ޕްލަޓިނީ ފަހަތަށް ޖައްސާލުމަށް ފަހު ޖިރޫގެ އަމާޒު އޮންރީގެ ރެކޯޑަށް

ޕްލަޓިނީ ފަހަތަށް ޖައްސާލުމަށް ފަހު ޖިރޫގެ އަމާޒު އޮންރީގެ ރެކޯޑަށް

ޢަލީ ޝަހީމް

ރޭ އަމިއްލަ ދަނޑުގައި ފްރާންސުން 7-1 އިން ޔޫކްރޭން ބަލިކުރި މެޗުގައި ޗެލްސީގެ ފޯވާޑް އޮލިވިއޭ ޖިރޫ ޖެހި ދެ ލަނޑާ އެކު އެގައުމުގެ ލަނޑު ލިސްޓުގެ ދެ ވަނަ އޭނާ އަށް ލިބިއްޖެ އެވެ. ރޭގެ ލަނޑުތަކާ އެކު ޖިރޫ ވަނީ ކުރިން ދެ ވަނައިގައި މިޝޭލް ޕްލަޓިނީ ފަހަތަށް ޖައްސާލުމަށް ފަހު ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް ތިއެރީ އޮންރީގެ ރެކޯޑާ ގާތަށް ޖެހިލައިފަ އެވެ.

ފްރާންސްގެ ގައުމީ ޓީމަށް ކުޅުނު 100 ވަނަ މެޗުގައި ޖިރޫ ރޭ ދެ ލަނޑު ޖެހިއިރު އުމުރުން 17 އަހަރުގެ އެޑުއާޑޯ ކަމަވިންގާ ވަނީ ގައުމީ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދީފަ އެވެ. ދެން އެޓީމަށް ލަނޑުތައް ޖަހައިދިނީ ކޮރެންޓިން ޓޮލީސޯ އާއި އޮންޓުއަން ގްރީޒްމަން އަދި ކިލިއަން އެމްބާޕޭ އެވެ. މީގެ އިތުރުން ޔޫކްރޭންގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަނީ ލަނޑެއް ވަދެފަ އެވެ.

ދުނިޔޭގެ ޗެމްޕިއަން ފްރާންސް ފުޓްބޯޅަ ޓީމުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮންރީ އޮތީ 123 މެޗުގައި ޖެހި 51 ލަނޑާ އެކު އެވެ. 42 ލަނޑާ އެކު ޖިރޫ އަށް ދެ ވަނަ ލިބޭއިރު ތިން ވަނައިގައި އޮތް ޕްލަޓިނީ އޮތީ 41 ލަނޑާ އެކު އެވެ. ހަތަރު ވަނައިގައި އޮތީ 34 ލަނޑު ޖަހާފައިވާ ޑޭވިޑް ޓްރެޒެގޭ އެވެ. 32 ލަނޑާ އެކު ގްރީޒްމަން ފަސް ވަނައިގައި އޮތްއިރު 31 ލަނޑާ އެކު ހަ ވަނައިގައި އޮތީ ކުރީގެ ކެޕްޓަން އަދި މިހާރު ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން އެވެ.

މެޗަށް ފަހު ޖިރޫ ބުނީ ގައުމީ ޓީމަށް ލަނޑު ޖެހުމުގެ ރެކޯޑް ހެދުމުގެ ފުރުސަތު އޭނާ އަށް އެބައޮތް ކަމަށެވެ. އަދި، އުއްމީދަކީ ގައުމީ ޖާޒީގައި އިތުރު މެޗުތަކެއް ކުޅޭ ގިނަ ލަނޑުތަކެއް ޖެހުން ކަމަށް އޭނާ ބުނެފައިވެ އެވެ.

“އަހަރެން މިހުރީ ވަރަށް ފަހުރިވެރިވެފަ. ގައުމީ ޓީމަށް 100 މެޗު ކުޅުނުއިރު މިފަދަ ރެކޯޑައާ އެކު ނިންމާލެވުމުން އެއީ ވަރަށް ބޮޑު އުފަލެއް” ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު 34 އަހަރުގެ ފޯވާޑް ބުންޏެވެ.

ޖިރޫ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސް ކާމިޔާބުކުރިއިރު ހުރިހާ މެޗެއްގައި ވެސް ކުޅެފަ އެވެ. އެފަހަރުގެ ވޯލްޑް ކަޕްގެ އަށް މެޗު ނިންމާލިއިރު ޖިރޫ އަށް ލަނޑެއް ޖެހިފައެއްނުވެ އެވެ. އެކަމަކު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަންނަނީ އޭގެފަހުން ވެސް ޖިރޫ އަށް ފްރާންސް ޓީމުން ފުރުސަތު ދެމުންނެވެ. ޖިރޫ އަށް ގައުމީ ޓީމުން ފުރުސަތު ދޭތީ ކޯޗަށް ފާޑުކިއުން ވެސް އަމާޒުވެ އެވެ.

“ވަކި ޓާގެޓެއް ކަނޑައެޅުމެއް ނެތި އަހަރެން ބަލާނީ ކުރިއަށް. ބޭނުންވަނީ މި ފޯމު ދަމަހައްޓަން. ރެކޯޑް މުގުރާލާ ވާހަކަދައްކަން އަދި އަވަސް. އެކަމަކު ކޮންމެ މީހަކުވެސް އަމާޒެއް އޮންނަން ވާނެ. ފަހަރެއްގަ 46 ނޫނީ 47 ލަނޑު ޖެހިއްޖެ ނަމަ ވާގޮތެއް ބަލަމާ” އޮންރީގެ ގޯލް ރެކޯޑަށް އަމާޒު ހިފާކަމުގެ އިޝާރާތެއް ކުރަމުން ޖިރޫ މެޗަށް ފަހު ބުންޏެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.