ލަދުވެތި ބައްޔަށް ފަހު ކްލޮޕްގެ ބަސް: ކާކު ބޭނުންވާނީ މިހެން ބަލިވާން؟

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލަދުވެތި ގޮތަކަށް 2-7 އިން އެސްޓަން ވިލާ އަތުން ރަށުން ބޭރުގައި ޗެމްޕިއަން ލިވަޕޫލް ބަލިވި މެޗަށް ފަހު ކްލޮޕްގެ އުދާސްތައް ބޭރުކޮށްލައިފި އެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ކްލޮޕް ބުނީ ލިވަޕޫލުން ރޭ ގާއިމްކުރީ “ގޯސް” ތާރީހެއް ކަމަށާއި، އެގޮތަށް ބަލިވާން އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށެވެ.
މިއީ އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގައި 1953 ވަނަ އަހަރުގެ ފަހުން ލީގު ޗެމްޕިއަން ޓީމެއް ކޮޅަށް ހަތް ލަނޑު ވަން ފުރަތަމަ ފަހަރެވެ. 1953 ވަނަ އަހަރު ޗެމްޕިއަން އާސެނަލް ވަނީ ލީގުގައި ސަންޑަލެންޑް އަތުން 1-7 އިން ބަލިވެފަ އެވެ. އަނެއްކޮޅުން މިއީ 67 އަހަރުގެ ތާރީހުގައި ލިވަޕޫލުން ލީގުގައި ނެރުނު އެންމެ ދަށް ނަތީޖާ އެވެ. އެންމެ ފަހުން ލިވަޕޫލް ކޮޅަށް ލީގުގައި ހަތް ލަނޑު ވަނީ 1963 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުން ވެސް ލިވަޕޫލް ބަލިވީ 2-7 އިންނެވެ.
“ފުރަތަމަ ލަނޑަށް ފަހު މެޗު ގެއްލުނުހެން ހީވި. ކާކު ބޭނުންވާނީ 2-7 އިން ބަލިވާން؟. އަހަރުތަކެއް ކުރިން އަހަރެމެން އަމިއްލަ ނަފްސަށް ބުނިން ތާރީހުން ޖާގަ ހޯދަން ބޭނުންވާ ވާހަކަ. މި ނަތީޖާ އަކީ ގޯސް ގޮތަކަށް ތާރީހުން ލިބުނު ޖާގައެއް” މެޗަށް ފަހު ބީބީސީ އަށް ދިން އިންޓަވިއުއެއްގައި މާޔޫސްވެފައި ހުރި ކްލޮޕް ބުންޏެވެ.
ރޭގެ މެޗުގައި އެސްޓަން ވިލާގެ އޮލީ ވަޓްކިންސް ހެޓްރިކް ހެދިއިރު ޖެކް ގްރީލިޝް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ދެ ލަނޑު ޖަހައިދިނީ ޖޯން މެގިން އާއި ރޮސް ބާކްލީ އެވެ. މެޗުގައި ލިވަޕޫލްގެ ދެ ލަނޑު ވެސް ޖެހީ މުހައްމަދު ސަލާހް އެވެ.
މިދިޔަ ސީޒަނުގައި ލިވަޕޫލުން ލީގު ކާމިޔާބުކުރީ 30 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު 99 ޕޮއިންޓް ހޯދައިގެންނެވެ. ކްލޮޕްގެ ކޯޗުކަމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އައި ލިވަޕޫލް ވަނީ މިދިޔަ ސީޒަނުގައި ބަލިނުވެ ގިނަ މެޗުތަކެއް ޖެހިޖެހިގެން ކުޅެފަ އެވެ. އެޓީމު ފުރަތަމަ ފަހަރަށް ލީގުގައި ބަލިވީ ލީގު ފެށިތާ ހަ މަސް ފަހުން ފެބްރުއަރީ މަހުގެ ފަހުކޮޅު ވެޓްފޯޑް އަތުންނެވެ. ރޭގެ ބައްޔަކީ 2019 ވަނަ އަހަރުގެ ޖެނުއަރީގެ ފަހުން ލީގުގައި ލިވަޕޫލް ބަލިވި ހަތަރު ވަނަ މެޗެވެ.
