ލެވަންޑޮސްކީ ހަތަރު ލަނޑު ޖަހައި ބަޔާން މިއުނިކް ހަމައަކަށް އަޅުވައިފި

Advertisement

ލެވަންޑޮސްކީ ހަތަރު ލަނޑު ޖަހައި ބަޔާން މިއުނިކް ހަމައަކަށް އަޅުވައިފި

ޢަލީ ޝަހީމް

ރޮބާޓް ލެވަންޑޮސްކީ ޖެހި ހަތަރު ލަނޑާ އެކު ޖަރުމަނު ބުންޑަސްލީގާގައި ރޭ ހާތާ ބާލިންއާ ދެކޮޅަށް ކުޅުނު މެޗު 4-3 އިން ބަޔާން މިއުނިކް ކާމިޔާބުކޮށްފި އެވެ.

އަމިއްލަ ދަނޑުގައި އުނދަގޫ މޮޅެއް ހޯދިއިރު ލީގުގައި މިދިޔަ ހަފްތާ ހޮފެންހެއިމްއާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން ވަނީ 4-1 އިން ބަލިވެފަ އެވެ. އެ ބައްޔަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ބަޔާން ލީގުގައި ބަލިވި ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަނުގައި ޖަރުމަނު ކަޕާއި، ބުންޑަސްލީގާގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ބަޔާނުން ވަނީ މި ސީޒަނުގެ ޔޫއެފާ ސުޕަރ ކަޕާއި ޖަރުމަނު ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. މިދިޔަ ހަފްތާ ހޮފެންހެއިމް އަތުން ބަލިވުމުގެ ކުރިން ބަޔާނުން ވަނީ 23 މެޗުން ޖެހިޖެހިގެން މޮޅުވެފަ އެވެ. އަދި، އޭރު އެޓީމުން ވަނީ 32 މެޗު ބަލިނުވެ ކުޅެފަ އެވެ.

މެޗު ފަށައިގެން ލެވަންޑޮސްކީގެ ދެ ލަނޑުން ބަޔާން ކުރީގައި އޮއްވައި ހާތާ ބާލިންގެ ޖޯން ކޯޑޯބާ އާއި މެތިއުސް ކުންހާގެ ލަނޑުތަކުން ވަނީ މެޗު އެއްވަރުވެފަ އެވެ. 2-2 އިން މެޗު އެއްވަރުވެފައި އޮއްވައި 32 އަހަރުގެ ލެވަންޑޮސްކީ ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 3-2 އަށް ހަދައިފަ އެވެ. ހާތާ ބާލިން އިން މެޗުގެ ނަތީޖާ ދެ ވަނަ ފަހަރަށް އެއްވަރުކުރީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޔެސިކް ގަންކަމް ޖަހައިދިން ލަނޑުންނެވެ. އެއްވަރުވާން ދަނިކޮށް ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ލެވަންޑޮސްކީ ބަޔާން މޮޅުކޮށްދިން ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

ލީގުގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ބަޔާން މިވަގުތު އޮތީ ހަތަރު ވަނައިގަ އެވެ. ލީގުގެ އެންމެ ކުރީގައި އޮތް އާރުބީ ލައިޕްޒިގާއި ދެ ވަނައިގައި އޮތް އޯސްބާގާއި ތިން ވަނައިގައި އޮތް އެއިންޓްރަކް ފްރެންކްފާޓަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ބަޔާންއާ އެއްވަރަށް ޕޮއިންޓް ލިބިގެން ބޮރޫޝިއާ ޑޯޓްމަންޓް އޮތީ ފަސް ވަނައިގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *