނޭނގޭނެ ވީގޮތެއް. އެންމެ ދެރަކަމަކީ ޓީމުގެ އެހެން ގްރޫޕްތަކާ ވަކިން އަހަރެން ބަހައްޓައި ޕްރެކްޓިސް މެޗުތަކުން ވެސް ފުރުސަތު ނުދިނުން” ސުއަރޭޒް ބުންޏެވެ.

މިދިޔަ ސީޒަނުގައި ގޯލެއް ޖެހުމަށް ފަހު މެސީއާ އެކު ސުއަރޭޒް އުފާފާޅުކުރަނީ. މެސީ ވެސް ވަނީ ސުއަރޭޒް ބާސެލޯނާ އިން ދޫކޮށްލިގޮތުން ހިތްހަމަނުޖެހުން ފާޅުކޮށްފަ

ގިނަ އަހަރުތަކަކަށް ފަހު މިދިޔަ ސީޒަން ބާސެލޯނާ ނިންމާލީ ތައްޓެއްގައި އަތް ނުލެވި އެވެ. އެހެންވެ އެ ކްލަބަށް ބޮޑު ބަދަލެއް ގެންނަން ޖެހޭކަމަށް ތަޖުރިބާކާރުން ދިޔައީ ބުނަމުންނެވެ. ސުއަރޭޒް ހިމެނޭ ގޮތަށް ބައެއް ކުޅުންތެރިން ދޫކޮށްލާނެކަން ކްލަބުން ކުރިން ވަނީ ބުނެފަ އެވެ. އާ ކޯޗު ރޮނާލްޑް ކޫމަންގެ ޕްލޭންގައި ނުހިމެނޭތީ ސުއަރޭސް އެތުލެޓިކޯ އަށް ވިއްކާލިއިރު މިދިޔަ ސީޒަނުގައި ވެސް އޭނާ ބާސެލޯނާ އަށް 21 ގޯލު ޖަހައިދިނެވެ.

ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުމުގައި އަހަރެއް ބާކީ އޮއްވައި އެ ކްލަބް ދޫކޮށްލަން ޖެހުނު އަނެއް ސަބަބަކީ އޭނާގެ އާއިލާއިން އެކަން ބޭނުންވުން ކަމަށް ސުއަރޭޒް ބުންޏެވެ.

“އަހަރެންގެ އަނބިމީހާ އަށް ފެނުނު އަހަރެން ނުތަނަވަސްވެފައި ހުރިވަރު. އެތުލެޓިކޯ އިން ފުރުސަތު ލިބުމުން އަހަރެންނަށް ޔަގީންކަން ލިބުނު ހިތްހަމަޖެހުން ލިބޭނެކަން” އެތުލެޓިކޯ އަށް ބަދަލުވުމަށް ފަހު މިހާތަނަށް ދެ ލަނޑު ޖަހައިދީފައިވާ ސުއަރޭޒް ބުންޏެވެ.

ބާސެލޯނާ އިން ސުއަރޭޒް ދޫކޮށްލިގޮތުން އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވެސް ވަނީ ކްލަބަށް ފާޑު ކިޔައިފަ އެވެ. މެސީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ސުއަރޭޒަކީ ކްލަބްގެ ތާރީހު ދުށް އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށާއި، ސުއަރޭޒް ބާސެލޯނާ އިން ބޭރުކޮށްލި ގޮތަށް އެހެން އެއްވެސް ކުޅުންތެރިއަކު ބޭރުކޮށްލާތަން ދެކެން ބޭނުންނުވާ ކަމަށެވެ. އަދި ސުއަރޭޒާ މެދު އެއަށްވުރެ ރަނގަޅަށް ކަންތައްތައް ކުރަން ޖެހޭނެކަމަށް މެސީ ބުނެފައިވެ އެވެ.

އޭނާއާ އެއްކޮޅަށް މެސީ އާއްމުންގެ ތެރޭގައި ކުރި ކޮމެންޓުން އެއްވެސް ވަރަކަށް ހައިރާން ނުވާކަމަށާއި މެސީ ވަރަށް ރަނގަޅަށް އެނގޭކަމަށް ސުއަރޭޒް ބުންޏެވެ.

“މެސީ އަށް އެނގުނު އަހަރެން ތަޖުރިބާކުރަމުން ދިޔަ ހިތްދަތި ދުވަސްތައް. ހިތަށް އެންމެ ތަދުވީ ޓީމުން ބޭރުކޮށްލި ގޮތުން. ބާސެލޯނާ އިން ކަންތައްކުރިގޮތުން އަހަރެންނާއި އާއިލާއިން ކުރަން ޖެހުނު ހިތާމަ މެސީ އަށް އެނގޭނެ” ސުއަރޭޒް ބުންޏެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.