“އަހަރެމެންނަށް ގިނަ ފުރުސަތުތަކެއް ލިބި ބޭނުންނުކުރެވި ދިޔަ. އެކަމަކު ހަތް ލަނޑު ވަނީމަ ނުބުނެވޭނެ 7-7 އިން މެޗު އެއްވަރުކުރެވުނީހޭ. ބައިވަރު ބޮޑެތި ގޯސްތަކެއް ޓީމުން ހެދި. ފުރަތަމަ ލަނޑުން ފެށިގެން މެޗުގައި ފެނުނީ ބޮޑެތި ގޯސްތަކެއް ހެދުނުތަން” ލިވަޕޫލާ އެކު ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނީ މެޗެއްގައި 1-0 އިން ބަލިވެފައި އޮވެދާނެ ކަމަށާއި، އެކަމަކު ރޭގެ މެޗުގައި ފެނުނީ ގެއްލޭ ކޮންމެ ބޯޅައެއްގައި އެސްޓަން ވިލާ އިން ނުރައްކާކުރިތަން ކަމަށެވެ. މެޗުގައި އެސްޓަން ވިލާ އިން ޖެހި ތިން ލަނޑެއް ގޯލުގެ ތެރެއަށް ވަނީ ލިވަޕޫލްގެ ކުޅުންތެރިންގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ. ކްލޮޕް ބުނީ އެއީ ބަދުނަސީބަކަށް ވެދާނެ ކަމަށް ބެލެވިދާނެ ކަމަށާއި، އެކަމަކު އެކަން އެގޮތަށް ވީ ރަނގަޅަށް ބްލޮކް ނުކުރެވުނީމަ ކަމަށެވެ. އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އޭނާ އާއި މުޅި ލިވަޕޫލް ޓީމުން ކަމަށް ކްލޮޕް ބުންޏެވެ.
އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ އަށް ނުކުޅެވުނު އިރު ލިވަޕޫލްގެ ގޯލު ބެލެހެއްޓީ ބަދަލު ކީޕަރު އެޑްރިއަން އެވެ. އަދި، ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ތިއާގޯ އަލްކަންޓަރާ އާއި ސަޑިއޯ މާނޭ ވެސް ހުރީ ޓީމާ ދުރުގަ އެވެ. މުހިއްމު ކުޅުންތެރިންތަކެއް ނުލައި ކުޅުނުއިރު، ބަދަލު ކީޕަރު އެޑްރިއަންގެ ފަރާތުން ވެސް ގޯސްތަކެއް ވަނީ ފެނިގެންގޮސްފަ އެވެ. ލީގު މެޗުތައް ދެން ކުޅޭނީ ބައިނަލްއަގްވާމީ މެޗުތަކަށް މެދުކަނޑާލުމަށް ފަހު ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ކްލޮޕް ބުނީ ބްރޭކަށް ފަހު ވެސް އެޓީމުގެ ކީޕަރު އެލިސަން ޓީމުގައި ހިމެނިދާނެކަމުގެ ޔަގީންކަން ނެތް ކަމަށެވެ.
މެޗަށް ފަހު އެސްޓަން ވިލާގެ ކޯޗު ޑީން ސުމިތު ބީބީސީ އަށް ބުނީ މިވަރުގެ ނަތީޖާއަކަށް ހުވަފެނުގައި ވެސް އުއްމީދު ނުކުރާކަމަށާއި މުޅި ޓީމުން ފެނުނީ އާދަޔާހިލާފު މޮޅު ކުޅުމެއް ކަމަށެވެ.
“މެޗު ފެށިގެން ނިމެންދެން ޓީމުން ދެއްކީ ވަރަށް މޮޅު ކުޅުމެއް. ތަފާތު މޮޅު އަދި ޑިފެންސް ވަރުގަދަ ޓީމަކާ ދެކޮޅަށް ލަނޑު ޖަހާނެ އެތައް ފުރުސަތެއް އަހަރެމެން ތަނަވަސްކުރިން. ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހުނު” ފުރަތަމަ ތިން މެޗުން މޮޅުވެ ލީގު ތާވަލުގެ ދެ ވަނައިގައި އޮތް ޓީމުގެ ކޯޗު މެޗަށް ފަހު ބުންޏެވެ.
ލީގުގެ ބްރޭކަށް ފަހު ލިވަޕޫލުން ނުކުންނާނީ ވާދަވެރި އެވަޓަންއާ ދެކޮޅަށެވެ. މި ސީޒަނުގެ ލީގުގައި ކުޅުނު ފުރަތަމަ ހަތަރު މެޗު ކާމިޔާބުކޮށް 12 ޕޮއިންޓާ އެކު އެވަޓަން އޮތީ އެއް ވަނައިގަ އެވެ. ލިވަޕޫލް ފަސް ވަނައިގައި އޮތީ ނުވަ ޕޮއިންޓް ހޯދައިގެންނެވެ.
Advertisement


Leave a Reply